ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ދާނީ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމުން އަހުމަދު ޝަރީފް އާދަމް ވަކި ކުރުމުން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އީސީގެ ރައީސް ކަމުގައި ޝަރީފް ހުންނަވަައިގެން މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
އެހެންކަމުން، އީސީގެ ރައީސްކަމުން ޝަރީފް ވަކިކުރުމަށްފަހު، އެ މަގާމަށް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ހަމަޖެއްސުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
"އޭނާ [ޝަރީފް] އާއެކު އިންތިހާބަކަށް އަޅުގަނޑުމެން ނުދާނަން. އިންތިހާބު އޭނަ ހުރެގެން މިނިވަން ނުވާނެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ފުއާދު ތައުފީގަށް. ޕީޕީއެމްއިން ބޭނުން ވަނީ ފުއާދު ތައުފީގު ރައީސަކަށް ބަހައްޓައިގެން އިންތިހާބަށް ކުރިމަތިލާން،" ޝުޖާއު ވިދާޅުވި އެވެ.
ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކުރެއްވިއިރު، އީސީގެ ރައީސަކަށް ހުންނެވީ ފުއާދެވެ.
މިދިއަ ރިޔާސީ އިންތިހާބު އިދިކޮޅަށް ނާކާމިޔާބުވީ، ޝަރީފް އިސްވެ އީސީން މަކަރު ހަދައި، އޮޅުވާލައިގެންކަމަށް ޝުޖާއު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
"އަޅުގަނޑުމެންނަށް އެނގޭ އެމަނިކުފާނު [ފުއާދު] ހުރެގެން އިންސާފުވެރި އިންތިހާބެއް ބާއްވާނެކަން. އެއީ އަޅުގަނޑުމެން ބޭނުންވާ ވެރިއަކީ އެތަނަށްލާން. އަޅުގަނޑުމެންގެ އިތުބާރު އޮތީ ފުއާދަށް،" ޝުޖާއު ވިދާޅުވި އެވެ.
މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ހަމަޖެހުނު ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑުގެ ސަބަބުން ވަނީ ފަސްކުރެވިފައެވެ. މިހާރު އިންތިހާބު ބާއްވަން ލަފާކޮށްފަ ވަނީ އަންނަ އަހަރުގެ މާޗް މަހުގައި ކަމަށް ވާއިރު އީސީން ބުނީ އަންނަ އަހަރުގެ ޖެނުއަރީ ފެށޭއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލައިފިނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.
ޝުޖާއު މިއަދު ވިދާޅުވީ، އިންތިހާބު ބާއްވަން ސަރުކާރުގެ ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ބޭނުންނުވާ ކަމަށެވެ.