ފިނިޕޭޖް

ރޯގާއިން ސަލާމަތްވާން ޔޯގަޓްވެސް ކެވިދާނެ

ރޯގާ އާއި ހުމަކީ މި ދުވަސްވަރު އާއްމުކޮށް ފެތުރޭ ބައްޔެކެވެ. މިއީ ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބައްޔެއް ކަމަކު، މި ކަމުން ސަލާމަތް ވުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އާދައިގެ ރޯގާ އެއް ޖެހުނަސް އެއްކޮށް ފަސޭހަ ވާން ގާތްގަނޑަކަށް ހަފްތާއެއް ނަގާނެ އެވެ. މިއީ އަދި އިނގުރާއި މާމުއާއި ގިނަ އަދަދެއްގެ ހޫނު ފެން ގަވާއިދުން ބޭނުން ކުރުމަށްފަހު އެވެ. މި ތަކެތީގެ އިތުރުން ރަހަ ތަފާތު ކޮށްލުމަށް ޔޯގަޓުވެސް ބޭނުން ކުރެވިދާނެ އެވެ.

ނެޗުރަލް ޔޯގަޓަކީ ޕްރޯބަޔޯޓިކްސް އިން ފުރިފައިވާ އެއްޗެކެވެ. ޕްރޮބަޔޯޓިކްސް ބޭނުން ކުރުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮސްދޭނެ އެވެ. އަދި ރޯގާ ޖެހިފައިވާ މީހަކު ގަވައިދުން ޔޯގަޓު ކާނަމަ އެ ބަލިން ފަސޭހަ ވުމަށް އަވަސް ވާނެ ކަމަށް ސިއްހީ ރިޕޯޓުތައް ވެސް ހެކިވެ އެވެ. މީގެ އިތުރުން، ޔޯގަޓުގައި ހިމެނޭ "ޒިންކު" އާއި "ކާބޯހައިޑްރޭޓްސް" އަކީ ހަށިގަނޑު ވަރުޖައްސައިދިނުމަށް ބޭނުންކުރެވޭނެ މުހިއްމު ދެ މާއްދާ އެވެ.

އެހެންނަމަވެސް މިއީ 100 ޕަސެންޓު ނެޗުރަލް (ގުދުރަތީ) ޔޯގަޓުގެ ފައިދާތަކެ އެވެ. "ކޮންވެންޝަނަލް ޔޯގަޓު" އަކީ ގިނަ އަދަދެއްގެ ހަކުރާއި ދިޔާ ކިރު އެއަށް އެއްކުރެވިފައި ހުންނަ އެއްޗިއްސެވެ. އެހެންކަމުން، މިފަދަ ޔޯގަޓުން ލިބޭ ފައިދާތައް މުޅިން ތަފާތު ވާނެ އެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި، ހަމަ އެކަނި ރޯގާއިން ސަލާމަތް ވާން އެއްފަހަރާ ގިނަ އަދަދެއްގެ ޔޯގަޓު ކެއުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ. އެކަމަކު ރޯގާ ޖެހިފައި ހުންނައިރު ޔޯގަޓު ކަހަލަ ފަސޭހައިން ދިރޭ އެއްޗެއް ކެއުން މުހިއްމު ކަމަށެވެ. އަދި އާއްމުކޮށް ގެންގުޅޭ ކެއުމުގައި ޔޯގަޓު މަދުން ނަމަވެސް ހިމެނުކަމީ ދާއިމީ ގޮތުގައި ހަށިގަނޑަށް ފަސޭހަތަކެއް ވެގެންދާނެ ކަމެއް ކަމަށެވެ.

ޔޯގަޓު ކާއިރު ހުސް ޔޯގަޓުގެ ބަދަލުގައި، މޭވާ ކޮޅަކާ އެއްކޮށްލައިގެން ކާށެވެ. ސްޓްރޯބެރީ، ޕްލަމްސް، އަނބު ފަދަ ފޮނި މޭވާއެއް ހިމަނާލުމުން ހަށިގަނޑަށް އިތުރު ވިޓަމިން ސީ ލިބި އެންޓިއޮކްސިޑަންޓްސް އިން ރޯގާ ފަސޭހަ ވާނެ އެވެ. އަދި މިއީ ސިއްހަތަށް ފައިދާހުރި މީރު ކެއުމަކަށްވެސް ވާނެ އެވެ.

ޔޯގަޓަކީ ހަމައެކަނި ކުޑަކުދިންނަށް ހާއްސަ އެއްޗެއް ނޫނެވެ. ކުޑަކުދިންނަށްވެސް ޔޯގަޓު ދެނީ އޭގައި ހިމެނޭ ފައިދާތަކުގެ ސަބަބުންނެވެ. ޔޯގަޓު ގަންނައިރު އެންމެ ސަމާލުވާނެ ޖެހޭނީ މި ގަނެވެނީ ހުސް ހަކުރު އެއް ކުރެވިފައި ހުރި ޔޯގަޓެއްތޯ ނުވަތަ މިއީ 100 ޕަސެންޓު ނެޗުރަލް ޔޯގަޓެއް ތޯ އެވެ. ހަށިގަނޑަށް ކުރާ ފައިދާ ވަރަށް ތަފާތުވާނެ އެވެ.