ގައުމީ ޕޭމަންޓް ސިސްޓަމް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -- އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.
ގަވަރުނަރު މިހެން ވިދާޅުވީ އުރީދޫގެ އެމްފައިސާ ހިދުމަތް ވައިބަ މެދުވެރިކޮށް ދޭން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ގަވަރުނަރު ވިދާޅުވީ ޕޭމަންޓު ސިސްޓަމް ބޭނުންކުރަން ފެށުން ލަސްވެފައިވަނީ ކޮވިޑާ ގުޅިގެން ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް ބަލާއިރު ސެޕްޓެމްބަރު މަހު ގައުމީ ޕޭމަންޓް ސިސްޓަމް ބޭނުންކުރަން ފެށޭނެ ކަމަށް ބެލެވޭ ކަމުގައި ވިދާޅުވި އެވެ.
"ކޮވިޑާ ގުޅިގެން މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ހޯދަން ދަތިތަކެއް ކުރިމަތިވި. ސްޓޭކްހޯލްޑަރުންނަށް ވެސް ބޭނުންވާ ޓެކްނޮލޮޖީއާ ސިސްޓަމް އަޕްގްރޭޑުތައް ގެނައުމުގައި ދަތިތަކެއް ކުރިމަތިވި،" މަސައްކަތް ލަސްވި ސަބަބު އޮޅުންފިލުއްވައި ދެއްވަމުން އަލީ ހާޝިމް ވިދާޅުވި އެވެ.
ގައުމީ ޕޭމަންޓު ސިސްޓަމް ބޭނުންކުރަން ފެށުމަށްޓަކައި ޕޭމަންޓް ސާވިސަސްގެ ގަވައިދު ގިނަވެގެން ހަފްތާއެއްގެ ތެރޭގައި ގެޒެޓް ކުރެވޭނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ޑިޖިޓަލް ފައިސާ ތައާރަފްކުރުމާއި އެކަމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާ ގުޅޭ ދިރާސާއެއްގެ މަސައްކަތް ވެސް އެމްއެމްއޭ އިން ވަނީ ފަށާފަ އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ފާސްކުރި ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.
ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގައިވަނީ ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަސީކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކޮށްފަ އެވެ.
މި ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަސީކުރުން ހިމެނެ އެވެ. ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިން ސިސްޓަމްތައް، ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ އިންޓަރއޮޕެރަބިލިޓީ ގާއިމުކުރުމާއެކު ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ގާއިމުކުރުމަކީވެސް ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މި ގާނޫނުގައި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން އެ ފަރާތުގެ ކަސްޓަމަރުންގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ސަމާލުކަންދިނުމަށް ކަނޑައަޅާފައިވެ އެވެ. އަދި ކަސްޓަމަރުންގެ ސިއްރު ހިފެހެއްޓުމުގައި ގެންގުޅެންވާ މިންގަނޑުތައް ވެސް ބުނެދީފައިވެ އެވެ.
ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު ތަސްދީގު ކުރާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ގާނޫނަށް އަމަލުކުރަންވާނެ ކަމަށް ބުނެފައިވީ ނަމަވެސް ގާނޫނުގައި ބުނާ ހިދުމަތް އަދި ފެށޭ ގޮތެއް ނުވެ އެވެ. ރާއްޖޭގައި ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން މިހާރު ވަނީ ދިރާގާއި އުރީދޫއަށް ދީފަ އެވެ.