ވާނެ! އެކަން ނީޝަން ސާބިތުކޮށްދީފި!

އުމުރުން އަދި އެންމެ 16 އަހަރެވެ؛ އޭނާގެ އުއްމީދަކީ ރާއްޖޭގެ އެންމެ ޒުވާން ސިވިލް އިންޖިނިއަރަށްވުމެވެ. އެ އުއްމީދުގައި ފެށި މަސައްކަތް އަދި ވަރަށް ކާމިޔާބެވެ. ކުރިޔަށް އޮތީވެސް އުޖާލާ ދުވަސްތަކެވެ. މިއީ އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލް ވެގެން ދިޔަ ފާތިމަތު ނީޝަންގެ ވާހަކަ އެވެ. އައްޑޫ ސިޓީ މަރަދޫއަށް އުފަން ނީޝަންގެ ވާހަކަ ވަރަށް ޝައުގުވެރި އެވެ.

މި އަންހެންކުއްޖާގެ ޝައުގުވެރި ވާހަކަތައް ފެށިގެން އަންނަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމް ވެސް ހާސިލްކޮށްފައިވާ، އެންއެމްޑީއެފްގައި އުޅުއްވި ފަތުހުﷲ ސޯލިހާ ހަަމައިންނެވެ. އެއީ ނީޝަންގެ ބައްޕަގެ އިތުރުން އޭނާގެ ޅަ އުމުރުގައި ބޮޑު ފިޔަވަޅެއް އަޅަން ހިތްވަރު ދިން ފަރާތެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް ނީޝަންއަށް ފެންނަމުން ދިޔައީ އޭނާގެ ބައްޕަގެ ހީވާގި މަސައްކަތްތަކެވެ.

ބައްޕައާއެކު މަސައްކަތު ސައިޓްތަކަށް ގޮސް ކަރަންޓު ވައިރު ކުރުމާއި ރޭނުން ފަދަ މަސައްކަތުގައި އަމަލީ ގޮތުން ނީޝަން ބައިވެރިވަމުން ދިޔަ އެވެ. އެއިން އުފެދުނު ޝައުގާއި އާ ކުރެވުނު އަޒުމާއެކު އޭނާ ނިންމީ ބައްޕަގެ ފިޔަވަޅު މަތީގައި ބައްޕައަށްވުރެ ވެސް ކުރިއަށް ދާށެވެ.

ނީޝަން އެ ފިޔަވަޅުމަތީގައި ކުރިޔަށް ދިއުމަށް އެޗްޑީސީއިން ހުޅުވާލި އިންޓާންޝިޕް ޕްރޮގްރާމެއްގައި ބައިވެރިވާން ހުށަހެޅި އެވެ. އޭރު އޭނާގެ އުމުރުން 15 އަހަރެވެ. ސަތޭކައަށްވުރެ ގިނަ މީހުން ކުރިމަތިލި އެ ޕްރޮގްރާމަށް އިންޓަވިއުކޮށް ހޮވީ 25 ބައިވެރިންނެވެ. އެ ފުރޭނުމުގައި ނީޝަން ވެސް ލައްވާލި އެވެ. އެ ޕްރޮގްރާމްގައި ބައިވެރިވެ ކޯސް ފުރިހަމަކުރި ހަމައެކަނި އަންހެން ބައިވެރިޔާއަކަށް ވީވެސް ނީޝަން އެވެ.

ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކުރި 15 ބައިވެރިންގެ ތެރޭގައި ނީޝަން ހިމެނުނު އިރު ވަޒީފާ ލިބުނު 10 ބައިވެރިންގެ ތެރޭގައި ވެސް އޭނާ ހިމެނުނެވެ. އޭނާއަކީ މިހާރު އެޗްޑީސީގެ އެސިސްޓެންޓް ކޮންސްޓްރަކްޝަން އޮފިސަރުގެ މަގާމު އަދާ ކުރަމުން އަންނަ ޒިންމާދާރު އެކަމަކު ފުރާވަރު ކުއްޖެކެވެ. ސައިޓްތަކަށް ގޮސް ކަންކަން މޮނީޓާ ކުރުމަކީ އޭނާގެ ވަޒީފާ އެވެ.

މިހާރު ނީޝަންއަކީ ރާނާ އަންހެނެކެވެ. ކަރަންޓު ވައިރުކުރާ އަންހެނެކެވެ. ދަގަނޑު، ގޮތްގޮތަށް އަނބުރާ، ގުދުކޮށް ހަދަން އެނގޭ އެކަމުގެ ފުރިހަމަ ގާބިލްކަން ހުރި އަންހެނެކެވެ. ސިންމެތި ބަސްތާއެއް އުފުލާލުމަކީ ވެސް އެއްވެސް ކަމެއް ނޫނެވެ. އިމާރާތެއް އަޅަން ކުރަންޖެހޭ އެއްވެސް މަސައްކަތަކީ މިހާރު އޭނާ ނުދަންނަ މަސައްކަތެއް ނޫނެވެ. އެ ހުރިހާ ކަމެއް އޭނާއަށް ހާސިލް ވެގެން ދިޔައީ އެޗްޑީސީގެ އިންޓާންޝިޕް ޕްރޮގްރާމްގެ ސަބަބުންނެވެ.

"އިޓް ވޯޒް ފުލް އޮފް ނިއު ތިންގްސް، ވަރަށް ގިނަ އެއްޗެހި ކޯހުން ދަސްވި، މިހާރު ވަޒީފާގަ މަސައްކަތް ކުރަން ވެސް ވަރަށް ފަސޭހަ ކޯހުގައި ކިޔެވި އެއްޗެހީގެ ސަބަބުން، އަސްލު ފީލްޑަށް ނުކުތީމަ އޭގެ ބޭނުން ވަރަށް ބޮޑަށް ހިފޭ، އެކި މީހުންގެ ތަފާތު ކަންތައްތައް ވެސް އެނގިއްޖެ، މީހުންނާއެކު އުޅެން ވެސް ދަސްވެއްޖެ،" ނީޝަން އޭނާގެ ތަޖުރިބާ ހިއްސާކުރި އެވެ.

އުމުރުގެ ގޮތުން ވެސް ބޮޑު، އަދި ގިނަ ފިރިހެނުންތަކަކާއެކު ބުރަ މަސައްކަތްތަކެއް ކުރުމުގައި އުޅުމަކީ އުމުރުން ޅަ އަންހެން ކުއްޖަކަށް ފަސޭހަ ވާނެ ކަމެއް ނޫނެވެ. އެކަމަކު، ނީޝަން އެކަން އުނދަގުލެއް ގޮތުގައި ނުބެލި އެވެ. އޭނާ ބެލީ ވަށައިގެންވާ ކަންކަން ހަނދާން ނައްތާލައި ހަމައެކަނި މަސައްކަތާއެކު ކުރިއަށް ދާށެވެ. މިއަދު ކާމިޔާބީއާ ހަމައަށް ވާސިލްވެފައިވަނީ އެ ހިތްވަރުންނެވެ.

"އަންހެނަކަށްވީމަ އުނދަގޫތަކެއް ކުރިމައްޗެއް ނުވޭ، ކޯހުގެ އެހެން ބައިވެރިންނަށް ހީވި ކުޑަ ކުއްޖެއް ވީމަ އަހަންނަކަށް ނުވާނެއޭ، ދެން ބައެއް ފަހަރަށް ފިރިހެން ކުދިން ވީމަ ބަހުރުވަ ހުންނަ ގޮތުން އުނދަގޫވި، އަނެއްހެން ފިޒިކަލް މަސައްކަތްތައް އެއީ ވަރަށް ކުރާ ހިތުން ކުރާ ކަންތައްތަކަށްވީމަ އޭގައި އެއްވެސް ވަރަކަށް އުނދަގުލަކާ ކުރިމައްޗެއް ނުވޭ،" ނީޝަން ބުންޏެވެ.

ސޯޅަ އަހަރުގައި ބުރަ މަސައްކަތަކަށް ނީޝަން ނުކުތުމުގައި އޭނާގެ ވަރަށް ދުރު ވިސްނުމެއް އެބަ އޮތެވެ. އޭނާގެ މަގުސަދަކީ ދަރިން ލިބޭ އުމުރަށް ދާއިރު ރަނގަޅު ކެރިއާއެއް ބިނާ ކުރެވި ހިތްފަސޭހަ، ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ވަރުގެ މީހަކަށް ވުމެވެ. ޅަ އުމުރުގައި ގަދައަޅާ މަސައްކަތްކޮށްގެން ނޫނީ ފަހުން ހަމަޖެހިލައިގެން ދިރި ނޫޅެވޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. ނީޝަން ދެކޭ ގޮތުގައި ޒުވާން އުމުރަކީ ބުރަ މަސައްކަތްކޮށް ގަދައަށް ކިޔަވަންވީ އުމުރެވެ.

އެހެން މީހުނަށް ހީވި ކުޑަ ކުއްޖެއް ވީމަ އަހަންނަކަށް ނުވާނެއޭ... ބައެއް ފަހަރަށް ފިރިހެން ކުދިން ވީމަ ބަހުރުވަ ހުންނަ ގޮތުން އުނދަގޫވި، އަނެއްހެން ފިޒިކަލް މަސައްކަތްތައް އެއީ ވަރަށް ކުރާ ހިތުން ކުރާ ކަންތައްތަކަށްވީމަ އޭގައި އެއްވެސް ވަރަކަށް އުނދަގުލަކާ ކުރިމައްޗެއް ނުވޭ
ފާތުމަތު ނީޝަން |އެސިސްޓެންޓް ކޮންސްޓްރަކްޝަން އޮފިސަރު، އެޗްޑީސީ

"ފުރަތަމަ ދުވަސްވަރު ހާޑްވޯކް ކުރަން ޖެހޭނީ، ދެން ސީނިއާ ލެވެލަށް ދެވުނީ އިޓް ވޯންޓް ބީ ސޯ ހާޑް، ހަމަޖެހިލައިގެން އުޅެވޭނެ، އުއްމީދަކީ ކޮންސަލްޓެންޓް އިންޖިނިއަރަކަށް ވާން، އެ ހިސާބަށް ދެވުނީމަ އަބަދު ސައިޓްތަކުގައި އުޅޭކަށް ނުޖެހޭނެ،" ނީޝަން ބުންޏެވެ.

އެގޮތަށް އޭނާގެ ވިސްނުން ހަރުލާފައި އޮތީ މަންމަ، ނަގްހަތު ރަޝީދު ދިން ތަރުބިއްޔަތާއި އެހީތެރިކަމުގެ ސަބަބުންނެވެ. ނީޝަން ގެންގުޅެ ތަރުބިއްޔަތުކޮށް ބޮޑުކުރުމަށް ހުރިހާ ވަގުތެއް މަންމަ ހުސްކުރި އެވެ. އެއީ ނީޝަން ވެސް ގަބޫލުކުރާ ހަމައެވެ. ދަރިން ބޮޑު ކުރަން ކޮންމެ މަންމައަކު ވެސް ވަގުތުތައް ހުސްކުރަން ޖެހޭނެ އެވެ.

"އަމިއްލަ ދަރިން ޑިސިޕްލިން ކުރަން މަންމަ ގޭގައި ހުރުމަކީ ވަރަށް މުހިންމު ކަމެއް، ނިޝްގެ މަންމަ ވެސް އަބަދުވެސް ގޭގައި ހުރެގެން އެކަން ކުރީ. އެއީ ވަރަށް ބޮޑު އެހީއެއް އަހަރެންނަށް ލިބުނު. އަޅުގަނޑު ހުރިހާ އަންހެން ކުދިން ކައިރީގައި ވެސް ބުނާނީ އެމީހަކަށް ލިބޭ ކުދިން އަމިއްލައަށް ބަލާށޭ، އޭރަށް ހުރިހާ ކަމެއް ދާނީ ރަނގަޅަށް، ބެލެނިވެރިން ސަޕޯޓިވްވީ ވަރަކަށް ދަރިންނަށް ކުރިއަށް ދެވޭނީ،" ނީޝަން ބުންޏެވެ.

ޒަވާޖީ ހަޔާތެއް ފަށެންވާއިރަށް މަތީ ތައުލީމް ހާސިލްކޮށް ދަރިންނަށް ވަގުތު ދެވޭނެ ގޮތަށް ދިރިއުޅުން ބައްޓަން ކުރަމުންދާ ނީޝަންގެ ވިސްނުން ހުރީ އެޗްޑީސީއަށް އޭނާގެ ހުރިހާ ހިދުމަތެއް ދިނުމަށެވެ. މަތީ ތައުލީމް ހާސިލް ކުރަން ވެސް ބޭނުން ވަނީ އެ ކުންފުނީގެ މުވައްޒަފެއްގެ ގޮތުގައި ހުރެގެންނެވެ. އޭނާއަށް ފުރުސަތު ދިން ބަޔަކީ އެއީ އެވެ.

އެޗްޑީސީގެ ޕްރޮގްރާމް ހިންގި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ޑިރެކްޓާ އޮފް ޕްރޮގްރާމްސް އަދި ނީޝަންގެ ލެކްޗަރާ އާދަމް ހަލީމް ބުނި ގޮތުގައި ނީޝަންއަކީ ހިތްވަރުގަދަ ނަމޫނާ އެކެވެ.

"ނީޝަން ކޯސް ނިމެންދެން ހަމައެކަނި ހިފެހެއްޓީއެއް ނޫން، ޕްރެކްޓިކަލް ކްލާސްތަކުގައި އަމަލީ މަސައްކަތްތަކުގައި ވެސް ވަރަށް ފުރިހަމައަށް ބައިވެރިވި، ފިރިހެނުންނާ އެއް ސަފެއްގައި ހިފަހައްޓާލި، ކަމަކަށް ޕެޝަން ހުރެއްޖަނަމަ ޖިންސަކީ ހުރަހެއް ނޫންކަން އޭނާ ސާބިތުކޮށްދީފި،" އާދަމް ހަލީމް ބުންޏެވެ.

ބުރަ މަސައްކަތަށް އެވަރުގެ ލޯތްބެއް އޮތް، ނީޝަންގެ ކުޑަ ކުޑަ ހަޔާތުގައި އެންމެ މުހިންމު ބަޔަކީ މައިންބަފައިންނެވެ. އަދި އޭނާގެ ހަމައެކަނި ބޭބެ އެވެ. ޕެޓެއްގެ ގޮތުގައި ނީޝަން ގެންގުޅޭ ބުޅަލަކީ ވެސް އޭނާގެ ހަޔާތުގައި ހާއްސަ މަގާމެއް ހޯދާފައިވާ ބުޅަލެކެވެ.

"މަންމަ ބައްޕަ، އެ ދެ މީހުންގެ ސަޕޯޓުން މިހާ ހިސާބަށް އާދެވުނީ، އެއްބައި ފަހަރަށް ކުދިން ވާހަކަ ދައްކާ ގޮތުން ގެއަށް އައިސް ވަރަށް މޫޑީވެފަ ހުންނައިރު، ޗިއާ އަޕްކޮށް ދެނީ މަންމަ އާއި ބައްޕަ، ޓްރައި ކުރީމަ ވާނެ ކަމަށް އަބަދުވެސް ބުނޭ،" ނީޝަން، އޭނާގެ މަންމަ އާއި ބައްޕައަށް ތައުރީފުކުރި އެވެ.

ދިވެހިންގެ ތެރޭގައި މިފަދަ މަސައްކަތް ކުރާ އަންހެން ކުދިން މަދު ނަމަވެސް ނީޝަން ވަނީ ހުރިހާ އަންހެން ކުދިންނަށް ވެސް ހިތްވަރު ދީފަ އެވެ. އެ ކުއްޖަކު ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް އަވަހަށް ކަނޑައަޅައި، އެއްވެސް ކަމެއްގައި ލަސް ނުކުރުމަށް އޭނާ އެދެ އެވެ. އަދި އަންހެން ކުއްޖަކަށްވީ ނަމަވެސް ހައްދުތަކެއް ހުންނާނެ ކަމާއި އެ ހައްދުތަކުން ބޭރު ނުވެ، ކުރިއަށް ދިޔުމަކީ ކާމިޔާބީގެ ތަޅުދަނޑި ކަމަށް އޭނާ ގަބޫލުކުރާ ކަމަށް ބުންޏެވެ.

ނީޝަން މިވަނީ އަންހެންވެރިންނަށް ވެސް ވާނެކަން ހުރިހާ ގޮތަކުން ވެސް ސާބިތުކޮށްފަ އެވެ. އަންހެނުންނަށް ވާނެ އެވެ!