ފޮރިން މިނިސްޓްރީ

ބޯޑަރުތަކުގައި ބޭނުންކުރާނެ ސިއްހީ ދާއިރާގެ ވަސީލަތްތަކެއް ހަދިޔާކޮށްފި

އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް މައިގްރޭޝަން (އައިއޯއެމް)އާއި ޖަޕާން ސަރުކާރު ގުޅިގެން ރާއްޖޭގެ ބޯޑަރުތަކުގައި ސިއްހީ ގާބިލްކަން އިތުރުކުރުމަށް ސިއްހީ ކަންތައްތައް ބަލާނެ އާލާތްތަކެއް ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ސީޕްލޭން ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތުގައި މިތަކެއްޗާ ހަވާލުވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

ގައުމަށް އެތެރެވާ މީހުންގެ ސަބަބުން ގައުމަށް އެތެރެވާ ބަލިތައް ދެނެގަތުން މުހިއްމުކަން ފާހަގަކުރައްވާ މިރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވިދާޅުވީ ބޭރުން ރާއްޖެއަށް އަންނަ މީހުންގެ ފަރާތުން ޖެހޭ ބަލިތައް ފުރަތަމަ މަރުހަލާގައި ދެނެގަތުން މުހިއްމު އެއްތަނަކީ އެއާޕޯޓް ކަމަށް ހަލީލް ވިދާޅުވި އެވެ.

އެގޮތުން ކޮވިޑް 19އަށް އިޝާރާތް ކުރައްވާ ހަލީލް ވިދާޅުވީ ކޮވިޑް 19 އިން ދަސްވެގެންދިޔަ ފިލާވަޅަކީ ސިއްހީ ގޮތުން ދިމާވެދާނެ ކަމަކަށް ބޯޑަރުތައް ތައްޔާރުވެފައި އޮތުން މުހިއްމުކަން އަންގައިދިން ހާދިސާއެ އްކަމަށްވެސް ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ހަދިޔާކުރެވުނު އިކުއިޕްމަންޓްތަކާ އެކު ހެލްތް ސްކްރީނިން ވަރުގަދަވެ އެސެސްމަންޓް އަވަސްވެގެންދާނެ ކަމަށެވެ.

"އެސެސްމަންޓް އަވަސްވެގެންދާނެ. މި ހުރިހާ ކަމެއްވެސް ކުރާނީ ސިއްހީގޮތުން ބަލަންޖެހޭ އެންމެހައި ކަންކަމަށް ބެލުމަށްފަހު. ފިޒިކަލް ކޮންޓެކްޓްވުން މަދުވެ، ދަތުރުވެރިންގެ މެދުގައި އިތުބާރާއި ޔަގީންކަން އިތުރުވެ، ފަތުރުވެރިކަމަށް އެހީތެރިވެދޭނެ،" ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އައިއޯއެމްއާއި ޖަޕާން ސަރުކާރުގެ އެހީގައި ހަދިޔާކުރި ވަސީލަތްތަކުގެ ސަބަބުން
ރާއްޖެއަށް އެތެރެވާ މީހުންގެ ސިއްހީ ރައްކާތެރިކަން އިތުރަށް ބެލި ޔަގީންކުރެވިގެން ދާނެ ކަމަށެވެ.

މިއަދު ހަދިޔާކުރި ވަސީލަތްތައް ބޭނުންކުރާނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ގައެވެ.

ހަދިޔާކުރި ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ ޑިޖިޓަލް ފުލް ބޮޑީ ސްކޭނަރަކާއި، އެމްބިއުލާންސާއި، ޕޯޓް ހެލްތްގައި ބޭނުންކުރުމަށް ވެހިކަލްތަކާއި، މެޑިކަލް އެހެން ބައެއް ސާމާނުތައް ހިމެނެ އެވެ. މުޅި މިޕްރޮޖެކްޓްގެ އަގު 8.4 މިލިއަން ޑޮލަރަށް އަރަ އެވެ.