ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބު ބާއްވަން ގާނޫނު އިސްލާހުކުރާ ބިލެއް ސަރުކާރުން ހުށަހަޅަނީ

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ހުރަސްތައް ހައްލު ކުރުމަށް، އިންތިހާބު ފަސްކުރި ހާއްސަ ގާނޫނު އިސްލާހުކުރުމުގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

މި އަހަރުގެ އޭޕްރީލް މަހުގައި ބާއްވަން ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދަން މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ. އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.

އެއާއެކު، އީސީން ވަނީ މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ކަނޑައަޅައި، އެންމެ ލަސްވެގެން މިދިއަ ހޯމަ ދުވަހު ކުއްލި ހާލަތު އުވާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ކިބައިން އެދިފައި އެވެ.

ނަމަވެސް، ބަލިމަޑުކަމުގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތްކަމަށް ބުނެ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފަ އެވެ

އެ މުއްދަތު އިތުރު ކުރުމުން، މާޗް މަހު އިންތިހާބު ދެން ނުބޭއްވޭނެ ކަމަށް ބުނެ، އިންތިހާބު އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހަށް ތާވަލްކުރަން އީސީން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، އެކަމަށްޓަކައި މިހާރު ޗުއްޓީގައި އޮތް މަޖިލީހުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ގާނޫނު އިސްލާހުކޮށްދޭންޖެހޭކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އީސީން އަމާޒު ހިފާފައިވަނީ އޭޕްރީލް 13 ގައި ރޯދަ މަސް ފެށުމުގެ ކުރިން އިންތިހާބު ބޭއްވުމަށެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ބައެއް ހުރަސްތަކަށް ހައްލު ހޯދުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ކަމާބެހޭ ބިލެއް ސަރުކާރުން އެކުލަވާލަމުންދާ ކަމަށެވެ.

"އެ ބިލު ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހަޅާނަން،" ބަންޑާރަ ނައިބު ވިދާޅުވެފައި އެވެ.

ގާނޫނަށް ގެންނަ އިސްލާހާގުޅޭ ތަފްސީލެއް ނުދެއްވި ނަމަވެސް، ބެލެވޭ ގޮތުގައި އެ ގާނޫނު އިސްލާހުކުރަނީ ކުއްލި ހާލަތުގެ ތެރެއިން އިންތިހާބު ބޭއްވޭ ގޮތަށެވެ.

ގާނޫނު އިސްލާހުކުރުމުގެ ބިލެއް ސަރުކާރުން އެކުލަވާލަމުންދާއިރު، އެފަދަ އިސްލާހެއް ޑްރާފްޓް ކުރަން ފަށާފައިވާކަމަށް އީސީންވެސް މީގެ ކުރިން ވަނީ ބުނެފައި އެވެ.