ޑރ. މުހައްމަދު މުއިއްޒު

ޕީއެންއެފް ޖަލްސާއަށް ހުރަސްއެޅި މީހުންނަށް ފިޔަވަޅު އަޅާނަން: ރައީސް

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ބޭއްވި ޖަލްސާއަށް ފުލުހުން ހުރަސްއެޅީ އެމަނިކުފާނުގެ އިރުޝާދާ ހިލާފަށް ކަމަށާއި އެކަމުގައި ގޯސްކޮށް އަމަލުކުރި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުލިއާގޭގައި މިއަދު ބައެއް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ ގައުމުގައި ހަމަޖެހުން ގާއިމުކުރުމަށް ކަމަށެވެ. އެހެންކަމުން ސިޔާސީ ގޮތުން މީހަކު ކުރާ ކަމަކުން ނުވަތަ ސިޔާސީ ގޮތުން ފާޅުކުރާ ހިޔާލަކާ ގުޅިގެން ބަދަލު ހިފުމުގެ ރޫހެއްގައި މީހަކަށް އަދަބެއް ދިނުމަކީ އެމަނިކުފާނުގެ ސަރުކާރުން ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޕީއެންއެފް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާއަށް އެސްއޯ ފުލުހުން ހުރަސްއަޅާފައިވާތީ އެކަމުގައި ރައީސް ވިދާޅުވީ އެސްއޯ ފުލުހުން ފޮނުވައިގެން ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ. ސިޔާސީ އެފަދަ ހަރަކާތަކަށް އެސްއޯ ފުލުހުން ފޮނުވުމަކީ އެމަނިކުފާނު މީގެކުރިން ފުލުހުން ދީފައިވާ އިރުޝާދާ ސީދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުލުހުންނަކީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ ބަޔަކަށް ވުމަށް ބޭނުންވާތީ އެއްވެސް މީހަކަށް ސިޔާސީ ގޮތުން ފުލުހުން ގޯނާކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. މާޒީގައި ފުލުހުން ނިކުމެ މީހުން ހިފާ ހައްޔަރުކުރި ގޮތަށް އެކަން ކުރަން މިވެރިކަމުގައި ޖާގަ ނުދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ކުރީގަ ފެނިފައި އެބަހުރި ހަމަ ހިޔާލުފާޅުކޮށްލާއިރަށް ޕިކަޕަށް އާޅާލައިގެން ނުވަތަ ވެހިކަލަށް ލައިގެން ގެންދަނީނޫންތޯ. އެކަން އަޅުގަނޑު ގަބޫލެއް ނުކުރަމޭ މިޤައުމުގައި އޮންނަންޖެހޭނެ ކަމަކަށް. އެއީ އަޅުގަނޑު މިދަންނަވާ ހަމަޖެހުން ގެނައުމުގެ މާނައަކީ. ކްލިއާ އިންސްޓްރަކްޝަން ދީފައި އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

ވަގުތުން ފިޔަވަޅު އެޅުއްވުމަށް އެންގެވުން

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ހިނގާ ކަމެއްގެ ތެރެއަށް އެސްއޯ ފުލުހުން ފޮނުވަންޖެހޭ ހިސާބަށް ގައުމުގެ ހާލަތު ދިއުމުން އެމަނިކުފާނަށްވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. މީހުންގެ މުދަލަށް ގެއްލުންދިނުމާއި ތަންތަނުގައި ހުޅުޖެހުމާއި، މުގައްދަސް ތަންތަނަށް ގެއްލުން ދިނުން ފަދަ ކަންކަން ކުރާނަމަ އެތަނަކަށް އެސްއޯ ފުލުހުން ފޮނުވިދާނެ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެ ހިސާބަށް އިރާދަކުރެއްވިއްޔާ މިގައުމުގެ ކަންކަން ނުދާނެ ކަމަށެވެ.

"އެހެން އޮއްވާ ރޭގައި މިފެނުނީ ވަރަށް ގޯސްކޮށް. އަޅުގަނޑު ވަރަށް ކްލިއާ އިންސްޓްރަކްޝަން ދީފައި އޮންނާނީ އެއްގޮތަކަށްވެސް ނުވާނޭ އެސްއޯ ފުލުހުން ފޮނުވައިގެނެއް. ފޮނުވަން ޖެހިއްޖިއްޔާ އަޅުގަނޑަށް އެނގޭނޭ މި ގައުމުގައި އެހިސާބަށް ދިޔާމަ. އަޅުގަނޑު ދަންނަވާނަމޭ އެކަން ކުރަންޖެހިއްޖެއްޔާ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ހަރަކާތްތައް ހުރި ގޮތުގެ މައުލޫމާތު ރޭ ލިބިވަޑައިގަތުމާއެކު ހޯމްލޭންޑް މިނިސްޓަރާއި ކޮމިޝަނާ އޮފް ޕޮލިސްއަށް ގުޅުއްވައި އެކަން ހިނގާދިޔަ ގޮތް އޮޅުން ފިލުއްވި ކަމަށެވެ. އަދި އެމަނިކުފާނު މީގެކުރިން ފުލުހުންނަށް ދީފައިވާ އިރުޝާދާ ހިލާފަށް ފުލުހުން އަމަލުކުރި މައްސަލަ ބައްލަވައި ރިޕޯޓެއް އެކުލަވާލުމަށްފަހު މިއަދު އިރުއޮއްސުމުގެ ކުރިން އެ ރިޕޯޓް ހިއްސާކުރުމަށް އެދިވަޑައިގެންފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން ކީއްވެހޭ މިކަން މިހެން މި ހިނގީ. އަޅުގަނޑު ކްލިއާ އިންސްޓްރަކްޝަން ދީފައި އޮތް ކަމެކޭ. އަޅުގަނޑު ބޭނުމޭ މިކަން އިންވެސްޓިގޭޓް ކުރަން. ކާކު ކޮންގޮތަކަށް ދިން އިންސްޓްރަކްޝަނެއްތޯ ކިހިނެއް ހިނގި ކަމެއްތޯ [ބަލަން]. ހޯމް މިނިސްޓަރަށްވެސް އަޅުގަނޑު ވާނީ ދަންނަވާފައި މިރޭ އިރުއޮއްސެންވާއިރަށް އަޅުގަނޑަށް ލިބެންޖެހޭނޭ އިންވެސްޓިގޭޝަން ހަދާފައި ރިޕޯޓެއް. އެއީ އަޅުގަނޑު ޓޮލަރޭޓްކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރާޅުގަނޑު ސަރަހައްދަށް އެއްވެސް ފުލުހަކު ނުދިއުމަށް އަމުރުކުރެއްވުން

ރައީސް ވިދާޅުވީ ފުލުހުން ހުރަސްއެޅުމުން ޕީއެންއެފްގެ ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ނުބޭއްވިގެން އެ ޖަލްސާ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ނިންމެވިކަން އެނގިވަޑައިގަތުމާއެކު އެ ސަރަހައްދަށް އާދައިގެ ފުލުހަކު ހިމެނޭ ގޮތަށްވެސް އެއްވެސް ފުލުހަކު އެ ސަރަހައްދަށް ނުދިއުމަށް ކަމާ ގުޅޭ ބޭފުޅުންނަށް އަންގަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ދެކޮޅު ކަމެއްމީ. އަޅުގަނޑު ބޭނުމެއް ނޫން ކުރީގައި ހިނގި ގޮތަށް ރާއްޖޭގައި ކަންކަން ހިނގާކަށް. އެހެންވީމަ އެއީ އެކަން [ރޭ] ދިޔަ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕިއެންއެފްގެ ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ބޭއްވޭ ގޮތް ނުވުމުން އެ ޖަލްސާ އެ ޕާޓީއަށް ބޭއްވޭނެ ގޮތް ހަމަޖައްސައިދިނުމަށްވެސް ސަރުކާރުން މަސައްކަތްވެސް ކުރި ކަމަށެވެ. އެގޮތުން އެމަނިކުފާނު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަށް ގުޅުއްވާ ޕީއެންއެފް ޖަލްސާ ބޭއްވުމަށް ސޯޝަލް ސެންޓަރު ހިލޭ ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.

މިނިސްޓަރު ރާފިއު ޕީއެންއެފްގެ ފުރަތަމަ ސެކްރެޓަރީ ޖެނަރަލް އަދި ކުރީގެ ވަޒީރަށް ގުޅުއްވާ ރައީސްގެ މެސެޖު ރައްދުކުރެއްވި ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް އޭރު ޕީއެންއެފްގެ ޖަލްސާގެ ތައްޔާރީތައް ވަނީ ރާޅުގަނޑުގައި ފެށިފައި ކަމުގައި ވިދާޅުވި އެވެ.

ބޭނުންވަނީ އިތުބާރާއި ހަމަޖެހުން

ރައީސް ވިދާޅުވީ ފުލުހުންގެ އިދާރަކީ ކޮންމެ ރައްޔިތަކުވެސް އިތުބާރުކުރާ އިހްތިރާމް ކުރާ ތަނަކަށް ވުމަށް ބޭނުންވާ ކަމަށެވެ. އެކަން ކުރެވޭނީ މާޒީގައި ފުލުހުން ކޮށްފައިވާ ބައެއް ކަންކަން ދޫކޮށްލައި ޕްރޮފެޝަނަލް ވެގެން ކަމުގައި ވިދާޅުވި އެވެ. އޭގެފަހުގައި ރައީސް ވިދާޅުވީ ތަހުގީގު ރިޕޯޓް މިއަދު ލިބުމާއެކު ފުލުހުންގެ އިދާރާއަށް އިތުބާރު ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޕީއެންއެފް އުފެއްދުމަށްޓަކައި ފުރިހަމަކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ރޭ ފުރިހަމަކޮށްފައިވާތީ އެ ޕާޓީއަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންވާ ކޮންމެ ބަޔަކަށްވެސް އެ ފުރުސަތު އޮންނަންވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.