އެމްއެމްއޭ

އަލީ ހާޝިމް ސޮއި ކުރެއްވި 20 ރުފިޔާގެ ނޫޓު ބާޒާރަށް

Mar 10, 2022

ރާއްޖޭގެ މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ފުރަތަމަ ފަހަރަށް ސޮއިކުރައްވާފައި ފައިސާގެ ނޫޓް ބާޒާރަށް ނެރެފި އެވެ.

ބާޒާރަށް މިއަދު ނެރެފައިވަނީ އަލީ ހާޝިމް ސޮއި ކުރައްވާފައިވާ 20 ރުފިޔާ ނޫޓެވެ.

ގަވަރުނަރުކަމާ އަލީ ހާޝިމް ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 8، 2019 ގައެވެ.

އެމްއެމްއޭ އިން ބުނީ މިއަދު 20 ރުފިޔާގެ އާ ނޫޓްތަކެއް ބާޒާރުގައި ދައުރުކުރަން ނެރެފައިވީ ނަމަވެސް އެ ނޫޓްތައް ޗާޕްކޮށްގެން ރާއްޖެ ގެނައީ މިދިޔަ އޮކްޓޫބަރު 13 ވަނަ ދުވަހު ކަމަށެވެ.

ނޫޓްތަކެއް ޗާޕް ކުރީ 20 ރުފިޔާގެ ނޫޓް އަލުން ޗާޕް ކުރަންޖެހޭ ވަރަށް ސްޓޮކް ދަށްވުމުން ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

"މި ނޫޓްގައިވާ ތާރީހަކީ 01 ޖުލައި 2020، 10 ޛުލްގައިދާ 1441 އެވެ. އަލަށް ޗާޕްކޮށްގެން މި ނެރުނު 20 ރުފިޔާގެ ނޫޓާ އެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާގެ ނޫޓްވެސް ދައުރުވަމުންދާނެ އެވެ." އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ރަންދިހަ ފަހެއް ނޫޓްތައް ތައާރަފްކުރީ 2016 ވަނަ އަހަރު އެވެ. އޭރު ނޫޓްތަކުގައި ސޮއި ކުރައްވާފައިވާ އޭރުގެ ގަވަރުނަރު އަދި ރާއްޖޭގެ ހަމައެކަނި އަންހެން ގަވަރުނަރު އަޒީމާ އާދަމް އެވެ.