އެމްއެމްއޭ

ދިވެހި ރުފިޔާގެ ނިޝާން ތައާރަފު ކޮށްފި

ދިވެހި ރުފިޔާގެ ނިޝާން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ތައާރަފު ކޮށްފި އެވެ.

މިއީ ދިވެހި ރުފިޔާގެ ނިޝާން ތައާރަފު ކުރި ފުރަތަމަ ފަހަރެވެ. ދިވެހި ރުފިޔާގެ ނިޝާން ތައާރަފު ކުރުމަށް އެމްއެމްއޭ ގައި މި އޮތް ރަސްމިއްޔާތެއްގައި ނިޝާން ތައާރަފު ކޮށްދެއްވީ އެންވައިމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.

މިއަދު ތައާރަފު ކުރި ނިޝާނަކީ ޖަނަވަރީ 24، 2021 ގައި ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ހުށައެޅި ނިޝާންތަކުގެ ތެރެއިން އެންމެ ރަނގަޅު ކަމަށް އެމްއެމްއޭ އާއި ދިވެހި ބަހުގެ އެކަޑަމީގެ އޮފިޝަލުން އަދި މިފަދަ މަަސައްކަތް ކުރާ އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ ކޮމިޓީއަކުން އެންމެ ރަނގަޅު ކަމަށް ކަނޑައެޅި ނިޝާނެވެ.

ދިވެހި ރުފިޔާގެ މި ނިޝާނުން އުފައްދާފައިވަނީ ދިވެހި ތާނަ އަކުރުގެ "ރ" ގައި އިތުރު ރޮނގު ދަމާލައިންގެންނެވެ. މި ނިޝާން ފަރުމާކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިއެއް ކަމަށްވާ މ. ސްޕޮޓްލައިޓް، ހަސަން ޝުޖާއު އެވެ.

ރުފިޔާގެ ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުން ކުރާ ނިޝާނެކެވެ.

ރާއްޖޭގައި ކުރިން ބޭނުން ކުރަމުން ދިޔަ ފައިސާގެ ނޫޓުތަކުގެ ބަދަލުގައި އާ ނޫޓުތަކެއް ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. އާ ނޫޓުތައް ނެރެދެއްވީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ. ޒަމާނީ ކަރުދާހުގައި ސެކިއުރިޓީއާ ފީޗާތައް ހިމަނައިގެން ތައާރަފު ކުރި ނޫޓުތަައް ނެރެފައިވަނީ ރާއްޖޭގެ މިނިވަން ކަމަށް ބައި ގަރުނު ނެރުމުގެ މުނާސަބަތާ ވެސް ގުޅުވާލައިގެންނެވެ. މި ނޫޓު ސީރީޒްގައި ހިމެނެނީ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ.