ރައީސް އަބްދުﷲ ޔާމީން

މިފަހަރު އެންމެ ވޯޓެއްވެސް ވަގަށް ނެގިޔަ ދީގެން ނުވާނެ: ޔާމީން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ވޯޓެއް ވަގަށް ނެގަން ވެސް ފުުރުސަތު ދީގެން ނުވާނެ ކަމަށް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ހުރައަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކަންކަން ވެގެންދިޔަ ގޮތަކަށް ކަންކަން ވުމުގެ ފުރުސަތު މިފަހަރު ނުދެއްވުމަށް ޕީޕީއެމްގެ ހުރިހާ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. -- ރައީސް ޔާމީން ވަނީ އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވަން ދެކޮޅު ހައްދަވާފަ އެވެ. އަދި އިންތިޚާބުގައި ބޮޑެތި މަކަރުތަކެއް ހަދާފައިވާ ކަމަށް ވިދާޅުވެ ކޯޓަށް ވެސް ވަޑައިގެންނެވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ފަދަ އިލެކްޝަންސް ކޮމިޝަނެއް ނެތްކަމަށާއި ލޯކަލް ކައުންސިލް އިންތިޚާބަކީ ޕީޕީއެމްގެ ސަޕޯޓަރުން ވަރަށް ބޮޑަށް ފާރަވެރިވާންޖެހޭ އިންތިޚާބެއް ކަމަށެވެ.

"މިފަހަރު އެންމެ ވޯޓެއް ވެސް ވަގަށް ނެގިޔަ ދީގެން ނުވާނެ. އަމާނާތްތެރިކަން ގެއްލިފައި ތިބި ބަޔަކު އެ ތިބީ އެތަނުގައި." އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވި އެވެ. ދެން ވިދާޅުވީ ޕީޕީއެމްގެ ސަފުތައް ބަދަހިކޮށް ވަރުގަދަ ކުރަންވީ ވަގުތަކީ ވެސް މިއީ ކަމަށެވެ.

މިފަހަރު އެންމެ ވޯޓެއްވެސް ވަގަށް ނެގިޔަ ދީގެން ނުވާނެ... އަމާނާތްތެރިކަން ގެއްލިފައި ތިބި ބަޔަކު އެ ތިބީ އެތަނުގައި
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް

ހުރާގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސް ޔާމީން ވަނީ މި ސަރުކާރުގެ އިގްތިސޯދީ އަދި ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތަރައްގީގެ އައު މަޝްރޫއެއް ފެށިފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި ނިމިގެންދިޔަ ފަސް އަހަރު ކުރަން ފެށި ބޮޑެތި މަސައްކަތްތައް ނިންމާނެ ގޮތެއް ނޭނގިގެން މި ސަރުކާރުން އުޅެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ދެ ޕާޓީގެ ހަރަކާތްތައް ކުރިއަށްދާއިރު، ސަރުކާރު އޮތީ ހިރިލަން ވެސް ނުކުރެވިފައި ކަމަށެވެ. މާލޭގައި ޖަލްސާއަކަށް ގޮވާލިޔަސް އެ ޖަލްސާއެއް ބާއްވާ ތަނެއްގެ ވަށައިގެން ފެންނާނީ ރައީސް ޔާމީންގެ ތަރައްގީ ކަމުން ޖަލްސާއެއް ބާއްވަން ވެސް ސަރުކާރަށް ތާއީދުކުރާ ޕާޓީތަކަށް ނުކެރޭ ކަމަށެވެ.

"އެއް ފަރާތުން ބަލާލާއިރު ބުރިޖް ފެންނާނެ، އަނެއް ފަރާތުން ބަލާލާއިރު މި ފެންނަނީ ސަލްމާން މިސްކިތް. އެހެންވީމަ މި މީހުން މި ތިބީ އަނގޮޅިއެއްގައި ތާށިވެފައި ރައީސް ޔާމީންގެ ތަރައްގީގެ ތެރޭގައި."