ހަބަރު

ފައިނޭންސް ފޯރަމް މިމަހު ބާއްވަނީ

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމް މި މަހު ބާއްވަން ހަމަޖައްސައިފި އެވެ.

މި މަހުގެ 22 ވަނަ ދުވަހު ޕެރެޑައިސް ރިޒޯޓުގައި ބާއްވާނީ އަށް ވަނަ ފައިނޭންސް ފޯރަމެވެ. މިއީ 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފޯރަމެކެވެ.

ފޯރަމްގެ މި އަހަރުގެ ތީމަކީ، "އިޖުތިމާއި އަދި އިގްތިސާދީ ތަރައްގީގައި ޕްރައިވެޓް ސެކްޓާގެ ދައުރު" އެވެ.

މިފަހަރުގެ ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ސަރުކާރާއި ފައިނޭންޝަލް ސެކްޓާ ގުޅިގެން ޕްރައިވެޓް ސެކްޓާ ތަރައްގީކޮށް ހަރުދަަނާ ކުރަން ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، ޕްރައިވެޓް ސެކްޓާ ތަރައްގީކޮށް ކުރިއެރުވުމަށް އެސްއެމްއީ ބޭންކެއްގެ ބޭނުންތެރިކަމާއި، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ޕްރައިވެޓް ސެކްޓާ ކުރިއެރުވުމަށް އެންމެ އެކަށޭނަ މާހައުލެއް ހޯދައި ދިނުމާ ގުޅޭގޮތުން މައުލޫމާތު ބަދަލުކޮށް މަޝްވަރާ ކުރާނެ އެވެ.

ރާއްޖޭގެ ފައިނޭންސް ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކާއި، ސަރުކާރު މުއައްސަސާތައް ހިމަނައިގެން ކުރިއަށް ގެންދާ މިފޯރަމްގައި މާލީ އިދާރާތަކުގެ އިސް ބޭފުޅުންނާއި ޕްރައިވެޓް ސެކްޓާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެ އެވެ.