އެއާޕޯޓު މަޝްރޫއު ފެށުމާއެކު، އަބަދުވެސް ދައްކަނީ ރަންވޭއެއްގެ ވާހަކަ އެވެ. ރަންވޭއެއް ރާއްޖެއަށް ބޭނުންވާ ވާހަކަ އެވެ. އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް އެއާޕޯޓު ހިންގަން ހަވާލު ކުރުމުން އެ ކުންފުނިން ރަންވޭ އަޅަން ނޫޅުނު ވާހަކަ އެވެ. ސުވާލަކީ ދިވެހިން އަަބަދު މި ވަރަށް ރަންވޭއެއްގެ ވާހަކަ މި ދައްކަނީ ކީއްވެގެން ހެއްޔެވެ؟
"މިހާރުން މިހާރަށް ވެސް މި ރަންވޭ ހަދަން ޖެހޭ. ނަސީބު ގަދަކަމުން 30 އަހަރު ވަންދެން މި ރަންވޭ އޮތީ. ހުރިހާ ދިރާސާ ތަކުން ވެސް ވެސް ދައްކާ މިތަން ހަދަން ޖެހޭކަން. އެކަމަކު މިއަދާ ހަމަ އަށް ވެސް ނުހަދައި އޮތީ،" މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ޗެއާމަން އަދި ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކް (އެމްޔޫމަނިކް) ވިދާޅުވި އެވެ.
ރާއްޖޭގެ މައި ވައިގެ ބަނދަރަށް ނުވަތަ ކުރިން ކިޔާ ގޮތުންނަމަ ހުޅުލެ އެއާޕޯޓެއްގެ ސިފައިގައި ހެއްދެވީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު އެވެ. ނަމަވެސް ރާއްޖޭގެ މައި ވައިގެ ބަނދަރުގައި ފުރަތަމަ ރަންވޭއެއް އަޅާފައިވަނީ އިނގިރޭސިންގެ ހިމާޔަތުގެ ދުވަސްވަރުގައި ރާއްޖެ އޮތްއިރު އެ މީހުންނެވެ. ދަގަނޑު ފިލާ ބޭނުންކޮށްގެން އެމީހުން އެޅި ރަންވޭ އަށް ފުރަތަމަ ބޯޓެއް ޖެއްސީ އޮކްޓޫބަރު 19، 1960 ގަ އެވެ. ނަމަވެސް އިނގިރޭސީންގެ އަތް ދަށުން މިނިވަންކަން ހޯދަން ދިވެހިންގެ ތެރޭގައި އުފެދުނު ވަރުގަދަ ޖޯޝުގައި ހަމަ އެ މަހުގެ ތެރޭގައި އިނގިރޭސިން އެޅި ރަންވޭ އަށް ދިވެހިންގެ ބަޔަކު ސިއްރުން ރޭގަނޑުގެ ވަގުތަކުގައި ގެއްލުން ދޭން ފެށި އެވެ. އަދި ހުޅުލޭގައި ދިވެހިންގެ އަމިއްލަ އަތުން އެއާޕޯޓެއް އަޅަން އޭރުގެ ދާހިލީ ވުޒާރާ އިން ނިންމައި އެކަން އިއުލާނު ކުރީ 1964 ވަނަ އަހަރު އެވެ. ދިވެހިންގެ ގައިން ދާ އޮހޮރުވައިގެން، އެތަށް ބައެެއްގެ ގުރުބާނީތަކާއެކު ދިވެހިން އެއާޕޯޓެއް ހަދައި ހުޅުވަން ނެގީ އެންމެ ދެ އަހަރެވެ. ރާއްޖޭގެ އެކި ހިސާބު ތަކުން ދިވެހިން މާލެ އައިސް ކުރި ބުރަ މަސައްކަތުގެ މުގުލުގައި ހުންނެވީ ރައީސް އިބްރާހިމް ނާސިރެވެ. މި ދުވަސްވަރު ރައީސް ނާސިރު ކޮންމެ ދުވަހަކު އެއާޕޯޓުގެ މަސައްކަތް ކުރި އަށް ދާ ގޮތުން ބައްލަވަން އެއާޕޯޓަށް ވަޑައިގެންނެވި އެވެ. ރާއްޖޭގެ މައި އެއާޕޯޓަށް ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިން އެއާ ސިލޯންގެ ބޯޓު ޖައްސާފައިވަނީ އެޕްރީލް 12، 1977 ވަނަ އަހަރު އެވެ. އަދި ރައީސް ނާސިރަށް ފަހު، ރާއްޖޭގެ މައި ވައިގެ ބަނދަރުގެ ތާރީހާ އެންމެ ބޮޑަށް ގުޅިފައިވާ އަނެއް ބޭފުޅަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ.
ދިވެހިންގެ ގައިން ދާ އޮހޮރުވައިގެން، އެތަށް ބައެެއްގެ ގުރުބާނީތަކާއެކު ދިވެހިން އެއާޕޯޓެއް ހަދައި ހުޅުވަން ނެގީ އެންމެ ދެ އަހަރެވެ. ރާއްޖޭގެ އެކި ހިސާބު ތަކުން ދިވެހިން މާލެ އައިސް ކުރި ބުރަ މަސައްކަތުގެ މުގުލުގައި ހުންނެވީ ރައީސް އިބްރާހިމް ނާސިރެވެ. މި ދުވަސްވަރު ރައީސް ނާސިރު ކޮންމެ ދުވަހަކު އެއާޕޯޓުގެ މަސައްކަތް ކުރި އަށް ދާ ގޮތުން ބައްލަވަން އެއާޕޯޓަށް ވަޑައިގެންނެވި އެވެ. ރާއްޖޭގެ މައި އެއާޕޯޓަށް ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިން އެއާ ސިލޯންގެ ބޯޓު ޖައްސާފައިވަނީ އެޕްރީލް 12، 1977 ވަނަ އަހަރު އެވެ. އަދި ރައީސް ނާސިރަށް ފަހު، ރާއްޖޭގެ މައި ވައިގެ ބަނދަރުގެ ތާރީހާ އެންމެ ބޮޑަށް ގުޅިފައިވާ އަނެއް ބޭފުޅަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ.
ރައީސް މައުމޫނުގެ ދުވަސްވަރު، މައި އެއާޕޯޓުގެ ތަރައްގީ އަށް ތިން މަޝްރޫއެއް ކުރި އަށް ގެންދެވި އެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދައުރުގައި އެއާޕޯޓު ތަރައްގީ އަށް 33 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދެވި އެވެ. މީގެ އިތުރުން މުސްތަގުބަލަށް އަމާޒު ކޮށްގެން އިނގިރޭސިވިލާތުގެ ސްޓޮލް ވިލްސަން ކުންފުންޏާ ހަވާލުކޮށްގެން މައި އެއާޕޯޓް ތަރައްގީގެ އާ މާސްޓަ ޕްލޭނެއް ހެއްދެވި އެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއާޕޯޓް ހިންގުމަށް 50 އަހަރަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލު ކުރި އެވެ. އަދި މާލެ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ބަދަލު ކުރެއްވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށްވަޑައިގެން މައި އެއާޕޯޓް ހިންގި ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 300 މިލިއަން ޑޮލަރު ދިނުމަށްފަހު، އެއާޕޯޓް ތަރައްގީ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް އިއުލާނު ކުރެއްވި އެވެ. މި މަޝްރޫއުގެ ދަށުން އާ ރަންވޭ އާއި އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިން އަދި ކާގޯ ރައްކާކުރާނެ ވަސީލްތަކާއި ތެޔޮ ރައްކާ ކުރާނެ ވަސީލަތްތައް ހިމެނެ އެވެ. އަދި އެއާޕޯޓުގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބަދަލު ކުރެއްވި އެވެ. އަދި މިހާރު ވީއައިއޭ ތަރައްގީގައި ކުރިއަށް ދަނީ މި މަސައްކަތް ތަކެވެ.
ޖީއެމްއާރުގައި ނެތް ޕްލޭނެއް؟
ވީއައިއޭ ތަރައްގީ ކުރަން އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދާއިރު އޭގެ ކުރިން އެއާޕޯޓު ހިންގަން ހަވާލުކުރި އިންޑިއާގެ ޖީއެމްއާރު ކުންފުނީގައި އިތުރު ރަންވޭއެއް އަޅަން ޕްލޭން ކޮށްފައެއް ނުވެ އެވެ. އެ ކުންފުނީގެ ޕްލޭންގައި އޮތީ މިހާރު އާ ރަންވޭ އޮތް ސަރަހައްދު ހިމެނޭ ގޮތަށް ބޮޑު ޕެސެންޖަރު ޓާމިނަލްއެެއް އަޅާށެވެ.
އާރަންވޭ ހުޅުވައި އޭ380 މަރުކާގެ ބޯޓު ޖައްސަން އިއްޔެ ވީއައިއޭގައި ބޭއްވި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އާދިލް ޖީއެމްއާރުން އެއާޕޯޓުގައި އިތުރު ރަންވޭއެއް އަޅަން ވިސްނާފައެއް ނެތެވެ. އަދި ރަންވޭ ނޭޅި ނަމަ، އެއާޕޯޓަށް ތަރައްގީ ވެގެންނުދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ބަދައަކީ ޓޫރިޒަމް އެވެ. މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ރާއްޖޭގައި މިހާރު 42،000 ޓޫރިސްޓު އެނދު އެބަހުއްޓެވެ. އަދި 700 އެއްހާ ގެސްޓްހައުސް އާއި 138 އަށް ވުރެ ގިނަ ރިސޯޓު ހުޅުވާފައިވެ އެވެ. އަދި މި އަހަރާއި އަންނަ އަހަރުވެސް އާ އެތަށް އެނދެއް ނުކުންނާނެ އެވެ. މި ތަންތަނަށް އަންނަ ޓޫރިސްޓުންގެ ބޮޑު ބައެއް ރާއްޖެ އެތެރެވާން ބޭނުންކުރާ ދޮރަކީ ރާއްޖޭގެ މައި ވައިގެ ބަނދަރެވެ. އެހެންވެ، މައި އެއާޕޯޓު ވާން ޖެހެނީ 24 ގަޑިއިރުގެ ބޮޑު އޮޕަރޭޝަނެއް ހިންގާ ތަނަކަށެވެ. މި 24 ގަޑިއިރުގެ ތެރޭގައި އެންމެ ފަސް މިނެޓަށް އެއާޕޯޓް ބަންދު ކުރަން ޖެހުނު ނަމަވެސް އެކަން ވެގެން ދާނީ މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމަށެވެ. މައި އެއާޕޯޓަށް ތެޔޮ ލީކުވުން ނުވަތަ ރަންވޭގައި ދިމާވާކަމެއްގެ ސަބަބުން އެއާޕޯޓް ހުއްޓުން އައުން ވެގެންދާނީ، މި ގެއްލުން ގުޅިފައިވާ ޗޭނު ބޮޅެއްގެ ގޮތުގައި މުޅި އިގްތިސާދަށް ސީދާ އަސަރު ކުރާނެ ކަމަކަށެވެ. އެއާޕޯޓް ބަންދު ކުރަން ޖެހުމުން ފްލައިޓް ޑިލޭ ވެއްޖެނަމަ، ބޭރުން އަންނަ ފްލައިޓަށް ނުޖެއްސޭނެ އެވެ. ނަމަވެސް ސުވާލަކީ ޖީއެމްއާރުން މިފަދަ މުހިންމު މަސައްކަތެއް ކުރުމުގެ ޕްލޭނެއް ނެތީ ކީއްވެގެން ހެއްޔެވެ؟
ދިވެހިން ފަހުރުވެރި ވާނެ ތަނެއް
ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭ "ކޯޑް އެފް" ސްޓޭންޑަޑްގައި ހަދާފައިވާ އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ. މި ލޯނު އެއްބަސްވުމުގައި ސޮއިކުރީ 8، ޑިސެމްބަރު 2015 ވަނަ އަހަރު އެވެ. އަދި ރަންވޭ އަޅާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 25، ޖުލައި 2016 ގަ އެވެ. މަސައްކަތް ފައްޓަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ. ރަންވޭ އަޅަން 60 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.
ދެން އޮތީ މި ސަރަަހައްދުގެ އެހެން ގައުމުތަކުގެ ރަންވޭގެ ވާހަކަ ދެއްކުމެވެ. ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ "ކޯޑްއެފް" އަށް ބަދަލުކޮށް ފުރަތަމަ އެއާބަސް އޭ380 ޖައްސާފައިވަނީ މިދިޔަ އަހަރު އެވެ. ދެން އޮތީ މި ސަރަހައްދުގެ ގަދަ ބާރު އިންޑިއާ އެވެ. އިންޑިޔާގައި 449 އެއާޕޯޓު ހުރެ އެވެ. އަދި މީގެ ތެރެއިން ސުޕަޖަމްބޯ ނުވަތަ އެއާބަސްއޭ 380 ޖެއްސޭނީ ހަތަރު އެއާޕޯޓެއްގަ އެވެ. އެއީ ނިއުދިއްލީ އާއި މުންބާއީ އަދި ހައިދަރު އާބާރު އެއާޕޯޓުގަ އެވެ.
އާރަންވޭ މިވަނީ ހުޅުވާފަ އެވެ. އަދި ކުރިއަށްއޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެތަން ބޭނުންކުރަން ފަށާނެ އެވެ. މިއާއެކު ދެން ފެނިގެންދާނީ މުޅިންއާ މަންޒަރެކެވެ. ކުރިން ރާއްޖޭގެ މައި އެއާޕޯޓުގައި އޮންނަ ކިޔޫ ނެތިގެންދާ ތަނެވެ. މީގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެކަން ޔަގީނެވެ.