ވިޔަފާރި

އޭސް ހާޑްވެއާގެ އަހަރީ ދުވަސް ފާހަގަ ކުރަން ބާބަކިއުއެއް

Jan 3, 2019

އޭސް ހާޑްވެއާގެ ހަތްވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެ ސުޕަމާޓުން ހާއްސަ ބާބަކިއު އިވެންޓެއް މިދިޔަ މަހުގެ 30ގައި ބާއްވައިފި އެވެ.

އެ ބާބަކިއު ބާއްވާފައި ވަނީ ރަސްފަންނު ބާބަކިއު ސަރަހައްދުގައި ރޭގަނޑު 7:00 އިން 10:00 އަށެވެ. އޭސް ހާޑްވެއާއިން ބުނީ އެ ފިހާރައިން 27 ޑިސެމްބަރުން 29 ޑިސެންބަރުގެ ނިޔަލަށް ކުރި ކޮންމެ ވިޔަފާރިއަކަށް ބާބަކިއު އެނޓްރީ ކޫޕަނެއް ދޫކޮށްފައިވާކަމަށެވެ. އަދި މީގެ އިތުރުން "ވިން އަ ގްރިލް "ގެ ނަމުގައި ލަކީޑްރޯ ކޫޕަނެއް ވެސް ދޫކޮށްފައިވާކަމަށް އޭސްހާޑްވެއާއިން ވަނީ ބުނެފަ އެވެ.

އެ ބާބަކިއުގައި ވަރަށް ގިނަ ބަޔަކު ބައިވެރިވެފައިވާ އިރު، އެ ލަކީޑުރޯ ކޫޕަންގެ ނަސީބުވެރި ފަރާތަކަށް ހޮވިފައި ވަނީ އަހްމަދު ވިޝާހް އެވެ. ވިޝާހުއަށް ގްރިލް މާކްގެ ކެތިލް ގްރިލްއެއް އެ އިވެންޓުގައި އޭސް ހާޑްވެއާ އިން ވަނީ ހަވާލު ކޮށްފަ އެވެ. ބާބަކިއު ހެދުމަށް ބޭނުން ކުރާ ގިނަ ސާމާނު އޭސްހާޑްވެއާ އިން ލިބެން ހުރެ އެވެ. އަދި އެ ބާބަކިއު އިވެންޓް ގައި ބޭނުން ކޮށްފައި ވަނީ އެ މާޓުން ވިއްކާ ގްރިލް އެވެ.

އޭސް ހާޑްވެއާއިން ރާއްޖޭގައި ވިޔަފާރި ފެށީ، މީގެ ހަތް އަހަރު ކުރިން، 15 ޑިސެމްބަރ 2011 ގައެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެވެ. އެ އެއްބަސްވުމަށްފަހު އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވާފައިވަނީ 20 ޑިސެމްބަރ 2011 ގައެވެ. އަދި 19 ޑިސެމްބަރ 2013 ގައި ދެވަނަ ފިހާރައެއްވެސްވަނީ ހުޅުވާފަ އެވެ.