އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ނަޝީދު ހުންނަވައިގެން ޖީއެމްއާރް ކުންފުންޏަށް ދިގު މުއްދަތަކަށް އެއާޕޯޓް ދިނުމަށް ނިންމީ ޖޫން 28، 2010 ގައެވެ. ޖީއެމްއާރްގެ އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލްކުރީ ނޮވެމްބަރު 27، 2012 ގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. އެއާޕޯޓް ތަރައްގީ ކުރަން ވަރަށް ބޮޑު ޕްލޭނެއް އެ ކުންފުނިން ގެންގުޅުނު ކަަމަށް އޭރުގެ ސަރުކާރުން ބުންޏެވެ. ނަމަވެސް ރައީސް ވަހީދު އާއި އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީން އަދި ގިނަ ސިޔާސީ ލީޑަރުންގެ ނަޒަރުގައި ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ވަރަށް ބޮޑު ގޯހެކެވެ. މިހާރު ސަރުކާރުގައި އޮތް އެމްޑީޕީ ފިޔަވާ އެހެން ހުރިހާ ޕާޓީތަކުން އެކަމާ ދެކޮޅު ހެދި އެވެ. ކޯލިޝަންގައި ތިއްބެވި ރައީސް މައުމޫނާއި ގާސިމް އިބްރާހިމް އަދި އިމްރާން އަބްދުﷲ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅުގައި ރައީސް ނަޝީދުގެ ސަަރުކާރުން ޖީއެމްއާރާއެކު ފައްޓަވާފައި ވަނީ ވަރަށް ބޭނުންތެރި މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއު ހުއްޓުވުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުން ދިވެހި އިގްތިސާދަށް ކުރިއެވެ.
ރައީސް ވިދާޅުވީ ޖީއެމްއާރުން މަސައްކަތް ފެށީ އަހަރަކު ހަތް މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ ފަދަ އެއާޕޯޓަކަށް ވީއައިއޭ ބަދަލު ކޮށްލެވުމަށެވެ. ފިޔަވަހިތަކަކަށް އޮތް މަޝްރޫއު ކުރިއަށް ދިޔަނަމަ މިއަދު ތިން މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ ފަދަ ތަނަކަށް އެއާޕޯޓް ބަދަލުވެފައި އޮތީސް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއާޕޯޓް އެޅުމުގައި އޭގެ ކުރީ ސަރުކާރުން [ރައީސް ނަޝީދުގެ ސަރުކާރު] ޖީއެމްއާރާއެކު ކޮށްފައި އޮތް ތަރައްގީގެ މަޝްރޫއަކީ ވަރަށް ބޭނުންތެރި މަޝްރޫއެއް. އެކަން ހުއްޓާލި ހުއްޓާލުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކޮށްފައިވޭ. 2015 ވަަނަ އަހަރު އެހެން ނޫންނަމަ އެތާ އޮންނާނީ ހަތް މިލިއަން ޓޫރިސްޓުންނަށް އާދެވޭނެ ވަރުގެ އެއާޕޯޓެއް ތަރައްގީ ކުރެވެން ފަށާފައި. ރާއްޖެއަށް މިއަދު އެހެން ނޫންނަމަ ތިން މިލިއަން ޓޫރިސްޓުން އަހަރަކު އަންނާނެ. މާނައަކީ ދައުލަތަށް ލިބޭ އާމްދަނީ އަހަރަކު 35 ބިލިއަނަށް އިތުރުވީސް. މިއީ ރާއްޖޭގެ އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް،" ރައީސް ވިދާޅުވިއެވެ.
ޖީއެމްއާރު އަތުން އޭރުގެ ނަމުން ނަމަ އިބްރާހިމް އިންޓަނޭޝަނަލް އެއާޕޯޓް، އައިއެންއައިއޭ އަތުލުމުން ބަދަލެއްގެ ގޮތުން ސަރުކާރުން އެ ކުންފުންޏަށް ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހުނެވެ. އާބިޓްރޭޝަނުން ނިންމީ 271 މިލިއަން ޑޮލަރު (4.18 ބިލިއަން ރުފިޔާ) ސަރުކާރުގެ ފަރާތުން ދައްކަން ޖެހޭނެ ކަމަށެވެ. އެ ފައިސާ ނޮވެންބަރު 15، 2016 ގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ ދައްކާ ހަލާސްކޮށްފައެވެ.
ދެއްކި ފައިސާގެ ތަފްސީލް
- އެކްސިސް ބޭންކުން ނެގި ލޯނަށް: 185 މިލިއަން ޑޮލަރު
- އެއާޕޯޓަށް ކުރި ހަރަދު، ޓާމިނޭޝަން ކޯސްޓް، އާބިޓްރޭޝަން ހަރަދު: 86 މިލިއަން ޑޮލަރު
ޖީއެމްއާރުގެ އާބިޓްރޭޝަން މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލުން އެއްކޮށް ނިންމައި ދައްކަން ޖެހޭ ފައިސާގެ އަދަދު ނިންމީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އޭނާ ވިދާޅުވީ އެ ފައިސާ އެމްއޭސީއެލް އިން ދެއްކި ނަމަވެސް އެއާޕޯޓް ތަރައްގީ ކުރަން ހިންގާ މަޝްރޫއަކަށް ވެސް އަދި އެއާޕޯޓްގެ އެއްވެސް އޮޕަރޭޝަނަކަށް ވެސް ބުރުލެއް ނާރައެވެ.
އަދި ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެއާޕޯޓް ތަރައްގީ ކުރުމަށް 800 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ފައްޓަވާފައެވެ. މި މަޝްރޫއުގެ ދަށުން އާ ޕެސެންޖަރު ޓާމިނަލެއް އަޅާނެ އެވެ. އަދި އާ ރަންވޭއެއް އެޅުމުގެ އިތުރުން ތެޔޮ ރައްކާކުރާނެ ފިއުލް ފާމްއަކާއި ކާގޯ ޓާމިނަލެއް ވެސް ތަރައްގީ ކުރާނެ އެވެ. ރަންވޭގެ މަަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ޓާމިނަލްގެ މަސައްކަތް އަންނަ އަހަރަށް ނިމޭނެ އެވެ. ސީޕްލޭން ޓާމިނަލް އަންނަ މަހު ބޭނުން ކުރަން ފަށާނެ އެވެ.
އެއާޕޯޓް ތަރައްގީގެ ހުލާސާ
- އާ ޓާމިނަލްގެ ބޮޑުމިން: 90،000 އަކަ މީޓަރު
- ދަތުރުވެރިންގެ އަދަދު: 7.2 މިލިއަން
- އާ ރަންވޭގެ ދިގުމިން: 3400 މީޓަރު
- އާ ރަންވޭގެ ފުޅާމިން: 60 މީޓަރު
- އަލަށް ހަދާ ފިއުލް ފާމްގެ ކެޕޭސިޓީ: 48 މިލިއަން ލީޓަރު
- ޓާމިނަލްގައި ބަހައްޓާ އެއިރޮބްރިޖްގެ އަދަދު: 9
މި މަޝްރޫއުގެ ދަށުން އާ ޕެސެންޖަރު ޓާމިނަލް މިހާރުގެ ޓާމިނަލްއާ އިންވެގެން އެޅުމަށް ހަވާލުކުރީ ސައޫދީ ބިންދާލިން ގްރޫޕަށް 300 މިލިއަން ޑޮލަރަށެ ވެ. އަދި އާ ރަންވޭ ހިއްކުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިނީ 78 މިލިއަން ޑޮލަރު ހޯއްދެވުމަށް ކަމަށް އެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި މަރިޔަމް ޒުލްފާ ވަނީ ވިދާޅުވެފައެވެ. ޖީއެމްއާރަށް އެއާޕޯޓް ދިނުމާ ދެކޮޅަށް ކްލަބްހައުސް ފޯރަމެއްގައި ވާހަކަދައްކަވަމުން ޒުލްފާ ވިދާޅުވީ އެކަމާ ގުޅޭގޮތުން ރައީސް ނަޝީދާ ސުވާލުކުރެއްވުމުން އެނގުނީ އެފަދަ "ފީކަޅާ އެގްރިމެންޓެއް" ހެދީ އެވަގުތު 78 މިލިއަން ޑޮލަރު ރައީސް ނަޝީދު ބޭނުންވުމުން ކަމަށް އެނގިވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑު އެމްޑީޕީގައި ހުއްޓަސް ޖީއެމްއާރް އައުޓް ކުރަން އޭރުވެސް އަޅުގަނޑު ހިތާއި ހިތުން އެއްބަސްވިން އެނގޭތޯ. އެހެންވީމާ އިންޑިއާގެ ދަށުވާކަށް ކޮންމެހެން ނުޖެހޭ،" ޒުލްފާ ވިދާޅުވި އެވެ.
ޖީއެމްއާރަށް އެއާޕޯޓް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާނެ ކަމެއްގެ ގޮތުގައި ޒުލްފާ ސިފަކުރެއްވި އެވެ. ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ކަމަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި ވެސް އެފަދަ ކަންކަމުގައި ދެކޮޅު ހައްދަވާފައި ހުންނާނެ ކަމުގައި ވެސް ވިދާޅުވި އެވެ.
"[ޖީއެމްއާރަށް އެއާޕޯޓް ދިނުން] އެއީ ވަރަށް ވަނދުކޮށް ކޮށް ނިންމާލި ކަމެއް. އެކަމަކު އަޅުގަނޑު ވަރަށް އުފާވި ޖީއެމްއާރް އެގްރީމަންޓާ ދެކޮޅަށް މަދަނީ އަބްދުﷲ މެން ތިއްބަވައިގެން އެކަން ކުރެއްވީމަ. އަޅުގަނޑު މިއަދު ވަރަށް އުފަލާ އެކީ ބުނާނަން ކިތަންމެ ބޮޑު އަގެއް ދީގެން ނަމަވެސް ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ލިބިގެން ދިއުމަކީ ވަރަށް ރަނގަޅަށް ކުރެއްވި ކަމެެއް ކަމަށް،" ޒުލްފާ ވިދާޅުވި އެވެ.