ދިވެހިންގެ މައި ވައިގެ ބަދަރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފި އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނީ ރައީސް ސޯލިހް، އިއްޔެ ވީއައިއޭއަށް ވަޑައިގެން އެއާޕޯޓްގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތް ބައްލަވާލައްވާފައިވާ ކަމަަށެވެ.
ވީއައިއޭ ތަރައްގީ ކުރަން ކުރީ ސަރުކާރުގެ ދުވަސްވަރު މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި އާ ޕެސެންޖަރު ޓާމިނަލް ނިމި 2022 ގައި ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މި ޓާމިނަލް ހަދަނީ ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.
ވީއައިއޭ އާ ސީޕްލޭން ޓާމިނަލްއަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ފުރިހަމަ އިމާރާތެކެވެ. އާ ސީ ޕްލޭން ޓާމިނަލް ހަދާފައިވަނީ 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކައިގެން އެ ސަރަހައްދުގަ އެވެ. މި މަސައްކަތް ކުރީ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. މި ތަނުގައި ބޯޓު މަރާމާތު ކުރާ ސަރަހައްދެއްގެ އިތުރުން ލައުންޖުތައް އެބަހުއްޓެވެ.
އިންޓަނޭޝަނަލް ކާގޯ ޓާމިނަލްގެ މަސައްކަތް ކުރަނީ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) ކުންފުންޏަށް 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށް ހަވާލު ކޮށްގެނެވެ. އެތާނގައި އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭނެ އެވެ.