ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ސްމާޓްކޮމް ފެއާއެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މި ފެއާ އޮންނާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި ފެއާގައި ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާ އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާ ގޮތާބެހޭ މައުލޫމާތު ދޭނެ އެވެ.
އެޗްޑީސީ އިން ބުނި ގޮތުގައި މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. މި ލަކީ ޑްރޯގެ އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗެއް، 300ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބާ ރައުޓަރެއް، އަދި 1،000 ރުފިޔާގެ އަގު ހުރި ވައުޗާތައް ހިމެނެ އެވެ.
ސްމާޓްކޮމް ފެއާ 2022ގައި ރާއްޖޭގެ ގިނަ ބްރޭންޑްތަކެއް ބައިވެރިވާނެ އެވެ. މި ގޮތުން އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މީރާ، ދިރާގު، އުރީދޫ، ޕެންޝަން އޮފީސް، އާސަންދަ ކުންފުނި، އަމާނާ ތަކަފުލް، މީޑިއާނެޓް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، އާރު.އޯ.އެލް، ފަދަ ފަރާތްތައް ހިމެނެ އެވެ. އަދި އާއްމުކޮށް މީހުން ބޭނުންކުރާ އެޕްތައް ކަމަށްވާ ފަހިޕޭ، ފަސޭހަ ރީޗާޖް، އަދި ޖޮބްސިކަލް ފަދަ ދިވެހިންގެ މެދުގައި މަޝްހޫރުކަން ހޯދައިފައިވާ ދިވެހި މޯބައިލް އެޕްލިކޭޝަންތައް ވެސް މި ފެއާ ގައި ބައިވެރިވެ އެވެ.
މީގެ އިތުރުންވެސް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ފޯކަސް އިންފޮކޮމް، ފުޑީސް ޕްރައިވެޓް ލިމިޓެޑް، ވުމަން އިން ޓެކް، ކްރޮސް ރޯޑްސް މޯލްޑިވްސް، ޓެކް ނިއުސް، އީވިޓީ ޕީ.އޯ.އެސް ޕްރައިވެޓް ލިމިޓެޑް، މޯލްޑިވްސް ބިޒްނަސް ސްކޫލް، ރެޑްބޮކްސް، ޔުނިކްސް ސްޕޯޓިން، ލިންކް ސާވް ފަދަ ކުންފުނިތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑުން ދަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތައާރަފު ކުރަމުންނެވެ. މިއާއެކު ރައްޔިތުން ތަފާތު ޑިޖިޓަލް ޕްލެޓްފޯތައް ބޭނުންކޮށްގެން އެކިއެކި ހިދުމަތްތައް ހޯދުމަށް އަހުލުވެރި ކުރުވުމަކީވެސް އެ ކޯޕަރޭޝަނުން ބޭނުންވާ ފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުވުމަށް މުހިއްމު ކަމެކެވެ.
ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ ޑިޖިޓަލް ސޭފްޓީގެ ކަންކަމާ މެދު މީހުން ހޭލުންތެރި ކުރުވުމަށް މުޖުތަމައު ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތަކަށް ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.