ހަބަރު

ޑްރަގް ނެޓްވޯކެއްގައި ހިމެނޭ ތިން ދިވެއްސަކު އިންޑިއާއިން ހައްޔަރުކޮށްފި

Jan 2, 2019

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި ބައިނަލްއަގުވާމީ މާފިއާއަކަށް ނިސްބަތްވާ ތިން ދިވެއްސަކު އިންޑިއާއިން ހައްޔަރުކޮށްފި އެވެ. މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ކޮޗިން އިންނެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން މާފިއާއަށް ނިސްބަތްވާ ދިވެހިންނަކީ އާޒިމް ހަބީބް 33، އާއި މުހައްމަދު ސަފޫފު 33، އަދި ޝިފާ އިބްރާހިމް 30، އެވެ.. އަތުލައިގަތް ނެޓްވޯކްގައި ދެން ހިމެނެނީ އިންޑިއާ އަށް ނިސްބަތްވާ އެންތަނީ ސާމީ ކިޔާ މީހެކެވެ. އެ މީހުންގެ އަތުން ފެނުނު ހަޝިޝް އޮއިލް ހުރީ، ޝޭމްޕޫ ހުސްކުރި ފުޅިތަކެއްގަ އެވެ.

އިންޑިއާގެ ފުލުހުން ބުނެފައި ވަނީ އެ އެންމެން ނިސްބަތްވަނީ ހޮންކޮންގުގެ އިންޓަނޭޝަނަލް މާފިއާ ގްރޫޕަކަށް ކަމަށާއި އެ މީހުންގެ ޕާސްޕޯޓުން އެނގޭ ގޮތުގައި އެ މީހުންގެ ވިޔަފާރި ފުޅާކޮށްފައި ވަނީ ރާއްޖެ އާއި ސްރީ ލަންކާ އާއި ތައިލެންޑް އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ކަމަށެވެ.