އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ކެންޑިޑޭޓުންނަށް ހޯދައި ދިނުމަށް ގުޅުން ހުރި އެހެން މުއައްސަސާ ތަކާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު އާދަމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކެންޑިޑޭޓުން ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތެއް ނެތް ކަމަށް ބުނެ ޝަކުވާތަކާއި ފާޑު ކިޔުންތައް އުފެދިފައި ވަނިކޮށް އަވަސް އިން މިއަދު ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ އެ ކޮމިޝަނުން، އެޗްޕީއޭ މަޝްވަރާކޮށް، ކެމްޕޭނު ކުރުމުގެ ސިޔާސަތު ތަކާއި ބެހޭގޮތުން ގޮތެއް ކަނޑައަޅާ ގޮތްތަކެއް އިއުލާނު ކޮށްދޭން އެދިފައިވާނެ ކަމަށެވެ.
އަދި ވިދާޅުވީ ހުރިހާ ކެނޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިފައި އޮންނަން ޖެހޭނެ ކަމަށެވެ.
އެކި މަޝްރޫއުތައް އިފްތިހާހު ކުރުމުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސަރުކާރުގެ ބައެއް ވެރިން ރަށްރަށަށް ދަތުރުތައް ކުރައްވައި ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭނު ކުރަމުން ދެއެވެ. ނަމަވެސް މިއީ ކޮވިޑް-19 އިގެ ފިޔަވަޅުތަކެއް އޮތް ދުވަސްވަރެކެވެ. އެހެންވެ އިދިކޮޅަށް އެ ފުރުސަތު ނުލިބޭތީ ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.
މި މައްސަލަތައް އުފެދިފައިވާ އިރު އެމްޑީޕީގެ ކެންޑިޑޭޓުން ދޮރުން ދޮރަށް ކެމްޕެއިން ކުރާތީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. މުއިއްޒަކީ ޕީޕިއެމްގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލަށް ވާދަ ކުރައްވާ ކެންޑިޑޭޓެވެ. މުއިއްޒު އެއްސެވީ ކައުންސިލް އިންތިހާބުގައި މިހާރު ދޮރުން ދޮރަށް ފަދަ ކެމްޕޭނުތަށް ކުރުން ހުއްދަ ކުރީ ހެއްޔެވެ؟ އޭނާ އަކީ ވެސް ކެންޑިޑޭޓަކަށްވާއިރު އޭނާ ހުންނެވީ އެއީ އަދި މިވަގުތަށް މަނާކަމެއްކަމަށް ދެކެ ވަޑައިގެން ކަށެވެ.
އީސީގެ ރައީސް ވިދާޅުވީ ކެމްޕޭނު ކުރުމަކީ މަނާ ކަމެއް ނޫން ކަމަށާއި އެޗްޕީއޭގެ ގައިޑުލައިނާއި އެއްގޮތަށް ހުރިހާ ކެނޑިޑޭޓުން ވެސް ކެމްޕޭނު ކުރެވޭނެ ކަމަށެވެ.