ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގެ ތަރައްގީގެ މަސައްކަތްތައް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޒިޔާރަތް ކުރައްވައި އެއާޕޯޓުގައި ހިނގަމުންދާ ތަރައްގީގެ މަސައްކަތްތައް ބައްލަވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވީއައިއޭ އަށް މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެއާޕޯޓު ބައެއް ސަރަހައްދުތަކަށް ވަޑައިގެން، މަސައްކަތްތައް ބައްލަވާލައްވާފައެވެ. އެގޮތުން އެއާޕޯޓުގެ އައު ސީޕްލޭން ޓާމިނަލް އާއި ފަޔާ ސްޓޭޝަން އަދި ޕެސެންޖާ ޓާމިނަލް ބިލްޑިން އާއި ކާގޯ ޓާމިނަލްގެ އިތުރުން ފިއުލް ފާމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ.

އައު ސީޕްލޭން ޓާމިނަލުގެ މަސައްކަތުގެ 99.9 އިންސައްތަ ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ރިސޯޓު ލައުންޖް އޮޕަރޭޓަރުންގެ ލައުންޖްތަކުގެ ފިޓްއައުޓްގެ މަސައްކަތްތަކެވެ. އަލަށް ގާއިމްކުރާ ފިޔުލް ހައިޑްރަންޓް ސިސްޓަމުގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ބޭނުންކުރަމުންދާ ރަންވޭގެ ދަށުން ދާންޖެހޭ ފިޔުލް ހައިޑްރަންޓް ލައިން އެޅުމުގެ އިތުރުން ކޮމިޝަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ވީއައިއޭގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ފިއުލް ފާމުގެ 95 އިންސައްތަ މަސައްކަތް ނިމި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި އިލެކްޓްރިކަލް އަދި ފަޔާ ފައިޓިން ސިސްޓަމްތަކާއި ސެކިޔުރިޓީ އާއި ސީސީޓީވީތައް ކޮމިޝަންކޮށް ޓެސްޓު ކުރުން ހިމެނެއެވެ. މިއާއެކު ފިޔުލް ސިސްޓަމްތައް ޓެސްޓްކޮށް ކޮމިޝަންކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައިވެއެވެ. މި މަޝްރޫއުގެ ދަށުން ގާއިމްކުރި ލޭންޑްސައިޑް ފިއުލިންގް ސްޓޭޝަންގެ މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ކަރަންޓް ޓެސްޓު ކުރުމާއި މީހުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު މި ހިނގާ މޭ މަހުގެ ނިޔަލަށް މި ސްޓޭޝަން ބޭނުންކުރަން ފެށޭނެ ކަމަށް ބެލެވެއެވެ.

އެއާޕޯޓުގެ ކާގޯ ޓާމިނަލުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ޓާމިނަލުގެ އެތެރޭގެ ފެންސް ޖެހުމުގެ އިތުރުން، ފިނިޝިންގެ ބައެއް މަސައްކަތްތަކާއި މެޝިނަރީ އިންސްޓޯލްކުރުމާއެކު އައިސީޓީ ނެޓްވާކް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައި އެބަހުއްޓެވެ.

ޓާމިނަލް ފުރިހަމަ ކުރުމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ދަތިކަމާއެކުވެސް ސެޕްޓެންބަރު މަހުގެ މެދުތެރެއަށް ޓާމިނަލް ޓެސްޓުކުރެވި ކޮމިޝަންކޮށް ނިންމާލެވޭނެ ކަމަށް އެއާޕޯޓް ކުންފުނިން ބުނެއެވެ. ޓާމިނަލާއި އިންވެގެން ތަރައްގީ ކުރަމުންދާ ކާގޯ ހާބަރުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިންމާލާފައެވެ.