ޕޭމަންޓް ސިސްޓަމް

ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ދިރާގާއި އުރީދޫއަށް

Jan 24, 2022

ރާއްޖޭގައި ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ދިރާގާއި އުރީދޫއަށް ދީފި އެވެ.

މިއީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ދިން ފުރަތަމަ ފަހަރެވެ.

ގައުމީ ޕޭމަންޓް ސިސްޓަމް ރެގިއުލޭޓު ކުރާ ފަރާތުގެ ހައިސިއްޔަތުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އުރީދޫ އަށް ދީފައިވަނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތާއި ރެމިޓަންސް ހިދުމަތް ދިނުމުގެ ލައިސަންސެވެ. ދިރާގަށް ދީފައިވަނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން އުރީދޫއާއި ދިރާގަށް މިމަހުގެ 18 ވަނަ ދުވަހު ހުއްދައާއި ގުޅިގެން އެ ދެ ކުންފުންޏަށް ކުރިން ދޫކޮށްފައިވާ މޯބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލްވާނެ އެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ މެއި 18 ވަނަ ދުވަހު އެވެ.

މި ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުން ހިމެނެ އެވެ. ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިން ސިސްޓަމްތައް، ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ އިންޓަރއޮޕެރަބިލިޓީ ޤާއިމުކުރުމާއެކު ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ޤާއިމުކުރުމަކީވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ.

މިޤާނޫނުގައި ޤައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ހިނގާތޯ ބެލުމަށްޓަކައި، ޤައުމީ ޕޭމަންޓް ސިސްޓަމްގެ ކަންކަން ރެގިއުލޭޓްކޮށް އޯވަރސީކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީކަމުގައި ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިން ސިސްޓަމްތައް، ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ އިންޓައޮޕެރަބިލިޓީ ގާއިމުކުރުމާއެކު ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ގާއިމުކުރުމަކީވެސް ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މި ގާނޫނުގައި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން އެ ފަރާތުގެ ކަސްޓަމަރުންގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ސަމާލުކަންދިނުމަށް ކަނޑައަޅާފައިވެ އެވެ. އަދި ކަސްޓަމަރުންގެ ސިއްރު ހިފެހެއްޓުމުގައި ގެންގުޅެންވާ މިންގަނޑުތައް ވެސް ގާނޫނުގައި ބުނެދީފައިވެ އެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު ތަސްދީގު ކުރާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ގާނޫނަށް އަމަލުކުރަންވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެމްއެމްއޭ އިން ތައްޔާރުވަމުންދަނީ އަންނަ މަހުން ފެށިގެން އާ ޕޭމަންޓް ނިޒާމު ތައާރަފް ކުރުމަށެވެ.