މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އާ ސީޕްލޭން ޓާމިނަލް އަންނަ އަހަރު ކުރީކޮޅު ބޭނުންކުރަން ފެށޭތޯ ބަލަމުންދާ ކަމަށް އެއާޕޯޓް ހިންގަމުންދާ އެމްއޭސީއެލް ކުންފުނިން ބުނެފި އެވެ.
ޗައިނާގެ ކުންފުނި، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން އާ ޓާމިނަލްގެ މަސައްކަތް ނިންމާ ހަވާލުކުރީ މިދިޔަ އޮގަސްޓް މަހު އެވެ. ނަމަވެސް އެކި އެކި ސަބަބުތަކާ ހުރެ އަދިވެސް އާ ޓާމިނަލް އޮޕަރޭޝަނަކަށް ނުގެނެ އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަަލު އަވަސްއަށް ވިދާޅުވީ އާ ޓީމިނަލް ބޭނުންކުރަން ފެށުމުގެ ގޮތުން މިހާރު ކުރަމުންދަނީ ކުދިކުދި މަސައްކަތްތަކެއްއ ކަމަށެވެ. އޭގެ ތެރޭގައި ފަސެންޖަރުންގެ ފްލޯގެ ކަންތައްތައް ޕްލޭން ކުރުމާއި އަދި ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނޭ ކަމަށެވެ.
އެމްއޭސީއެލް އިން މިހާރު ވަނީ ޓީއެމްއޭ އިން މިހާރު ބޭނުންކުރަމުންދާ ޓާމިނަލް އަންނަ އަހަރުގެ މާޗް މަހު ހުސްކުރަން ވެސް އަންގާފަ އެވެ.
ނިމިގެން ދިޔަ ސަރުކާރުގައި ހަދަން ފެށި އާ ސީޕްލޭން ޓަމިނަލަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު -- 848 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ފުރިހަމަ އިމާރާތެކެވެ.
އާ ސީ ޕްލޭން ޓާމިނަލް ހަދާފައިވަނީ 3.2 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި ތަނުގައި ބޯޓު މަރާމާތު ކުރާ ސަރަހައްދެއްގެ އިތުރުން ލައުންޖުތައް ވެސް ހަދާފައި ހުރެ އެވެ.
އާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އެއްކޮށް ދޭން އުޅޭ ކަމަށް ބުނާ މައްސަލައެއް ވެސް ކުރިން ފެންމަތިވެ ވަރަށް ބޮޑަށް އެ މައްސަލަ ހޫނުވި އެވެ. ނަމަވެސް ސަރުކާރު މެދުވެރި ވެގެން ފަހުން ވަނީ އެ މައްސަލަ ހައްލު ކޮށްފަ އެވެ.
ސަރުކާރުން ހުށަހެޅި ހައްލަކީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ކުއްޔަށް ދިނުމެވެ. މީގެ އިތުރުން ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީ ޕްލޭން ޓާމިނަލް އެމްއޭސީއެލް އިން އަމިއްލަ އަށް ހިންގަން ފަށަން ޖެހެ އެވެ.
އާ ސީޕްލޭން ޓާމިނަލް ނިމި ހަވާލުކުރި ފަހުން ވެސް އެތަން އަދިވެސް ނުހުޅުވާތީ ފާޑުކިޔުންތައް އޮތީ އަމާޒުވެފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު -- 12.3 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ވާނެ އެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕަށެވެ. ދިގުމިނުގައި 3،400 މީޓަރު ހުންނަ ރަންވޭ ތަރައްގީކުރުމުގެ މަސައްކަތް ބީޔޫސީޖީ އިން ކުރީ 373 މިލިއަން ޑޮލަރު -- 5.7 ބިލިއަން ރުފިޔާ އަށެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި އާ ޕެސެންޖާ ޓާމިނަލް ނިމި 2022 ގައި ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.