އެޗްޑީސީ

މަމްސް ޖަމިއްޔާއަށް ހިޔާ ފްލެޓުން ޔުނިޓެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުން ޔުނިޓެއް މަމްސް ޖަމިއްޔާ ހިންގުމަށް ހިލޭ ދިނުމަށް އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ. އަދި މަމްސް ޖަމިއްޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ކޯފައުންޑާ ސިތްރާ މުހައްމަދެވެ.

އެޗްޑީސީން ބުނީ މަމްސް ޖަމިއްޔާ އަށް ދީފައިވާ ޔުނިޓަކީ އެ ޖަމިއްޔާ އަށް އެހީގެ ގޮތުގައި ލިބިފައިވާ ތަކެއްޗާއި އަދި އެހެނިހެންވެސް ތަކެތި ގުދަންކުރުމަށްޓަކައި އޮފީސް ޖާގައެއްގެ ގޮތުގައި ދީފައިވާ ޔުނިޓެއް ކަމަށެވެ. މި ޔުނިޓު ހުންނަނީ އެޗް 8 ޓަވަރުގަ އެވެ.

އެޗްޑީސީން ބުނީ މަމްސް ޖަމިއްޔާ އާއި ގުޅިގެން އެ ކުންފުނިން ގިނަ ހަރަކާތްތަކެއް ހިންގުމަށްވެސް އެއްބަސްވުމުގައި ހިމަނާފައިވާނެ ކަމަށެވެ.

މަމްސް ޖަމިއްޔާ އިން ހިޔާ ފުލެޓުގައި ދިރިއުޅެމުންދާ އަންހެނުންނާ ގުޅުން ބަދަހިކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހާ އެޗްޑީސީއާއިއެކު ވަކި ކެމްޕޭނެއްގެ ދަށުން އެހީތެރިވުމަށް އެއްބަސްވެފައިވާ ކަމަށްވެސް އެޗްޑީސީ އިން ބުނެ އެވެ.

މީގެ އިތުރުން މަމްސް ޖަމިއްޔާ އަށް "ހޯޕް ފޯ މަމްސް" ކެމްޕޭންގެ ދަށުން ލިބިފައިވާ އިމާރާތްކުރުމުގެ ދާއިރާގެ ސާމާނުތައް ބެހެއްޓުމަށްޓަކައި އެޗްޑީސީގެ ގުދަނެއް ދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީ އިން ބުނެ އެވެ. އަދި މަމްސް ޖަމިއްޔާ އިން އަޅައިދޭ ގެތަކުގެ ޑިޒައިން ކުރުމަށް އެޗްޑީސީގެ ޑިޒައިން ޓީމުން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެއްބަސްވެފައިވެ އެވެ.

މަމްސް ޖަމިއްޔާ އަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބެނުންވެފައިވާ ގިނަ އާއިލާތަކަށް ތަފާތު އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ޖަމިއްޔާ އެކެވެ. މަމްސް ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ ދިވެހި މަންމައިން ބާރުވެރިކުރުވުމެވެ.

މިގޮތުން ހާލުގައި ޖެހިފައިވާ އެކަނިވެރި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އަންހެނުން ވަކިން ހާއްސަކޮށް އެކަނިވެރި މައިން މުޖުތަމައުގައި ބާރުވެރިކުރުމަށް އެކި ޕްރޮގްރާމްތައް މަމްސް ޖަމިއްޔާ އިން ހިންގަމުންދެ އެވެ. މިގޮތުން ބެކް ޓު ސްކޫލް އަދި މަމްސް އެކްސްޕޯ ފަދަ ހަރަކާތްތައް ފާހަގަކޮށްލެވެ އެވެ.

އެޗްޑީސީ އިން ބުނީ މި އެއްބަސްވުމުގެ ދަށުން ބޭނުންޖެހިފައިވާ ގިނަ ފަރާތްތަކަކަށް އެހީތެރިކަން ފޯރުކޮށްދެވި މިކަމުގެ ސަބަބުން ހެޔޮބަދަލެއް މުޖުތަމައުގެ ތެރެއިން ފެނިގެންދާނެ ކަމަށެވެ.