ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓްގެ ތަރައްގީ ހުއްޓިފައި، ވަރަށް އަވަހަށް ފެށޭނެ

ދިވެހީންގެ މައި އެއާޕޯޓް -- ވެލާނާ އިންޓަނޭޝަނަލް -- ތަރައްގީ ކުރުމަށް ފަށާފައިވާ ބިޔަ މަޝްރޫއުގެ ދަށުން ހިނގަމުންދާ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށާ ނަމަވެސް އެ މަސައްކަތް ވަރަށް އަވަހަށް އަލުން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެއާޕޯޓް ތަރައްގީ ކުރުމަށް 800 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ފައްޓަވާފައެވެ. މި މަޝްރޫއުގެ ދަށުން އާ ޕެސެންޖަރު ޓާމިނަލެއް އަޅާނެ އެވެ. އަދި އާ ރަންވޭއެއް އެޅުމުގެ އިތުރުން ތެޔޮ ރައްކާކުރާނެ ފިއުލް ފާމްއަކާއި ކާގޯ ޓާމިނަލެއް ވެސް ތަރައްގީ ކުރާނެ އެވެ. ރަންވޭގެ މަަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ޓާމިނަލްގެ މަސައްކަތް އަންނަ އަހަރަށް ނިމޭނެ އެވެ. ސީޕްލޭން ޓާމިނަލް އަންނަ މަހު ބޭނުން ކުރަން ފަށާނެ އެވެ.

އެއާޕޯޓްގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށް ދާދި ފަހުން ރައީސް ވަނީ ދެ ފަހަރެއްގެ މަތީން އެއާޕޯޓަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ދާދި ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރައީސްގެ ހާއްސަ ސިޓީފުޅަކާއެކު ސައުދީއަރަބިއްޔާއަށް ވަޑައިގެންފައެވެ. އަޑުތައް ފެތުރިފައިވާ ގޮތުން އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ދެ ކުންފުނީގެ މެދުގައި މައްސަލަ ޖެހި މަސައްކަތް މެދުކެނޑުނީ އެވެ.

މި މަޝްރޫއުގެ ދަށުން އާ ޕެސެންޖަރު ޓާމިނަލް މިހާރުގެ ޓާމިނަލްއާ އިންވެގެން އެޅުމަށް ހަވާލުކުރީ ސައޫދީ ބިންދާލިން ގްރޫޕަށް 300 މިލިއަން ޑޮލަރަށެ ވެ. އަދި އާ ރަންވޭ ހިއްކުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އެވެ.

އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ސޯލިހް އިއްޔެ ވިދާޅުވީ ސައުދީ ކުންފުންޏާއި ޗައިނާ ކުންފުންޏާ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދި މަސައްކަތް ހުއްޓުމަކަށް އައި ކަމަށެވެ. ނަމަވެސް އެ މައްސަލަތައް މުޅީން ހައްލު ކުރެވި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. މަސައްކަތް ފެށޭނެ ތާރީހެއް އެއީ ވަރަށް އަވަސް ތާރީހެއްކަން ބަޔާން ކޮށްދެއްވުމުގެ ގޮތުން ރައީސް ވިދާޅުވީ މިއަދު ނޫނީ މާދަމާވެސް މަސައްކަތް ފެށިދާނެ ކަމަށެވެ.

އަދި އަންނަ މަހުގެ ފަހުކޮޅު ޓާމިނަލްގެ މަސައްކަތް މުޅީން ނިންމާލެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ފެށި އެ މަޝްރޫއަށް މި ސަރުކާރުން ބައެއް ބަދަލުތައް ގެނައި ކަމަށެވެ. އެ ގޮތުން ރާއްޖެ ސިފަވާ ގޮތަށް އޮތް ކުރެހުމަކަށް ނުވާތީ ޓާމިނަލްގެ ކުރެހުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޓާމިނަލް ހެދުމަށް އޮތީ 357 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް އޮތް ކަމަށާ އެއީ އެ މަސައްކަތް ކުރެވޭނެ ވަރުގެ އަދަދަކަށް ނުވާތީ އިތުރު 104 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް މި ސަރުކާރުން ގާއިމު ކުރި ކަމަށެވެ.

މިިދިޔަ މަހުގެ 19 ވަަނަ ދުވަހު ރައީސް ސޯލިހް އެއާޕޯޓްގެ ތަރައްގީގެ މަސައްކަތްތައް ބައްލަވާލައްވަން ވަޑައިގެންނެވި އެވެ. އެ ދުވަހު ރައީސް އޮފީހުން ބުނީ އައު ސީޕްލޭން ޓާމިނަލުގެ މަސައްކަތުގެ 99.9 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ރިސޯޓު ލައުންޖް އޮޕަރޭޓަރުންގެ ލައުންޖްތަކުގެ ފިޓްއައުޓްގެ މަސައްކަތްތައް ކަމަށެވެ. އަލަށް ގާއިމްކުރާ ފިޔުލް ހައިޑްރަންޓް ސިސްޓަމުގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ބޭނުންކުރަމުންދާ ރަންވޭގެ ދަށުން ދާންޖެހޭ ފިޔުލް ހައިޑްރަންޓް ލައިން އެޅުމުގެ އިތުރުން ކޮމިޝަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށްވެސް ބުންޏެވެ.

ވީއައިއޭގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ފިއުލް ފާމުގެ 95 އިންސައްތަ މަސައްކަތް ނިމި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި އިލެކްޓްރިކަލް އަދި ފަޔާ ފައިޓިން ސިސްޓަމްތަކާއި ސެކިޔުރިޓީ އާއި ސީސީޓީވީތައް ކޮމިޝަންކޮށް ޓެސްޓު ކުރުން ހިމެނެއެވެ. މިއާއެކު ފިޔުލް ސިސްޓަމްތައް ޓެސްޓްކޮށް ކޮމިޝަންކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައިވެއެވެ. މި މަޝްރޫއުގެ ދަށުން ގާއިމްކުރި ލޭންޑްސައިޑް ފިއުލިންގް ސްޓޭޝަންގެ މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ކަރަންޓް ޓެސްޓު ކުރުމާއި މީހުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު މި ހިނގާ މޭ މަހުގެ ނިޔަލަށް މި ސްޓޭޝަން ބޭނުންކުރަން ފެށޭނެ ކަމަށް ބެލެވެއެވެ.

އެއާޕޯޓުގެ ކާގޯ ޓާމިނަލުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ޓާމިނަލުގެ އެތެރޭގެ ފެންސް ޖެހުމުގެ އިތުރުން، ފިނިޝިންގެ ބައެއް މަސައްކަތްތަކާއި މެޝިނަރީ އިންސްޓޯލްކުރުމާއެކު އައިސީޓީ ނެޓްވާކް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައި އެބަހުއްޓެވެ.

ޓާމިނަލް ފުރިހަމަ ކުރުމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ދަތިކަމާއެކުވެސް ސެޕްޓެންބަރު މަހުގެ މެދުތެރެއަށް ޓާމިނަލް ޓެސްޓުކުރެވި ކޮމިޝަންކޮށް ނިންމާލެވޭނެ ކަމަށް އެއާޕޯޓް ކުންފުނިން ބުނެއެވެ. ޓާމިނަލާއި އިންވެގެން ތަރައްގީ ކުރަމުންދާ ކާގޯ ހާބަރުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިންމާލާފައި ކަމަށްވެސް އެ ދުވަހު ރައީސް އޮފީހުން ބުންޏެވެ.