މިއީ، ރާއްޖޭގެ މައި އެއާޕޯޓުގައި މިހާރު ބަނދެފައިވާ ބިޔަ ތެޔޮ ތާންގީތައް ސިފަ ކުރަން އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެ އެވެ؛ އެކަމަކު ހަމަ ބުނެވޭނީ އުސްކަމުން ބޮލުގައި އޮންނަ ވެއްޓޭ ވަރަށް ބެލިއަސް މައްޗެއް ނުފެނެ އެވެ. ވައްކަމުން ގޮސް އެއް ފަރާތުން އަޑު ހަރުކޮށް ގޮވިއަސް އަނެއް ފަރާތުގައި ހުންނަ މީހާއަށް އެ އަޑެއް ނީވޭނެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިހާރު ބަންނަމުން ގެންދާ ތާނގީ ތަކަކީ މި ސަރަހައްދުގެ އެއާޕޯޓެއްގައި ހަދާ އެންމެ ބޮޑެތި ތެޔޮ ތާންގީ ތަކަށް ވާނެ އެވެ. މި ތާންގީތަކުގެ ސައިޒު އެންމެ ރަނގަޅަށް އެނގޭނީ މިއަށް ތެޔޮ އަޅައިލެވޭ ވަރުންނެވެ. މީގެ އެންމެ ތާންގީ އަކަށް މުޅި އެއާޕޯޓުގައި މިހާރު ހުރި ތެޔޮ އެއްކޮށް ހުސްކޮށްލެވިދާނެ އެވެ.
"މި ރީޖަން [ސާކް] އަށް ބަލާއިރު އެހެން ގައުމެއްގެ އެއާޕޯޓެއްގައި މިވަރުގެ ޓޭންކެއް ނުހުންނާނެ. މިއީ ދުރުން ތެޔޮ ގެނެސް ފަސޭހަ އިން ފިލް ކޮށްލެވޭނެ ގޮތް ހުރުން. ނަމަވެސް އެއާ ފީލްފްޑް [އެއާޕޯޓެއް] ގައި މިވަރުގުގެ ސްޓޯރޭޖެއް އިން އެއާޕޯޓަކަށް މިތަން ވާނެ،" އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ނިޔާޒު ވިދާޅުވި އެވެ.
ވީއައިއޭ ތަރައްގީ ކުރަން ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ ދަށުން ބަންނަމުން ގެންދާ ތެޔޮ ތާންގީތައް ވެސް އަންނަ އަހަރުގެ ފަހުކޮޅަށް ނިމޭނެ އެވެ. މި މަޝްރޫއު ވެސް ކުރިއަށް ގެންދަނީ އެއާޕޯޓުގެ 800 މިލިއަން ޑޮލަރުގެ (ގާތްގަނޑަކަށް 12.3 ބިލިއަން ރުފިޔާ) މަޝްރޫއު ކުރިއަށް ގެންދާ ޗައިނާގެ ބީޔޫސީޖީންނެވެ.
މި މަޝްރޫއުގެ ދަށުން ހަދާ ފިއުލް ފާމްގައި ތިން ތާންގީ ހުރެ އެވެ. މި ފާމް ތައްޔާރު ކުރަނީ ތެޔޮ ތާންގީތައް އިތުރު ވެސް ކުރެވޭ ގޮތަށެވެ. މި ފާމްގައި ބަނދެ ބަހައްޓާ ކޮންމެ ތާންގީއެއްގައި 15،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ އެވެ. މިހާރު މުޅި އެއާޕޯޓަށް ލިބެނީ ވެސް 15،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރުމުގެ ގާބިލް ކަމެވެ.
މީގެމާނައަކީ އަލަށް ބަހައްޓާ އެންމެ ތާންގީއަކަށް މުޅި އެއާޕޯޓުގައި މިހާރު ހުރި ހުރިހާ ތެލެއް އެކަށް އަޅައި ލެވޭނެ އެވެ. މި ތާންގީތަކުގެ އުސް މިނުގައި 44 ފޫޓު ހުރެ އެވެ. އަދި އެތެރޭގެ ވަށަމިނުގައި 121.391 ފޫޓު ހުރެ އެވެ. މި ތާންގީތައް ނިމުމުން މުޅި އެއާޕޯޓުގައި ތެޔޮ ރައްކާ ކުރުމުގެ ގާބިލްކަން 45،000 މެޓްރިކް ޓަނަށް އިތުރު ވެގެންދާނެ އެވެ.
މަސައްކަތް ނިމުމުން ބޮޑެތި ފައިދާތަކެއް
ގުދުރަތީ ގޮތުން ރާއްޖެ އޮތް ތަނުން މި ސަރަހައްދު ވެގެން ދަނީ ވިޔަފާރީގައި ވެސް މައި މަގަކަށެވެ. އެންމެ އިހު ޒަމާނުގައި ވިޔަފާރީގެ މުހިންމު މަގަކަށް ރާއްޖެ ވެގެން ދިޔަ ގޮތަށް މިހާރު ވެސް އެކަން އޮތީ އެގޮތަށެވެ. ކަނޑުގެ މަގެކޭ އެއްގޮތަށް ވައިގެ މަގުން އަންނަ ޓްރެފިކް ވެސް ރާއްޖެ އަށް އެހާ ބޮޑެވެ. ހާއްސަކޮށް ރާއްޖެ ހުރަސްކޮށް ކޮންމެ ދުވަހަކު އެތައް ސަތޭކަ ފްލައިޓެއް ދަތުރު ކުރާއިރު ރާއްޖެއިން ތެޔޮ އަޅައި ދިނުމުގެ ހިދުމަތް ދިނުމަކީ ވަރުގަދަ ކޮށް ފުޅާ ކުރެވިދާނެ ވިޔަފާރިއަކަށްވާނެ ކަމަށް އަބަދުވެސް އޮތީ ގަބޫލް ކުރެވިފައެވެ. އަދި މާހިރުން އައީ އެކަމަށް ލަފާ ދެއްވަމުންނެވެ. އެހެން ނަމަވެސް މިހާތަނަށް މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވީއައިއޭ ތަރައްގީ ނުވެ އޮތުމެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި މިހާރު އެއާޕޯޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ވެސް ތެޔޮ ރައްކާ ކުރެވޭނެ ކެޕޭސިޓީ ނެތުމެވެ.
"މިހާރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ގެންނަން ޖެހޭ ޕާރިސަލް ކުޑަވެ، ސައިޒް ކުޑަ ވުން. މިހެންވުމުން އަގު މަތިވެގެންދޭ. މީގެ ބަދަލުގައި ތެޔޮ ހިފައިގެން އަންނަ ބޮޑެތި ބޯޓު ފަހަރު ގެންނަން ފެށުމުން ފްރައިޓް ކުޑަ ކުރެވޭނެ. އޭގެ ސަބަބުން އަގު ކުޑަ ވެގެންދާނެ،" ނިޔާޒު ވިދާޅުވި އެވެ.
އާ ފިއުލް ފާމް ތަރައްގީ ކުރަމުން ގެންދަނީ ހަމައެކަނި ޓޭންކްތަކެއް ބަހައްޓާ ގޮތަކަށް ނޫނެވެ. ޓޭންކްތައް ބެހެއްޓުމަށްފަހު މުޅި އެއާޕޯޓުގެ އަޑީގައި ތެޔޮ ހޮޅިތަކެއް އަޅާނެ އެވެ. މީގެ ސަބަބުން މިހާރު ތެޔޮ އަޅަން ލޮރީ ބޭނުން ކުރި ނަމަވެސް އޭގެ ފަހަށް ލޮރީ ބޭނުން ނުކޮށް ތެޔޮ އެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ނިޔާޒު ވިދާޅުވި ގޮތުގައި މި ނިޒާމު ބޭނުން ކޮށްގެން ތެޔޮ އަޅާނީ ހާއްސަ ނެޓްވޯކެއް މެދުވެރިކޮށެވެ.
"މިހާރު މި އެޅެނީ އެއް ފަހަރާ ވެސް ލިމިޓެޑް ވަރެއް. ލޯރީގައި މި ގެންދެވެނީ 50،000. އަންނަ ލިމިޓެޑް ސަޕްލައިއެއް ލިބިގެން ދާނެ ފްލައިޓްތައް ޑިލޭއެއް ނާން ގޮތަށް،" ނިޔާޒު ވިދާޅުވި އެވެ.
ޓެކްނިކަލް ސްޓޮޕަކަށް ޕްރޮމޯޓް ކުރާނެ
އެއާޕޯޓް ތަރައްގީ ކުރަމުންގެން ދަނީ މަތިންދާ ބޯޓް ޕާކު ކުރަން ހާއްސަ ޖާގައެއް ވެސް އޮންނަ ގޮތަށެވެ. އެ ބައި ނިމުމާއެކު މަތިންދާ ބޯޓު ޕާކު ކުރެވޭނެ ޖާގަ އިތުރު ވެގެންދާނެ އެވެ. އެއާޕޯޓް ނިމުމުން ޓެކްނިކަލް ސްޓޮޕަށް ވެސް ޕްރޮމޯޓް ވެގެންދާނެ އެވެ.
"އޭރުން ޓެކްނިކަލް ސްޓޮޕް ކޮށްލައި ފިއުލް އަޅައިގެން ދާން އިޝްތިހާރު ކުރަން ފެށޭނެ،" ނިޔާޒު ވިދާޅުވި އެވެ.
މި ވަރުގަދަ އާ ފިއުލް ފާމް އަންނަ އަހަރު ނިމޭނެ އެވެ. ނިމުމާއެކު ވިޔަފާރީގެ މުޅިން އާ ފުރުސަތުތަކެއް އެމްއޭސީއެލްއަށް، ރާއްޖެއަށް ހުޅުވިގެން ދާނެ އެވެ. ރާއްޖެއަށް އާމްދަނީގެ އާ ދޮރުތަކެއް ވެސް ހުޅުވިގެންދާނެ އެވެ. އެކަމަށް ތައްޔާރުވާން މިހާރު ހަދަމުންދާ ބިޔަ ތާންގީތައް މުހިންމު ދައުރެއް އަދާކުރާނެ އެވެ. މީގެ އެންމެ ތާންގީއަކުން ވެސް މުޅި އެއާޕޯޓް ހިފަހައްޓާނެ އެވެ.