އިލެކްޝަންސް ކޮމިޝަން

ޝަރީފް އިސްތިއުފާ ދެއްވައިިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އާދަމް ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުން މިއަދު އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެކަމަކު ކުރިމަގުގައި ވެސް ރައްޔިތުންގެ ހިދުމަތުގައި ފެންނާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.

"ވޭތުވެދިޔަ ތިން އިންތިހާބުގައި އިހްލާސްތެރި އަމާނާތްތެރި ކަމާއެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން ލިބުނު،" ޝަރީފް ވިދާޅުވެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޝަރީފް އައްޔަންކުރީ 6 މާޗް 2018 ގައެވެ. ކޮމިޝަންގެ މެންބަރަކަށް އައްޔަންކުރުމުގެ ކުރިން ޝަރީފް ވަނީ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުވެސް ފުރުއްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވުމަށްފަހު ސިޔާސީ މައިދާނަށް ނިކުންނަވާނެ ކަމަށް ޝަރީފް ކުރިން ވިދާޅުވެފައިވެ އެވެ.

ޝަރީފްގެ އިސްތިއުފާއާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލުތަކަށް ޝަރީފް މިއަދު ޖަވާބު ދެއްވި ގޮތުން އޭނާ އިސްތިއުފާ ދެއްވީ ދައުލަތުގެ އިސް މަގާމަކަށް ވަޑައިގަތުމަށް ހުށަހެޅުމެއް ލިބިފައި އޮތުމުން ކަން ފާހަގަކުރެވެ އެވެ. އެކަމަކު އެ މައުލޫމާތު އަދި ހިއްސާކުރައްވަން އޭނާ ބޭނުންފުޅެއްް ނުވި އެވެ.

"އަޅުގަނޑު ކޮންމެ ނިންމުމެއް ވެސް ނިންމާނީ ވަރަށް ވިސްނާފައި. އަޅުގަނޑުގެ ހިދުމަތް ދެން ފެނިގެންދާ ގޮތް ބައްލަވާލައްވަމާތޯ" ޝަރީފް ވިދާޅުވި އެވެ.

އަތޮޅުވެރިކަމާއި ސުކޫލްތަކުގެ ޕްރިންސިޕަލް ކަން ވެސް ކުރިން ކުރައްވާފައިވާ ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި ހޭދަކުރެވުނު ތިން އަހަރަކީ އޭނާގެ ހަޔާތުގައި އެންމެ އުފާވެރި އަދި އެންމެ ހިތްދަތި ހަނދާންތައް ވެސް ގުޅިފައިވާ ދުވަސްތައް ކަމަށެވެ.

"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އަޅުގަނޑާ ދިމާލަށް ބަޔަކު ގޮވި އެއްޗެތި. އެތައް ތުހުމަތެއް ވެސް ކުރެއްވި ނޫންތޯ. އެއީ ހަނދާނުން ނުދާނެ ކަންކަން.،" ރިޔާސީ އިންތިހާބު ނިމުމުން މިހާރުގެ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ކުރެއްވި ތުހުމަތުތަކަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވީ ވާދަވެރި ތިން އިންތިހާބު ވަރަށް ރަނގަޅު އިންތިޒާމުތަކެއްގެ ތެރެއިން ބޭއްވިފައިވާތީއާއި އެކަމުގައި އިހްލާސްތެރި އަދި ތެދުވެރި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އަމިއްލަފުޅަށް ވެސް ގަބޫލުކުރައްވާތީ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަކީ ނުވަތަ ކޮމިޝަންގެ ރައީސްގެ ގޮނޑިއަކީ އަޅުގަނޑަށް ލިޔެފައިވާ މަގާމެއް ނޫން ކަން އަޅުގަނޑު ބޭނުންވޭ އަމަލުން ދައްކައިދޭން. އަދި ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދަން ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު ދޭން ވެސް އަޅުގަނޑު ބޭނުންވޭ،" އިސްތިއުފާ ދެއްވި ބައެއް ސަބަބުތައް ހިއްސާކުރައްވަމުން ވިދާޅުވެފައިވެ އެވެ.