ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)

ސިމް ދޫކުރެވޭނެ އަދަދު ކަނޑައަޅައި ގަވައިދު ގެޒެޓްކޮށްފި

ފަރުދުންނަށް މޯބައިލް ފޯނުގެ ސިމް ދޫކުރެވޭ އަދަދު ކަނޑައަޅާ ގަވާއިދު ގެޒެޓްކޮށްފި އެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މިއަދު އާންމުކުރި ގަވާއިދާއެކު ދިވެއްސަކަށް ދޫކުރެވޭނީ ގިނަވެގެން 10 ނަންބަރެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީންނާއި ޓޫރިސްޓުންނަށް ގިނަވެގެން ދޫކުރެވޭނީ ތިން ނަންބަރެވެ.

އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއްނަމަ ދޫކުރެވޭނީ ގިނަވެގެން 10 ނަންބަރެވެ. ނަމަވެސް އަމިއްލަ ފަރުދެއްގެ ވިޔަފާރިތައް ފިޔަވައި ގާނޫނީ އެހެން ޝަހުސުތަކަށާއި ދައުލަތުގެ އިދާރާތަކަށް ނަންބަރު ދޫކުރުމުގައި މި ގަވާއިދުގައި ލިމިޓެއް ކަނޑައަޅާފައިނުވެ އެވެ.

ގަވާއިދުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް އެއްވެސް މީހަކަށް ނަންބަރު ބޭނުންނަމަ މަގުބޫލު ސަބަބެއް ބަޔާންކޮށް އެ މީހަކު ކޭމްއަށް ހުށަހެޅުމުން އެކަމަށް ހުއްދަ ދިނުމުގެ އިހުތިޔާރު އެ އޮތޯރިޓީއަށް ލިބެ އެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގަވާއިދު ގެޒެޓުކުރާ ތާރީހުން ފެށިގެން އެއް މަސް ފަހުންނެވެ. ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ނަންބަރު ބޭނުންކުރާ މީހުން ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ގަވާއިދާ އެއްގޮތަށް ނަންބަރުގެ އަދަދު އިހުތިޔާރުކޮށް އިތުރުވާ ނަންބަރުގެ ހިދުމަތް ކަނޑާލުމަށް ސާވިސް ޕްރޮވައިޑަރަށް ހުށަހަޅަންޖެހެ އެވެ.

އެ މުއްދަތުގެ ތެރޭގައި އެގޮތަށް އަމަލުނުކުރާ މީހުންގެ ނަންބަރުތައް މި މުއްދަތު ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި ސާވިސް ޕްރޮވައިޑަރަށް ފެންނަ ގޮތެއްގެ މަތީން ގަވާއިދުގައި ކަނޑައަޅާފައިވާ އަދަދަށް މަދުކޮށް އިތުރުވާ ނަންބަރުތަކުގެ ހިދުމަތް ކަނޑާލެވޭނެ އެވެ.

ގަވާއިދުގެ ދަށުން ސިމް ދޫކުރެވޭނީ ކޭމް އިން މޯބައިލް ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑާ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އޭޖެންޓުންނަށެވެ.

މޯބައިލް ފޯނު ނަންބަރު ރަޖިސްޓަރީ ކުރުމަށް އެދޭ މީހުންގެ ކިބައިން ހޯދަންޖެހޭ މައުލޫމާތު މި ގަވާއިދުގައި ވަނީ ހިމަނާފަ އެވެ.

ގަވާއިދާ ހިލާފު ކަމެއް ސާވިސް ޕްރޮވައިޑަރަކު ނުވަތަ ސާވިސް ޕްރޮވައިޑަރުގެ އޭޖެންޓަކު ކޮށްފިނަމަ ފުރަތަމަ ފަހަރު އެ ކަމެއް ރަނގަޅުކުރުމަށް އެކަށީގެންވާ މުއްދަތެއް ދީ އެކަން އަންގަންޖެހޭނެ އެވެ. ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު އެކަން ރަނގަޅުކުރުމަށް އަންގައި 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭއިރު ތިންވަނަ ފަހަރު އެކަމެއް ރަނގަޅުކުރުމަށް އަންގައި 20،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ.

އޭގެ ފަހުން ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭއިރު ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.