ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުން -- އެސްއޯ ފުލުހުން ހަރަކާތްތެރިވާންޖެހޭ ހާލަތްތައް އަލުން ކަނޑައަޅައި އެ ހާލަތްތަކުގައިވެސް އެސްއޯ ފުލުހުން ނެރުމުގެ ކުރިން ސީދާ ކޮމިޝަނާ އޮފް ޕޮލިސްގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ރައީސް މިގޮތަށް އެންގެވީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ބޭއްވި ޖަލްސާއަށް އެމަނިކުފާނު މީގެކުރިން ފުލުހުންނަށް ދީފައިވާ އިރުޝާދާ ހިލާފަށް އެ ޖަލްސާއަށް ފުލުހުން ހުރަސްއަޅާފައިވާތީ އެވެ.
ފުލުހުން ރޭ ހަރަކާތްތެރިވި ގޮތް ރިވިއުކުރުމަށްފަހު މިއަދު އިރުއޮއްސުމުގެ ކުރިން ރައީސް މުއިއްޒު ވަނީ އެމަނިކުފާނަށް ރިޕޯޓެއް ހުށަހެޅުމަށް ރޭ އަންގަވާފަ އެވެ. ފުލުހުން މިއަދު އެ ރިޕޯޓް ހިއްސާކުރުމުން ފުލުހުންގެ ބައެއް ކަންކަން އިސްލާހުކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް މިރޭ ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރާއި ކޮމިޝަނާ އޮފް ޕޮލިސްއަށް އަންގަވާފަ އެވެ.
ރައީސް އެންގެވި ކަންކަން
- ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން އެންގޭޖު ވާންޖެހޭނެ އޮޕަރޭޝަނަލް ހާލަތްތައް އަލުން ކަނޑައަޅައި އެ ހާލަތްތަކުގައިވެސް ޑިޕްލޮއި ކުރުމުގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސްގެ ސީދާ ހުއްދައިގެ ދަށުން އެކަންކަން ކުރުން
- ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާކޮށް މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން
- ޣިޔާސުއްދީން ސްކޫލުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ޑިޕްލޮއި ކުރެވުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ތަހުގީގުކޮށް އެއްވެސް ފަރާތަކުން އިހްމާލުވެފައިވާނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުން
- އޮޕަރޭޝަނަލް ހާލަތްތަކުގައި މީޑިއާތަކަށް މައުލޫމާތު ދިނުމުގައި އަމަލުކުރަމުންދާ އުސޫލު މުރާޖައާކޮށް މިހާރަށްވުރެ ދެފުށްފެންނަ އަދި ތަފްސީލީ ގޮތަކަށް ރައްޔިތުންނަށް މައުލޫމާތު ހާމަކުރެވޭނެ ގޮތްތައް ކަނޑައެޅުން
- ޣިޔާސުއްދީން ސްކޫލުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ވިސްނުމަކީ އޯގާތެރި، ކުލުނުވެރި، ޕްރޮފެޝަނަލް އަދި ޖަވާބުދާރީވަނިވި ފުލުހުންގެ ހިދުމަތެއް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
"މިފުރުސަތުގައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުން ރެއާއި ދުވާލު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރަމެވެ." ބަޔާންގައިވެ އެވެ.
ރައީސް މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިޔާސީ އެއްވެސް ހަރަކާތަކަށް ފުލުހުން ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރޭ ފުލުހުން ހަރަކާތްތެރިވި ގޮތަށް ރައީސް ވަނީ ފާޑުވެސް ވިދާޅުވެފަ އެވެ.
ފުލުހުން ރޭ ވަނީ ޕީއެންއެފް ޖަލްސާ ބޭއްވުމަށް އެ ޕާޓީގެ އިސްވެރިންނާއި އާންމު މެންބަރުން ޣިޔާސުއްދީން ސްކޫލަށް ދިއުމުން އެ ސްކޫލުގެ ގޭޓް ބަންދުކޮށް އެތަނަށް ވަނުން މަނާކޮށްފަ އެވެ.
ޕީއެންއެފް އިން ބުނި ގޮތުގައި ފުލުހުން އެ ޖަލްސާއަށް ހުރަސް އެޅީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުއްދަދީ އަދި ޣިޔާސުއްދީން ސްކޫލާ އެކު އެއްބަސްވުމެއް ހަދައި ޖަލްސާ ބޭއްވުމަށް އެ ސްކޫލަށް ފައިސާ ވެސް ދައްކާފައި ވަނިކޮށެވެ.
ނަމަވެސް ފުލުހުން ވަނީ ޣިޔާސުއްދީން ސްކޫލުގައި ޖަލްސާ ބޭއްވުމަށް ޕީއެންއެފްއާ އެކު ހަދާފައި އޮތް ބާތިލްކޮށްފައިވާ ކަމަށް އެ ސްކޫލުން އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެހެންވެ ފުލުހުން އެތަނަށް ދިޔައީ ޣިޔާސުއްދީން ސްކޫލުގެ ހުއްދަ ނެތި އެ ސްކޫލަށް ބަޔަކު ވަންނަން އުޅުމުން އެޑިޔުކޭޝަން މިނިސްޓްރީން އަންގައިގެންނެވެ.
މިޖަލްސާ ބޭއްވުމަށް ފުލުހުން ހުރަސްއެޅުމާ ގުޅިގެން ޕީއެންއެފްގެ އާންމު މެންބަރުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިންގުމާ ގުޅިގެން ފުލުހުން އެކަން މައިތިރި ކުރީ ޕެޕަ ސްޕްރޭ ޖަހައިގެންނެވެ. އެވަގުތު ބައެއް މީހުންނަށް ކޮންމެވެސް ވަރަކަށް އަނިޔާވި މަންޒަރުވެސް ފެނިގެން ދިޔަ އެވެ.