ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)

ކޭމް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ސަރުކާރުގެ އިދާރީ އޮނިގަނޑު ހަމަޖެއްސެވިއިރު މިއަދާ ހަަމައަށް ކޭމް ހިންގަމުން ދިޔައީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވާކްސްގެ ދަށުންނެވެ.

ކޭމް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސް މުއިއްޒު މިއަދު ނިންމެވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން މިހާރު އަށް އިދާރާއެއް ހިންގަ އެވެ. އެއީ މޯލްޑިވްސް އިމިގްރޭޝަނާއި، ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އާއި، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ލޭބަ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޯ)އާއި، ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ އިތުރުން ނޭޝަނަލް ސައިބާ ސެކިއުރިޓީ އެވެ.