ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެޗްޕީއޭގެ އުސޫލާ ހެދި އިންތިހާބުގެ ހަރަދު 95 މިލިއަނަށް

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެކުލަވާލާފައިވާ ގައިޑްލައިންއާ އެއްގޮތަށް ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން މިހާރު ބަޖެޓުކޮށްފައިވާ އަދަދަށްވުރެ އިތުރަށް 44.9 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގު ކުރައްވައިފަ އެވެ.

އެ ބިލުގައިވާ ގޮތުން ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެ ކަމަށް ބަޔާން ކޮށްފަ އެވެ.

ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ. އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެކަމަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.

އެއާއެކު، އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ކަނޑައަޅައި، އެކަން އިއުލާނުކޮށްފައިވާއިރު، މިހާރު ކުރިއަށްދާ އީސީގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ މިދިޔަ އަހަރު ބާއްވަންޖެހޭ އިންތިހާބަށް އީސީން އެންމެ ފުރަތަމަ ހުށަހެޅީ 71 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.

ނަމަވެސް، ފިނޭންސް މިނިސްޓްރީން މިހާތަނަށް ދީފައިވަނީ 51.6 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި، އެ އަދަދުން އޭރުވެސް އިންތިހާބު ބާއްވަން ވަރަށް ދަތިވީސް ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އިންތިހާބު ބާއްވަން އީސީގެ މައްޗަށް ގާނޫނުން ލާޒިމުކޮށްފައިވާއިރު، އެ އުސޫލުތަކާ ހެދި ހަރަދު ގާތްގަނޑަކަށް ދެ ގުނަވެގެންދާނެކަމަށް ލަފާކުރެވޭކަމަށް ފުއާދު ވިދާޅުވި އެވެ.

މިގޮތުން، އޮފިޝަލުން އިތުރުކުރަންޖެހުމާއި، ގައިދުރުމިން ކަށަވަރުކުރަން ފްލޯ މެނޭޖަރުން އިތުރުކުރުމާއި، ވޯޓުލާ މީހުންގެ ހުން ބެލުމާއި ތަން ޑިސްއިންފެކްޓު ކުރުން ފަދަ އެތައް ކަމެއް ކުރަންޖެހިފައިވާ ކަމަށެވެ.

"ކުރުކޮށް ދަންނަވަންޏާ، އާދައިގެ އިންތިހާބެއް ކުރަންނުޖެހޭ އެތައް ކަމެއް އެބަޖެހޭ ކުރަން،" ފުއާދު ވިދާޅުވި އެވެ.

އެގޮތުން، އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު، މިހާރު ބަޖެޓު ލިބިފައިވާ އަދަދަށްވުރެ 44.9 މިލިއަން ރުފިޔާއާއެކު، އިންތިހާބު ބޭއްވުމުގެ ހަރަދު 95 މިލިއަނަށް ވުރެ އިތުރުވާނެކަމަށް އޭނާ ހާމަކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންގައި އިންތިހާބުގެ ކަންކަމަށް ބެކްއަޕް ފޯސްއެއް ނަގަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެއީ ވޯޓުލާ މަރުކަޒެއްގައި ތިބޭ އޮފިޝަލުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވާ ހާލަތެއްގައި ބޭނުންކުރާނެ އޮފިޝަލުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ގޮތަށް ބަލާއިރު، މިހާރު އަންދާޒާކުރާ އަދަދަކީ ކޮންމެހެން އެކީގައި ކުރަންނުޖެހިދާނެ ހަރަދެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަޖެޓުގައި ޖަހަނީ ކޮންމެހެން އެ ހުރިހާ ފައިސާއެއް ހަރަދުކޮށް ހުސްކުރާ ގޮތަކަށް ނޫން. އެ ހަރަދެއް ކުރަންޖެހިދާނެކަމަށް. މިސާލަކަށް މީގެ ކުރިން ބޭއްވި ގިނަ އިންތިހާބުތަކުގައި ހަރަދުވެފައިވަނީ ބަޖެޓުކުރި އަދަދުގެ ތިން ބައި ކުޅަ ދެ ބައި،" ޝަރީފް ތަފްސީލުކޮށްދެއްވި އެވެ.

އެޗްޕީއޭ ކަނޑައަޅާ އުސޫލާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް އީސީއަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މިއަދުވެސް ޝަރީފް ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

ނަމަވެސް، މިހާރު ގާނޫނު އޮތް ގޮތުން، ގާނޫނުގައި ބަޔާންކުރާ މުއްދަތަށް ވުރެ ފަހުގެ ތާރީހެއް ކަނޑައެޅުމުގެ އިހުތިޔާރެއް އީސީއަށް ނެތް ކަމަށް ގާނޫނީ ޓީމުން ލަފާދީފައިވާކަމަށް އިތުރަށް ވިދާޅުވި އެވެ.

އިންތިހާބާބެހޭ ހާއްސަ ގާނޫނުން ބަޔާންކޮށްފައިވާ އެއް އަހަރު ދުވަހުގެ މުއްދަތު އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަށް ހަމަވާއިރު، އޭގެ ކުރިން އިންތިހާބު ނުބޭއްވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބުތައް ބަޔާންކޮށް އެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން އީސީން އެކަން މަޖިލީހަށް އަންގަންޖެހޭ ގޮތަށް މަޖިލީހުން ގެނައި އިސްލާހުތަކުގައި ހިމެނެ އެވެ.

އަދި އިންތިހާބު އެ މުއްދަތަށް ވުރެ ފަސްކުރަން ސިޔާސީ ޕާޓީތަކުގެ ލަފަޔަކަށް އެދުމުން، އެ ލަފާ ލިބިފައިނުވާކަމަށް ޝަރީފް ވިދާޅުވި އެވެ.

"ޕޮޒިޓިވް ރެސްޕޮންސެއް ނޫން ދެއްވާފައި އޮތީ. މަޝްވަރާ ދެއްވާފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ނުބޭއްވޭނެކަމަށް އީސީއަށް ފެނިއްޖެނަމަ، ސަބަބުތަކާއެކު އެކަން މަޖިލީހަށް ހުށަހަޅާނެކަމަށް ވިދާޅުވި އެވެ.