ޕެންޝަން އޮފީސް

ބައެއް މީހުންނަށް ޕެންޝަން ފައިސާ އިތުރަށް ޖަމާކޮށްފި

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މިއަދު ފައިސާ ޖަމާކުރިރު ބައެއް މީހުންނަށް ޖަމާކުރަންޖެހޭ ފައިސާގެ ތިން ގުނަ އިތުރަށް ޖަމާކޮށްފި އެވެ.

އެގޮތުން 5000 ރުފިޔާ ޖަމާކުރަންޖެހޭއިރު، ބައެއް މީހުންގެ އެކައުންޓަށް ވަނީ 15،000 ރުފިޔާ ޖަމާކޮށްފަ އެވެ.

ޕެންޝަން އޮފީހުން ބުނީ އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައްސަލައެއް ކަމަށާއި އެ އޮފީހުގެ އެކައުންޓުން އިތުރަށް ކެނޑިފައެއް ނުވާ ކަމަށެވެ.

ޕެންޝަން އޮފީހުން ކޮންމެ މަހަކު ވެސް 23،000 މީހުންނަށް ޕެންޝަނުގެ ފައިސާ ޖަމާކުރާއިރު، ބީއެމްއެލްއަށް އޮޅިގެން ބައެއް މީހުންގެ އެކައުންޓް ޑުޕްލިކޓުވެފައި ވުމުން ފައިސާ ގިނައިން ޖަމާކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ބީއެމްއެލް އިން ދާދި ފަހުން ވަނީ ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 77 ބިލިއަން ޑޮލަރުވެސް ޖަމާކޮށްފަ އެވެ. އެ މައްސަލަ ބީއެމްއެލް އިން ފަހުން ވަނީ ހައްލުކޮށްފަ އެވެ.