އާ އަހަރު ފެށުމާއެކު ކުންފުނިތަކާއި އޮފީސްތަކުގެ ކަލަންޑަރުތައް ލިބެން ފަށައި މޭޒުމަތި ފުރާލަ އެވެ. ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުން ކޮންމެ އަހަރަކު ވެސް ކަލަންޑަރު ނެރެނީ އެއް ބަޔަކު އަނެއް ބަޔަކާ ވާދައަށޭ ހީވާވަރަށް ފާޑުވެރިކަމާއި އުފެއްދުންތެރި ހިޔާލުތައް ކަލަންޑަރަށް ލާފައި ހުރެއެވެ. އެއް ކަމެއް ޔަގީނެވެ؛ އަޅައިގަންނަ، ހިތް ދަމައިގަންނަ ފުރިހަމަ ކަލަންޑަރެއް ނެރެން ހުރިހާ ކުންފުންޏަކާއި އޮފީހަކުން ވެސް ބޮޑު ހަރަދެއް ކޮށްފައި ހުރެ އެވެ.
ކުންފުނިތަކުގެ މަސައްކަތާއި އައިޑެންޓިޓީގެ އާ މޫނު އާ އަހަރަށް ހާމަކޮށްލައިދޭން ޒުވާން ޑިޒައިނަރުންގެ މޮޅު ހިޔާލު، ނޯޓު ފޮތްތަކާއި ނޯޓް ކަރުދާހާއި ފާހަގައިން ފެށިގެން ގޮސް ގަލަން ފަންސޫރާއި މޭޒު މަތީ ބަރާއި ކުދި ގަސް މުއްޓަށް ދަންދެން "ކަލަންޑަރު ޕެކް" ގައި ހިމަނައި ބަހަ އެވެ. މިއަހަރުގެ ކަލަންޑަރުތަކުން ވެސް ދިވެހިންގެ ހުނަރުވެރިކަން ދައްކުވައި ދިނެވެ.
ފަހަށް ރައްކާ ކުރުން
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި އެލައިޑުން ނެރުނު ކަލަންޑަރަކީ މިއަހަރު މޭޒުމައްޗަށް އައި އެންމެ ތަފާތު އެއް ކަލަންޑަރެވެ. އާއްމުކޮށް އަންނަ ކަލަންޑަރުތަކުގެ ބައްޓަމާ ހިލާފަށް އެލައިޑުގެ މި ކަލަންޑަރަކީ ކުޑަ ކުޑަ ގެއެކެވެ. މި "ގެކަލަންޑަރު" ފަރުމާކޮށްފައި ވަނީ ފަހަށް ރައްކާ ކުރުމުގެ އާދަ ހަރުލައްވަން އެލައިޑުން އަބަދުވެސް ދެމުން އަންނަ މެސެޖް ސިކުނޑީގައި ހަރުލައްވާން އަހަރު ދުވަހުގެ "ކޮއިން ބޮކްސް" އަކަށް ފުދޭ ގޮތަށެވެ. އެލައިޑުގެ ބަހުރުވައިންނަމަ، މިއަށް ވައްޓާލާ ކޮންމެ ފައިސާ ފޮއްޗަކުން ފަހަށް ރައްކާކުރުމުގެ ހިމާޔަތް އެލައިޑު ކަލަންޑަރުގެ ފުރާޅުގެ ދަށުން ލިބޭނެ އެވެ. އަހަރު ނިމުމުން ކަލަންޑަރުގެ އެހީގައި ރައްކާކުރެވުނީ ކިހާ ވަރެއްތޯ ބަލައިލެވެނެ އެވެ. އެލައިޑުގެ މި ކަލަންޑަރުން 2019 ވަނަ އަހަރަށް ފައިސާކޮޅެއް "އިންޝުއާ" ކޮށްދެވުނީ އެވެ. މި ގޮތް ވެސް މި ކުޑަ ގެވެސް ސަޅި އެވެ.
ދިވެހިރާއްޖޭގެ މުއާސަލަތީ ގުޅުން
މުއާސަލާތީ ކުންފުނި، ދިރާގުން ފޮނުވި މީހަކު އެއާ ގޮތަށް އައިސް މޭޒުމަތީގައި ބެހެއްޓީ ކަލަންޑަރު ޕެކެއް ނޫނެވެ. ދިރާގު އެމީހާ ހެވިލާފައި އައިސް މޭޒުމަތީގައި ބެހެއްޓީ ކަލަންޑަރު ފޮއްޓެކެވެ. "ދިރާގު އޮރެންޖު"ގެ އޮމާން ރީތި އެ ފޮށީގެ ބޭރުގައި ކުރަހާފައިވަނީ ދިވެހިރާއްޖެ ތަމްސީލުވާނެ ފަދަ ގުދުރަތީ މަންޒަރެއްގެ ފެންނަ ކުރެހުމެކެވެ. ފޮށީގެ ތެރޭގައި އޮތީ ކަލަންޑަރާއެކު ބޭނުން ކުރެވޭނެ ރީތި ގަލަމެކެވެ. ކަލަންޑަރު ލާފައި އޮތް ފޮށި މިހިސބުން އެއްލައިލަންވީ އެއް ނޫނެވެ.
ދިރާގުން ބުނާގޮތުގައި މި ފޮއްޓަކީ، ބޭނުންވެއްޖެ ނަމަ ކަލަންޑަރު އަލުން ފަތްޖަހާލާފައު ކުރިން އޮތް ގޮތަށް އެއަށް ކޮށްޕައިލެވޭ "ޕޯޓަބަލް" ކޮށް ތަންތަނަށް ގެންދެވޭނެ އަތްމަތީ ސާމާނުގެ ކުޑަ ފޮއްޓެކެވެ.
ދިރާގަކީ ރާއްޖޭގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދިން ފުރަތަމަ ކުންފުންޏަށް ވާއިރު، މި ކަލަންޑަރުން ރާއްޖޭގެ އެހާރާއި މިހާރު ދައްކުވައިދެ އެވެ. ހަމަ އެންމެ މިސާލެކެވެ. ޖަނަވަރީ މަހުގައި ކުރަހާފައި ހުރި ފޮޓޯ ގައި ރީތި އަންހެން ކުއްޖަކު ހުންނަނީ ފޯނެއްގަ އެވެ. މި ކުއްޖާއަށްވުރެ ފަހަތުން ފެންނަން ހުރި ތަކެތި މާ ފުރިހަމަ އެވެ. ދިވެހިން އެއް އިރެއްގައި ބޭނުން ކުރި "ނަންބަރު އެނބުރޭ" ފޯނާއި، މަގުތައް މަތީ އެންމެން ބޭނުންކުރި ފޯނު ބޫތުތަކާއި ޒަމާނީ އައިފޯނުތައް ބުނެދނިީ މުވާސަލާތީ ހިދުމަތަށް އައިސްފައި ހުރި ތަރައްގީ އެވެ.
ހުރިހާއެއް ކަމެއް ތަފާތު އުރީދޫ
އުރީދޫ ކަލަންޑަރަކީ މުޖުތަމައުގެ ހުރިހާ އުމުރުފުރައަކަށް ފެތޭ ހާއްސަ ކަލަންޑަރެކެވެ. މިއަދުގެ މުޖުތަމައިން ފެންނަ އެކި މައްސަލަތައް 12 މަހަށް ބަހައިލައި އެކަންކަން ދައްކާލި އިރު އުރީދުން ބުނާ ބޮތަށް އެ މީހުން ހަމަ ތަފާތެވެ. ތަފާތު ވަރަކީ މައްސަލަ ތަކުގެ ހައްލުވެސް އުރީދޫގެ ކަލަންޑަރުގައި ވެއެވެ. ކަލަންޑަރުގެ އެއް މަހެއްގައި ދައްކުވައިދެނީ ދިވެހިން ސޯޝަލް މީޑިއާއަށް ދެވި ހިފާފައި ބައްދައިގެންފައިވާ މިންވަރެވެ. މަތީ ވަނައެއް ހޯދާ ރަންތަށި ހިފަިއިގެން އަންނަ ކުއްޖަކު، އޭނާގެ މަންމަ ކައިރީ "އެއްވެސް މީހަކު ނާންނާނެތަ ކޮއްކޮ އަށް މަރުހަބާ ކިޔާކަށް؟" އެހުމުން، ޖަވާބުގައި މަންމަ ބުނަނީ "ނޫނޭ، މިއޮއް ހުރިހާ އެންމެންވެސް ވިޝް ކުރަނީނު ކޮއްކޮއަށް އެފްބީ އިން". މި ޖަވާބާ އެކު ދިވެހިންގެ އާދަކާދަ އާއި ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތައް، ގްރެފިކްސް އާޓުން ހުށަހަޅައިދީފައި ވެއެވެ.
ދިވެހިންގެ ބޮޑު އިސްޓޯރު
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއިން މިދިޔަ އަހަރު ބެހި ކަލަންޑަރުތަކުން ހުރިހާ އެންމެންގެ ހިތް ދަމައިގަތެވެ. މި އަހަރުކު ވެސް ވަކި ދުލެއް ނުދެ އެވެ. ހަމަ ވަރަށް ގަދަ އެވެ. ހުދު ކުލައިން "2019" ޖަހާފައިވާ ކަލަންޑަރާއެކު އެންމެންވެސް ހީކުރީ މިފަހަރުވެސް ލިބޭނީ މިދިޔަ އަހަރު ވެސް ލިބުނު ގަސް މުށިގަނޑު ކަމަށެވެ.
މިފަހަރުގެ ކަލަންޑަރު ކޮތަޅުގައި އޮތީ ދަންފުޅި -- އަވަގްލާސް -- އެކެވެ. އިހަށް ދިވެހިން ވަގުތު ބަލަން ގެންގުޅު ދަންފުޅި ގުޅުވާލާފައި ހުރީ ކަލަންޑަރުގެ ކޮންމެ މަހަކާ އެވެ. ކަލަންޑަރުގެ 12 މަހުގެ ދެފުށުން ދައްކުވައިދެނީ، ދިވެހިންގެ ދިރިއުޅުމަށް އައިސްފައިވާ ތަމައްދުނެވެ. ލޯބި ލޯބި ދަންފުޅިއާއެކު އެސްޓީއޯގެ ކަލަންޑަރުގައި ފެންނަ ވަރަށް އެކަމަކު ފޮރުވިފައިވާ މެސެޖަކީ، ވަގުތު ނުހުއްޓޭނެ ކަމެވެ.
އަހަރެމެންގެ ޕެންޝަން ކޮބާ؟
ޕެންޝަން އޮފީހުގެ ކަލަންޑަރަކީ ހުރިހާ ކަލަންޑަރުތަކެއްގެ ބައްޓަމާ ހިލާފަށް، ހަ ކަނަށް ދަމާލާފައިވާ ކަލަންޑަރެކެވެ. "ހެކްސަގަން" ބައްޓަމަށް އޮތް ކަލަންޑަރެއް ފެނުނު މިއީ އަދި ފުރަތަމަ ފަހަރެވެ. ކަލަންޑަރުގެ ބައްޓަން ތަފާތު ކަމުން، އެއަށް ބަލައި ގަނޑުތަކަށް އުކަމުން ދިޔަ އިރު ލޮލު އަޅައިގަތީ މޯލްޑިވްސް ޕެންޝަން އޮފީހުގެ ލޯގޯ އެވެ. ޕެންޝަން އޮފީހުގެ ލޯގޯ އަކީވެސް މި ބުނާ "ހެކްސަގަން" ބައްޓަމަށް ޑިޒައިން ކޮށްފައިވާ ލޯގޯ އެކެވެ. މި ލޯގޯ އާއެކު، ޕެންޝަން އޮފީހުން މުޅި ކަލަންޑަރުވެސް އެމީހުންގެ އެއްޗަކަށް ހެދީ އެވެ.
އެކި ފާޑުފާޑުގެ ވެލިގާ
ވެލިގާ ހާޑްވެއާ އަކީ މަސައްކަތް ކުރުމަށް ބޭނުން ކުރާ އެއްޗެހި ވިއްކާ ތަނެއް ކަމުން އުއްމީދު ކުރެވުނީ މި ކަލަންޑަރުގައި ދައްކުވައިދޭނީ މަސައްކަތުގެ މާހައުލު ކަމަށެވެ. އެހެނެއް ނުވި އެވެ. މި ކަލަންޑަރުން ފެންނަނީ ދިވެހި ރާއްޖޭގެ ރީތި މަންޒަރު ތަކެވެ. ރާއްޖޭގެ ފެހިކަން ގަދަ ރުއްގަސްތަކާއި، ނޫކަން ގަދަ ކަނޑުގެ ރާޅުތަކާއި ނޫ އުޑުގެ ވިލާތަކުގެ ޗާލު ކަމެވެ. ވެލިގާއިން މި ކަލަންޑަރު ހާއްސަ ކޮށްފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތި ކަމަށެވެ. މި ކަލަންޑަރުން ފެންނަ ރަށްތަކުގެ ނަންތައް ކަލަންޑަރުގައި ހިމަނާލައިލިނަމަ މި ކަލަންޑަރަށް އިތުރު ފުރިހަމަ ކަމެއް ލިބުނީހެވެ.