ދިރާގު

މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް ފައިނޭންސް ފޯރަމް 2024 ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

މިއީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފިސް) އިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ. 2012 ވަނަ އަހަރުން ފެށިގެން ބާއްވާ މި އިވެންޓަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު ބާއްވާ އަހަރީ ފައިނޭންސް ފޯރަމެވެ.

މި އިވެންޓްގައި ރާއްޖޭގެ މާލީ އަދި އިޖުތިމާއީ ދާއިރާ ކުރިއެރުވުމާ ގުޅޭ އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމާބެހޭ ފަރާތްތަކާއި ތަޖުރިބާކާރުން ބައިވެރިވާނެ އެވެ.

ފައިނޭންސް ފޯރަމްގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކުރުމާއި ގުޅޭ ގޮތުން ދިރާގުގެ ފައިނޭންޝަލް ކޮންޓްރޯލާ އާދަމް އާތިފް ވިދާޅުވީ ދެމެހެއްޓެނިވި މާލީ އަދި އިޖުތިމާއީ ކުރިއެރުމަށް އެކި ތަޖުރިބާކާރުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތައް އެކުގައި މަސައްކަތްކޮށް އެންމެ ފަހުގެ މައުލޫމާތު ދެނެގަތުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި މި އިވެންޓަށް ޑިޖިޓަލް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ކުރުނބާ މޯލްޑިވްސްގަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އަސާސީ ދާއިރާތަކާއި ހިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭނެ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަކުރުމަށެވެ.