ރިޕޯޓް

އާ ރަންވޭ: ބުރަ މަސައްކަތެއްގެ ފޮނި ނިމުން!

Aug 29, 2018
5

މީގެ އަހަރެއްހާ ދުވަސް ކުރި މި ތަނަށް އައިއިރު މިއީ މޫދެވެ. ވެލާނާ އެއާޕޯޓުގެ އާ ރަންވޭ އަޅަން ކަނޑައަޅާފައި އޮތް މި ސަރަހައްދުގެ ފެންމަތީގައި އޭރު އޮޔާދާން އޮތީ ކުނި ބުންޏެވެ. އޭރު މިއީ މި ވަރުގެ މަސައްކަތެއް ހިންގާނެ ތަނެއް ކަމަށް ގަބޫލުކުރާނީ މަދު ބައެކެވެ. އެހެންވެ، އެ ދުވަހުގެ އެ ތަނަށް ދިޔަ ނޫސްވެރިންގެ ތެރެއިން އެއް ބައިވެރިއަކު ބުނި ވާހަކައެއް މިއަދު ހަނދާން އެބަހުއްޓެވެ. މިއިން ދުވަހަކު މިކަމެއް ނުވާނެ އެވެ. ސަބަބަކީ މިތަނުގައި ރަންވޭ އަޅަން، ކުރަން ޖެހޭ މަސައްކަތް ބޮޑުވެފައި ބުރަކަން ވަޒަން ކޮށްލެވުމެވެ. އެކަމަކު އެ ދަތުރަށް އަހަރެއްވީއިރު މިއަދު މިތަނަށް އައުމުން ފެނުނު މަންޒަރު މުޅިން ތަފާތެވެ. މިހާރު މިތަނުގައި މިވަނީ ރީތި ރަންވޭއެއް އަޅައި ނިންމާފަ އެވެ. މަސައްކަތް ގާތްގަނޑަށް މިއޮތީ ނިމިފަ އެވެ. ބުރަ މަސައްކަތެއްގެ ފޮނި ނިމުން ފެނިއްޖެ އެވެ.

"ވަރަށް ބޮޑު މަސައްކަތެއް މި ނިމެނީ، ދެން ގާތްގަނޑަކަށް މި ލައިވް ވީ،" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ދައްކާލުމަށް އެއާޕޯޓުގައި އިއްޔެ ބޭއްވި މީޑިޔާ ޓުއާގެ ތެރޭގައި ހުންނަވާ، އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރު- ކޯޕަރޭޓް އެފެއާޒް، ހުސެއިން ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ފަދައިން، މި މަސައްކަތުގައި ކޮންމެ ދުވަހަކު ބުރަކޮށް މަސައްކަތް ކުރެއްވި އެތަށް ބަޔަކު އެބަތިއްބެވެ. މީގެތެރޭގައި "ކެމެރާގެ ކުރިމައްޗާއި" ފުރަގަހުން ވެސް ގިނަ ބަޔަކު އެފަޓްލާފައިވެ އެވެ. އާރަންވޭއަކީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހަދާފައިވާ ތަނެވެ. މިތަނުގެ މަސައްކަތް ކޮށްފައިވަނީ މި ބާވަތުގެ މަސައްކަތް ކުރުމަށް ދުނިޔޭގައި ދެވަނައެއް ނެތް ކުންފުންޏެއް ކަމަށްވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ. މި ލޯނު އެއްބަސްވުމުގައި ސޮއިކުރީ 8، ޑިސެމްބަރު 2015 ވަނަ އަހަރު އެވެ. އަދި ރަންވޭ އަޅާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 25، ޖުލައި 2016 ގަ އެވެ. މަސައްކަތް ފައްޓަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ. ރަންވޭ އަޅަން 60 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.

ބޮޑު މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ ކައިރިން މަސައްކަތް ކުރެއްވި އެއް ބޭފުޅާ ކަމަށްވާ އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ އިއްޔެ ވިދާޅުވީ މާތް ﷲ އިރާދަފުޅާއެކު ރަންވޭ ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

"ޓެކްސީވޭ އާއި ހުރިހާ ތަން ތަނެއް ނިމިއްޖެ. ލައިޓްތައް ވެސް ޓެސްޓް ކުރަމުން މިދަނީ. އަޅުގަނޑުމެން ޓެސްޓް ފްލައިޓަށް ތައްޔާރީ މިވަނީ. ގްލައިޓް ޕާތާއި އިންސްޓްރޫމަންޓް ލޭންޑިން ސިސްޓަމުގެ ވެސް ހުރިހާ އެއްޗެއް ހަރުކޮށް ނިމިއްޖެ. ބައެއް އޭރިޔާތަކުގައި މާކިން ހުންނާނީ. ދެން ކުރާނީ ގްރާސް އިންދުމުގެ މަސައްކަތް،" އާ ރަންވޭގެ މެދުގައި ހުންނަވާ، އާދިލް ވިދާޅުވި އެވެ.

ރަންވޭ އިފުތިތާހު ކުރުން އަންނަ މަހު

ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭ "ކޯޑް އެފް" ސްޓޭންޑަޑްގައި ހަދާ އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރ ހުން ރަންވޭ އެކެވެ. އެންމެ ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭގޮތަށް ފަރުމާކޮށްފައިވާ މި ރަންވޭގެ ބޯމިނުގައި 200 މިލިމީޓަރު ހުންނާނެ އެވެ.

ތަފާތަކީ ކޮބާ؟ ބަދަލަކީ ކޮބާ؟

މައި އެއާޕޯޓުގެ 60 އަހަރަށްވުރެ ގިނަ ދުވަސްވީ ރަންވޭ ވަނީ "އެކްސްޕަޔާ" ވެފަ އެވެ. އެހެންވެ، އެކި ދުވަސްވަރުގެ މަތިން ރަންވޭ މަރާމާތު ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެހެންވެ، އާ ރަންވޭއެއްގެ މުހިންމުކަން މިހާރުން މިހާރަށްވެސް ރާއްޖެއަށް އޮތީ ބޮޑުވެފަ އެވެ. ސުވާލަކީ އާ ރަންވޭއެއް އަޅައި ހުޅުވާއިރު، މި ރަންވޭއާ ކުރީގެ ރަންވޭގެ ތަފާތަކީ ކޮބައި ހެއްޔެވެ؟

އައިއެލްއެސް އެޕްރޯޗް މަސައްކަތް ކުރާ ގޮތުގެ ވީޑިއޯ

އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވީ އާ ރަންވޭގައި ބޯޓު ޖައްސާ ނަގަން، ހާއްސަ ދެ އިންސްޓޫމަންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ހަރުކޮށްފައި ހުންނާނެ ކަމަށެވެ. އައިއެލްއެސް ދެ ކޮޅުގައި ހަރުކުރުމުން މޫސުން ގޯސްވާ ދުވަސްވަރު ޖައްސައި ނެގުމާއި ރަންވޭގެ ދެކޮޅުން ބޯޓު ޖައްސަައި ނަގަަން ފަސޭހަ ވެގެންދާނެ އެވެ.

"މި ރަންވޭގައި ދެކޮޅުގައިވެސް އައިއެލްއެސް ބޭނުން ކުރެވިގެންދާނެ. މީގެ ސަބަބުން ކުރީ ރަންވޭ އަށް ވުރެން ވެސް ފުރިހަމަ ވެގެންދާނެ،" އާދިލް ވިދާޅުވި އެވެ.

އައިއެލްއެސް ދެ ކޮޅުގައި ހަރުކުރުމުން މޫސުން ގޯސްވާ ދުވަސްވަރު ޖައްސައި ނެގުމާއި ރަންވޭގެ ދެކޮޅުން ބޯޓު ޖައްސަައި ނަގަަން ފަސޭހަ ވެގެންދާނެ އެވެ. ދެން އޮތީ ފްލައިޓްގެ ޑިލޭ އާއި ނައްޓާލާ ގަޑި އަވަސްވުމެވެ. މިހާރު އާއްމު ގޮތެއްގައި 10 މިނެޓާއި 12 މިނެޓު ވަރު ފްލައިޓް ނައްޓާލުމުގެ ކުރިން ޖާގަ ނުލިބިގެން ކިޔޫގައި މަޑު ކުރަން ޖެހެ އެވެ.

މޯލްޑިވިއަންގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ޕައިލެޓެއް ކަމަށްވާ މުހައްމަދު ރަނޭޝް (ރަނޭ) އަވަސްއަށް ވިދާޅުވެފައިވާ ގޮތުގައި އައިއެލްއެސް އެޕްރޯޗެއް އާރަންވޭގައި އޮތުމުން ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ.

"ވިއްސާރަ ދުވަސް ދުވަހު ޖައްސަން އިތުރު ފަސޭހައެއް އާ ރަންވޭ ބޭނުން ކުރަން ފެށުމުން ލިބިގެން ދާނެ. އޭރުން ވިއްސާރަ ދުވަސް ދުވަހު ވެސް ޑިލޭތައް މަދު ވާނެ. މޯލްޑިވިއަން އަށް ބަލާނަމަ އާ ރަންވޭގެ ސަބަބުން ހަތަރު ގަޑިއިރު ސަލާމް ވެގެން ދާނެ. މި ސަލާމަތް ވަނީ ހަތަރު ގަޑިއިރުގެ ޑިލޭއެއް. މޯލްޑިވިއަންގެ ޑިލޭ އަށް ވެސް ބޮޑު ހައްލެއް ލިބިގެން ދާނެ،" ރަނޭ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވީ މި ރަންވޭގެ ސަބަބުން ގާތްގަނޑަކަށް ދެމިނެޓު ތެރޭގައި ޖާގަ ލިބިގެންދާނެ ކަމަށެވެ.

"މީގެ ސަބަބުން އެއާލައިން އާއި އަޅުގަނޑުމެން [އެމްއޭސީއެލް] އަށް ވެސް ފަސޭހަ ވެގެންދާނެ. ވިންޓަ ސީޒަން ފެށެންވާއިރަށް އާ ރަންވޭ ކޮމާޝަލީ ބޭނުން ކުރަން ފެށޭނެ،" އާދިލް ވިދާޅުވި އެވެ.

އަދި، އެހެން ފެސިލީޓީތައް ބޭނުންވޭ!

މި ރަންވޭ އަޅާފައިވަނީ އެންމެ ބޮޑެތި ބޯޓު ފަހަރު ޖެއްސޭ ފެންވަރަށެވެ. ނަމަވެސް އެ ސައިޒުގެ ބޯޓު ޖައްސަން އެއާޕޯޓުގެ އެހެން ފެސިލިޓީތައް ވެސް ރަނގަޅު ކުރަން ޖެހެ އެވެ. އެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވީ އޭ380 ޖައްސާނަމަ ޕެސެންޖަރު ޓާމިނަލްވެސް ނިމެން ޖެހޭނެ ކަމަށެވެ.

"އެއްފަހަރާ 700 ޕެސެންޖަރުން އަންނައިރު ހިއެއް ނުވޭ މިހާރު އެރައިވަލްސްގައި އެ ކެޕޭސިޓީ ހުރިހެނެއް. އެހެންނަމަވެސް ފާހަގަ ކޮށްލަން އެ ކެޕޭސިޓީ ގެނައުމަށްޓަކައި ޓާމިނަލް އެޅުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. މިހާރު ހުރި ޓާމިނަލްގެ ޕިއަބްރިޖްތައް ޑިމޮލިޝް ކުރަމުން މިދަނީ. ހަމައެއާއެކު ޕައިލިންގެ މަސައްކަތް ވެސް ކުރަމުން އެބަދޭ،" އާދިލް ވިދާޅުވި އެވެ.

ކޮންމެއަކަސް އާރަންވޭ ނިމި އަންނަ މަހު ޓެސްޓް ފްލައިޓް ޖައްސާނެ އެވެ. އެއާޕޯޓު ތަރައްގީގެ އެންމެ މުހިންމު ބައި ނިމިގެން މިދަނީ ގިނަ ބައެއްގެ ބުރަ މަސައްކަތުންނެވެ. ކުރިން މޫދެއްގެ ގޮތުގައި އޮތް ބޮޑު ސަރަހައްދު ހިންކައި މިހާރު ފެނިގެން މިދަނީ ރީތި ހިތްގައިމު ބޮޑު ރަންވޭ އެކެވެ.