ދިވެހި ގައުމީ އެއާލައިން ވަރުގަދަ ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށާ އައިލެންޑް އޭވިއޭޝަނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ ގަައުމީ އެއާލައިން ފުޅާކޮށް ވަރުގަދަ ކުރަން ޖެހޭ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ނާއިބު މުގައްރިރު ހުސައިން މުހައްމަދު ދީދީ ވިދާޅުވެއްްޖެ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން އަވަސްގައި ވާހަކަ ދައްކަވަމުން މެންބަރު ހުސައިން ވަނީ ރާއްޖޭގެ ގައުމީ އެއާލައިން މިހާރު އޮތް ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ހުސައިން ވިދާޅުވީ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ކޮޅަށް ޖަހާ ދައުލަތުން ކުރަން ޖެހޭ ކަންކަން ކުރަމުން ނުދާ ކަމަށެވެ. ގައުމީ އެއާލައިން އެއީ ވަރުގަދަ އެއާލައިނަކަށް ހެދުމަށް ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.
ނަމަވެސް އެ ކުންފުންޏަށް މިއަދު އޮތް ހަމައެކަނި ފުރުސަތަކީ ސަރުކާރުން ހަމަޖައްސައިދޭ ވަކި ރޫޓްތަކަކަށް ދަތުރުކުރުމާއި ކުންފުންޏަށް ބޭނުންވެއްޖެ ހިނދެއްގައި ފައިސާ ހޯދުމަށް ލޯނު ނެގުމަށް އެހީތެރިވެ ދިނުމެވެ. މިއީ ގައުމީ އެއާލައިނަށް ހައްގު މިންވަރު ނޫން ކަމަށް ހުސައިން ވިދާޅުވިއެވެ.
"ހަމައެކަނި މޯލްޑިވިއަންއަށް މި އިންނަނީ މީހުން އުފުލަައިގެން ޕެސެންޖަރުން އަތުން ލިބޭ އެއްޗެއް އެކަނި. އެހެންވީމަ ހަގީގަތަށް ބަލާނަމަ އެ އެއާލައިންއަށް އިންނަ އޮޕަޗިއުނިޓީ ވަރަށް ކުޑަ. އެ އެއާލައިން ބޮޑުކޮށް ހިންގުމަކަށް ހަގީގަތުގައި ޖާގައެއް ނުލިބޭ ދުނިޔޭގެ އެހެން ގައުމުތަކުގެ ނެޝަނަލް އެއާލައިންތަކާއި އަޅާ ބަލާއިރުގައެއް،" ހުސައިން ވިދާޅުވިއެވެ.
ހުސައިން ވަނީ ކަައިރި ބައެއް ގައުމުތަކުން އެ ގައުމުތަކުގެ ގައުމީ އެއާލައިން ފުޅާކޮށް ވަރުގަދަ ކުރުމަށް ސަރުކާރުން ވެދީފައިވާ އެހީތެރިކަން ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ސްރީލަންކާގައި ގައުމީ އެއާލައިނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައިވާ ކަމަށެވެ. އެ ގޮތުން އެއާޕޯޓްގެ ގްރަންޑް ހޭންޑްލިން އާއި އިންޖިނިއަން އަދި ކޭޓަރިންގެ އިތުރުން ތެޔޮ އެޅުމުގެ ހިދުމަތް ދީފައި އޮންނަނީ ގައުމީ އެއާލައިން ހިންގާ ކުންފުންޏަށް ކަމަށެވެ.
މި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ގައުމީ އެއާލައިންގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކޮށްފައިވާއިރު މިއީ ކުންފުންޏަށް ކުރީން ލިބެމުން އައި އާމްދަނީއަށް އަސަރުކޮށްފައިވާ ނިންމުމެއް ކަަމުން އެކަން ފޫބަންދަށް އިތުރު ފުރުސަތު ފަހިކޮށް ދިނުން ވަަރަށް މުހިންމު ކަަމަށްވެސް ހުސައިން ވިދާޅުވިއެވެ. ހުސައިން ވިދާޅުވީ އެތެރޭގެ ދަތުރުފަތުރުގެ ހިދުމަތުގެ އަގު ހެޔޮކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށާ އަދި އެއީ ކުރަަންވެސް ޖެހޭ ކަމެއް ކަމަށެވެ.
ނަމަވެސް އެ ނިންމުމާއެކު ކުންފުނި ބޮޑުކޮށް ފުޅާކުރަން ސަރުކާރުގެ ތެރެއިން އިތުރު ފުރުސަތުތައް ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ. އެކަން ނުކުރާނަމަ ކުންފުނި ބޮޑުކޮށް ފުޅާނުކުރެވޭނެ ކަމަށާ އޭގެ ބަދަލުގައި ދުވަހެއް ދުވަހަކަށް ކުންފުނީގެ ހާލަތު ގޯސްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ހުސައިން ވަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އެހެން އެއާލައިންތަކަށް ހުއްދަ ދެމުންދާ އުސޫލާމެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހުސައިން ވިދާޅުވީ ވަމުންދާ ގެއްލުމަށް ނުބަލާ ހުރިހާ މަންޒިލަކަށް ދަތުރުކުރަން ޖެހޭ ހަމައެކަނި ކުންފުންޏަކީ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން އެވެ. އަމިއްލަ ދެ ކުންފުންޏަކުން އެ ހިދުމަތް ދޭއިރު އެ ކުންފުނިތަކުން އުދުހެނީ ފައިދާވާ މަންޒިލުތަކަށް އެކަނިވުމަކީ ދެކޮޅު ޖެހޭ އުސޫލެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެހެން ކަމުން ކުންފުނިތަކަށް ހުއްދަދޭއިރު ސިވިލްއޭވިއޭޝަން ގެންގުޅޭ އުސޫލުތައް ހަރުދަނާކޮށް ގައުމީ އެއާލައިން އެކަނި ގުރުބާން ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"މޯލްޑިވިއަން މި ވަަނީ ގެއްލުންވާ ހުރިހާ ތަނަކަށްވެސް ދަތުރުކުރަން ޖެހޭ ބަޔަކަށް. އެހާ ހިލާފަށް އަޅުގަނޑު ދެކޭގޮތުގައި ސިވިލްއޭވިއޭޝަނުން އެބަޖެހޭ ހުއްދަ ދޭއިރުގައި ވިލާ އެއާއަށްވެސް އަދި މަންތާއަށްވެސް ހުއްދަ ދޭންޖެހޭނީ ކަނޑައެޅޭ ވަކި ރޫޓްތަކެއްގައި ކޮންމެވެސް ވަރަކަށް ލޮސްވާ ރޫޓްތައްވެސް ނަންގަވަންޖެހޭ ގޮތަށް. ހަމައެކަނި މޯލްޑިވިއަންއަށް ހުރިހާ ރޫޓްތަކެއް ދޭނަމަ މިއިން އަޅުގަނޑު ހިތުން ފެއާ ކޮންޕެޓިޝަނެއް ނުލިބޭ،"
ހުސައިން ވިދާޅުވީ ގައުމީ އެއާލައިންގެ މުސްތަގުބަލު ފެންނަނީ އުޖާލާކޮށް ކަމަށެވެ. އަދި ރާއްޖެއަކީ އެތައް ހާސް ބަޔަކު ދަތުރުކުރާ މަންޒިލަކަށްވީއިރު އެ ކުންފުނި ފުޅާކޮށް ބޮޑުކޮށްގެން ދައުލަތަށް އެންމެ ފައިދާވާ ކުންފުންޏަކަށް ބަދަލުކޮށްލެވިދާނެ ކަމަށެވެ.
"މޯލްޑިވިއަންއަކީ މުސްތަގުބަލު ވަރަށް އުޖާލާކޮށް ފެންނަން އޮތް ކުންފުންޏެއް. އެއީ ދިވެހިންނަކީ ދެމިލިއަން ޓޫރިސްޓުންނަށް ޓާގެޓް ކޮށްގެން މަސައްކަތް ކުރަމުންދާ ގައުމަށްވާއިރުގައި ރާއްޖެއަށް އެބައޮތް މީހުން އުފުލައިގެން ފައިދާ ހޯދެންވެސް. އެހެންވީމަ ޓޫރިޒަމްގެ އިތުރުން ޓެރެވަލް ބައިވެސް ކޮންމެވެސް ވަރަކަށް ޓެޕް ކުރެވިއްޖެއްޔާމު އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތަކަށްވާނެ. ހާއްސަކޮށް ޑޮލަރު ލިބުން ދަތިވާއިރު މިއީ ލިބޭ ވަރަށް ބޮޑު ފުުރުސަތަކަށްވާނެ،"
ކޮންމެ ގައުމެއްގެ ގައުމީ އެއާލައިނަށް އެހެން ގައުމުތަކަށް ޑައިރެކްޓްކޮށް ދަތުރުކުރުމުގެ ފުރުސަތު އޮންނައިރު މޯލްޑިވިއަން އިން އެކަމުގެ އެޑްވާންޓޭޖް ނަގަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެކަން ކުރުމަށް ސަރުކާރުން އެހީތެރިވެދީފިނަމަ އެ ކުންފުނިވާނީ މާލީ ގޮތުން ދައުލަތަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދޭނެ އެއް ކުންފުންޏަކަށް ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.
އެކަމަށްޓަކައި ބޭރުގެ ދަތުރުތައް ކުރެވޭނެ ބޮޑެތި ބޯޓްތައް ހޯދާ ކުންފުނި ވަރުގަދަ ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ވީއައިއޭއަށް ދީފައިވާ ބޮޑެތި ފުރުސަތުތަކުގެ ތެރެއިން ބައެއް ފުރުސަތު މޯލްޑިވިއަންއަށްވެސް ދޭންޖެހޭ ކަމަށް ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ އެއާޕޯޓް ހިންގާ ކުންފުންޏަށް ހުރިހާ ފައިދާއެއް އޮވެ ގައުމީ އެއާލައިން ވާނެ ގޮތެއްވާން ދޫކޮށްލުން އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުން ވީއައިއޭއަށް އެ އޮންނަނީ މާބޮޑަށް ހުރިހާ އެއްޗެއް ދެވިފައި. ތެޔޮވިޔަސް ކޭޓަރިން ވިޔަސް ގްރަަންޑް ހޭންޑްލިން ވިޔަސް ހުރިހާ އެއްޗެއް އެމްއޭސީއެލްގެ ދަށުގައި. އެހެންވީމަ އޭގެ ބަދަލުގައި އެބަޖެހޭ އައިލެންޑް އޭވިއޭޝަނަށް ކޮންމެވެސް ވަރެއްގެ ފުރުސަތުތަކެއް މީގެ ތެރެއިން ފަހިވެގެންދާން. އެއީ އެއާޕޯޓަށް އަހަރަކު ބިލިއަނެއްހާ ރުފިޔާ ފައިދާވާ އިރުގައި އައިލެންޑް އޭވިއޭޝަނަށް އަހަރަކު 130 މިލިއަން ރުފިޔާ ފައިދާވުން މިއީކީ އަސްލު އެންމެ ރަނގަޅު ގޮތެއް ނޫން. މި އޮންނަނީ މޮނޮޕޮލީއެއްގެ ގޮތުގައި ކްރިއޭޓް ކުރެވިފައި އެމްއެމްއޭސީއެލް. އައިލެންޑް އޭވިއޭޝަން މި އޮންނަނީ ގެއްލުއްވާން ދޫކޮށްލާފައި އޮންނަ ކުންފުންޏެއްގެ ގޮތުގައި. އެހެންވީމަ އެމްއޭސީއެލްއަށްވެސް ދޭންވީ ފެއާ ކޮންޕެޓިޝަނެއް. ހަގީގަތުގައި އެ ބޭފުޅުންްނަށް ނެތް ކޮންޕެޓިޝަނެއްވެސް. އެހެން ނަމަވެސް އައިލެންޑް އޭވިއޭޝަނަށް އެބައޮތް ކޮންޕެޓިޝަންވެސް،" ހުސައިން ވިދާޅުވިއެވެ.