ޑރ. އަހުމަދު އަބްދުﷲ ދީދީ

"ލޮކްޑައުނެއް ނެތް، އިންތިހާބު ފަސްކުރެވިގެން ނުވާނެ"

ރާއްޖެ މިވަގުތު އޮތީ ލޮކްޑްއުންގެ ހާލަތުގައި ނޫން ކަމަށާއި، ގާނޫނު އަސާސީއާ ހިލާފަށް ކައުންސިލް އިންތިހާބު ފަސް ނުކުރެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅު ވެއްޖެ އެވެ.

ޑީޑީ މިހެން ވިދާޅުވީ އަންނަ މާޗް މަހު ބާއްވަން ތާވަލު ކޮށްފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން އިއްޔެ ބުނެފައި ވަނިކޮށެވެ. އިލެކްޝަންގެ އެ ނިންމުން އައީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އެޗްޕީއޭ އިން އަންނަ ފެބުރުއަރީ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ދިގު ދަންމާލުމުން އެކަމަށް އޮތް މަގު ބަންދުވާތީ އެވެ.

އަހުމަދު އަބްދުﷲ ގެ ޓްވީޓް

ޑީޑީ މިއަދު ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އާ ހިލާފަށް ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި އާންމު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ދެމި އޮތަސް ރާއްޖެ އޮތީ ލޮކްޑައުންގެ ހާލަތުގައި ނޫން ކަމަށެވެ.

އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ބާރު ކަނޑުވާލުމުގައި ބައިވެރިވާ އެންމެހައި ފަރާތްތައް ގާނޫނީ ޒިންމާ އުފުލަންޖެހޭނެ ކަމަށާއި، ޖަވާބުދާރީ ކުރުވަން ވެސް ޖެހޭނެ ކަމަށެވެ.

ކައުންސިލް އިންތިހާބު ފަސް ކުރުމުން އިދިކޮޅު ވަރަށް ގިނަ ފަރާތް ތަކަކުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެހެން ހެދީ އިންތިހާބު އެމްޑީޕީ ބަލިވާނެތީ ބަހަނާ ދެއްކުމުގެ ގޮތުން ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.