އާދަމް ޝަރީފު އުމަރު

ކޭމް ބަދަލުކުރި ކުރުން ރަނގަޅު: އާދަމް ޝަރީފު

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށް ބަދަލުކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އާދަމް ޝަރީފު މިހެން ވިދާޅުވީ ކޭމް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުންނެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ސަރުކާރުގެ އިދާރީ އޮނިގަނޑު ހަމަޖެއްސެވިއިރު ކޭމް ހިންގަމުން ދިޔައީ ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ދަށުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފު ވަނީ ކޭމް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާފަ އެވެ.

ކޭމްގެ އިތުރުން ކޯ-ޕާޓްނަރުން ކަމަށްވާ ދިރާގު، އުރީދޫ މޯލްޑިވްސް، އާރްއޯއެލް، ސެޓްލިންކް އަދި ސްޓާލިންކާއެކު އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވުނު ކަމަށް އާދަމް ޝަރީފު ފާހަގަކުރެއްވި އެވެ.

އެ ގޮތުން އުރީދޫގެ ޕީސް ކޭބަލް ލޯންޗްކުރުމާއި ދިރާގު އެސްއީ-ޑަބްލިޔުއީ-އެމްއީ ސަބްމެރިން ކޭބަލް ލޯންޗްކުރުމުގައި އާދަމް ޝަރީފު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަރަހަނާ ސައިޓްތައް ބްލޮކްކުރުމުގެ ތާރީހީ ނިންމުން ނިންމިކަން އާދަމް ޝަރީފު ވަނީ ފާހަގަކުރައްވާފަ އެވެ.

އާދަމް ޝަރީފު ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންއަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އާދަމް ޝަރީފު ވަނީ ކޭމް އާއި ދިރާގާއި އުރީދޫ އާއި އާރްއޯއެލްގެ އިތުރުން ސެޓްލިންކް އާއި ސްޓާިންކަށް ޝުކުރު އަދާކުރައްވާފަ އެވެ.