އިއްޔެގެ ވަރަށް ހެނދުނާ ދައުވަތު ކާޑެއް ލިބިއްޖެ އެވެ؛ އެއީ މަޝްހޫރު ނިއުޕޯޓްގެ އާ އައުޓެލެޓް، "ނިއުޕޯޓް ވިއު" ރަސްމީކޮށް ހުޅުވާ އިވެންޓްގެ ދައުވަތެވެ. މިނިވަން ފަންސާހުގެ ސްޓޭޓް ބެންކްއެޓް ނިއުޕޯޓާ ހަވާލު ކުރުމުން ކެނޑި ފޮންޏާއި އެ ފަހަރުގެ ޕްލޭޓް ސާވިން ބެންކްއެޓް ޗޮކުން ގޮސް ރާއްޖެ ލަދު ގަނަން ޖެހުނު ހަނދާން އާ ވުމުން ފުރަތަމަ ބޭނުންވީ ނިއުޕޯޓް އެއް ހިއްސާދާރު ޒާހިދު ރަމީޒް (ޒާހިދު ކްރިއޭޓާ) ގެ ފަރާތުން އައި ދައުވަތު ވަށިގަނޑަށް އެއްލައިލާށެވެ. އިރުކޮޅެއް ފަހުން ނިންމުނީ ނިއުޕޯޓް ވިއުއާއެކު މިފަހަރު ކަނޑާ ފޮންޏެއް ބަލައިލާން ދާށެވެ.
މާލޭގެ އިރު ދެކުނުން ރާޅުގަނޑުގެ މޫނުމައްޗަށް އުފުލާފައިވާ ނިއިޕޯޓް ވިއުއަށް މިހުރީ އާދެވިފަ އެވެ. މިއަށް ވުރެ ވަކީން ރީތި މާހައުލެއް މި މާލެއަކުން ދެނެއް ނުލިބޭނެ އެވެ. ކުރިމަތީ މިއޮތީ މާކަނޑާއި ވަރު ނުލާ ފޮނު އަރުވަ އަރުވާ އޮތް ރާޅުގަނޑެކެވެ. ދުރުން ރެސްތެރެއަށް ވެދެ ދިގަށް ދެމިލައިގެން އެއޮތީ ރީތި ސިނަމާލެ ބްރިޖެވެ. އެ ބްރިޖްގެ ރިވެލި ކަނޑުނީލަމުގެ މުތީތަކެއްހެން އޮއި ރާޅަށް ވިއްސަ ވިއްސާ އޮވެ އެވެ. މާ މައްޗަކުން ހަނދުގެ ރީތި އަލިފަށް، އަލިމަހުގެ ދަޅަހެން ފައިބައިގެން އާދެ އެވެ. އެ ދިމާ މަތީން އުދުހޭ ބޯޓްތައް ހީވަނީ ކައިރިއަށް އަންނަ، ދުރަށް އޮބާ ދޫނި ބައިތަކެއް ހެނެވެ. މިތާ ކައިރިގައި ކުރިންސުރެ ހަޑިވެގެން އޮންނަ "ދިސް އަގުލީ" ތޮށިގަނޑު ލަކުޑި ފެންސަކުން ނަލަހައްދާލީމާ ހީވަނީ ރީތި އައްޓެއްހެނެވެ. ވަރަށް ސަޅި އެވެ. އިންސްޓަގްރާމް ކުރާ މީހާއަށް ނިއުޕޯޓް ވިއުއަށް ވުރެ ވަކީން ޗާލު ވިއުއެއް، އެއްވެސް ވަގުތެއްގައި މި މާލެއިން ދެން ލިބޭނެ ހެއްޔެވެ؟
ކަނޑުން އަރައިގެން އަންނަ ރޯޅިއާއެކު ނަށާން ފަންތައް ދޫކޮށްލައިގެން ހުރި ރީތި ރުކާއި އާ ކައިވެންޏަކަށް ނަލެހެދޭހެން ރީތި އައްޔަށް ހެދިގެން ހުރި ނިކަގަސް ދޮށަށް މީހުން ޖަމާވުމާއެކު އެއެކެއް ދޭއް ތިނެއް، ކިޔާފައި ނިއުޕޯޓްވިއު އެ ހުޅުވާލީ އެވެ. ވަރަށް ފައްކަލެވެ.
މާލޭގެ ބިމަކަކުން ދިވެހި ސަރުކާރާށް އެންމެ ބޮޑު ކުއްޔެއް ދައްކާ މި ބިމުގައި ތަރައްގީކޮށްފައިވާ ފުރިހަމަ ރެސްޓޯރެންޓް/ ކެފޭ އިން ފުރަތަމަ ތަރައްގީ ކުރީ ކުޅޭ ތަނެކެވެ. ބޭނުންވީ ރެސްޓޯރެންޓެއްގެ ކުރިން ސީއެސްއާރްގެ ބައިތައް ނިންމާލާށެވެ. ފުރަތަމަ ކުޅޭ ތަނާއި ބްރިޖް ބަލާ ޕްލެޓްފޯމެވެ. ދެން ފުޓްބޯޅަ ޕިޗެއް އަޅައި ދިނީ އެވެ. ޕްލެޓްފޯމަކަށް ފައިސާއެއް ނުނަގަ އެވެ. ދަނޑުވެސް ފުރީކޮށެވެ. މި ކަންކަމުގެ ތެރެއިން ގޮސް ތައްޔާރުކޮށްފައިވާ ކޮންސެޕްޓަކީ މުޅީން ތަފާތު ކްރިއޭޝަނެކެވެ.
"ދިވެހިންގެ ކަންކަން އޮންނަ ގޮތުން އާންމުކޮށް މާލޭގެ ހުންނަ ހުރިހާ ރެސްޓޯރެންޓްތަކަށް ވަދޭ، އެކަމަކު އަބަދު ވެސް ހުރިހާ ތަނެއްގެ މެނޫގައި އޮންނަނީ ގާތްގަނޑަކަށް އެކައްޗެއް. މެނޫ ބަދަލުވިޔަސް ބަދަލުވާނީ ކިތަންމެ ކައިރިން ބަދަލުވިޔަސް ހައެއްކަ މަހުން. އޭގެ ބަދަލުގައި ނިއުޕޯޓްގެ މިތާނގެ ކޮންސެޕްޓަކީ 'ނިއުޕޯޓް ވިއު' އަށް ވަދެއްޖެއްޔާ ކޮންމެ ފަހަރަކުވެސް ތަފާތު އާއެއެއްޗެ ކެވޭނެ ގޮތް ހަދައި ދޭނީއޭ. އަދި ތަފާތު އާ މަންޒަރެއް ފެންނާނެ ގޮތް ވެސް ހަދައި ދޭނީއޭ،" ޒާހިދު ކްރިއޭޓާ ވިދާޅުވި އެވެ.
ދިވެހިންގެ ކަންކަން އޮންނަ ގޮތުން އާންމުކޮށް މާލޭގެ ހުންނަ ހުރިހާ ރެސްޓޯރެންޓްތަކަށް ވަދޭ، އެކަމަކު އަބަދު ވެސް ހުރިހާ ތަނެއްގެ މެނޫގައި އޮންނަނީ ގާތްގަނޑަކަށް އެކައްޗެއް. މެނޫ ބަދަލުވިޔަސް ބަދަލުވާނީ ކިތަންމެ ކައިރިން ބަދަލުވިޔަސް ހައެއްކަ މަހުން. އޭގެ ބަދަލުގައި ނިއުޕޯޓްގެ މިތާނގެ ކޮންސެޕްޓަކީ 'ނިއުޕޯޓް ވިއު' އަށް ވަދެއްޖެއްޔާ ކޮންމެ ފަހަރަކުވެސް ތަފާތު އާއެއެއްޗެ ކެވޭނެ ގޮތް ހަދައި ދޭނީއޭ. އަދި ތަފާތު އާ މަންޒަރެއް ފެންނާނެ ގޮތް ވެސް ހަދައި ދޭނީއޭ،ޒާހިދު ކްރިއޭޓާ | ނިއުޕޯޓް
ރީތިހާ މަންޒަރުތައް ވާރޭހެން އޮއްސާލާފައިވާ ނިއުޕޯޓްވިއުގެ ތެރެއަށް ވަނުމާއެކު "ޕޮޒިޓިވް އެނާޖީ" ން މީހާ ބަދަލުކޮށްލައި ހިތް ފުރައިދެ އެވެ. މީރުހާ ކާއެއްޗެހިން ކުޅުދިޔައި ކޮށްލަނީ އޭގެ ފަހަށެވެ. މި ރެސްޓޯރެންޓްގެ ރަހަ ތަފާތު ކުރުމަށް ބޮޑު ބަދަލެއް ގެނެސް ހަފުތާގެ ހަތް ދުވަސް ހާއްސަކޮށްފައި ވަނީ ހަތް ގައުމެއްގެ ތަފާތު ކެއުން ތަކަށެވެ.
ކާ އެއްޗެހި ބަދަލުކޮށްލައި ރަހަ ތަފާތު ކުރަން ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ގްރައުންޑްގައިވާ މެއިން ރެސްޓޯރެންޓްގެ އެރޭންޖްމެންޓާ ގުޅިގެން ދާ ގޮތަށް ހަތް ގައުމެއްގެ ކައުންތައް އަތުރައިދޭ ގޮތެވެ.
ހަފުތާ ދުވަސްތަކަށް ބެހިގެން ދާ ގޮތަށް މި ހާއްސަ އެރޭންޖްމެންޓްގެ ތެރެއަށް އިންޑިއާ އާއި ސްރީލަންކާ އާއި ތައިލޭންޑާއި ދިވެހި ރާއްޖެ އާއި ސްޕޭނާއި އަރަބި ކަރަތަކު ކެއުންތައް ވައްދާފައިވާއިރު ނިއުޕޯޓް ވިއުގެ "އިންޓަނޭޝަނަލް ޑޭ" ގައި ހުރިހާ ގައުމެއްގެ ކެއުންތައް ބަހައްޓަ އެވެ. އެއީ ފިސާރި ދުވަހެކެވެ.
"މިއީ އިންޑިއާ ދުވަސް ކަމަށް ބަލާ، އޭރަށް އެދުވަހު މުޅި ދުވަސް އެއްކޮށް އިނޑިއަން، އެކަމަކު ދެން އަންނަ އިންޑިއަން ނައިޓްގައި ލިބޭނީ އިންޑިއާގެ އާ ކެއުންތައް މިހެން ހެދީމާ މިތާނގެ ކާ އެއްޗެހީގެ މަތީން ކަސްޓަމާ ފޫއްސެއް ނުވާނެ އަދި ޖެހި ޖެހިގެން ހަތް ދުވަހު މިތަނަށް ވަންނާކަށް ވެސް ޖެހިލުމެއް ނުވާނެ،" ނިއުޕޯޓް ވިއުގެ ޒުވާން ޝެފްންގެ ތެރެއިން އެކަކު ބުންޏެވެ.
ނިއުޕޯޓް ވިއުގެ ތިރީބައި އެއްކޮށް ދޫކޮށްލާފައި ވަނީ އާއިލާތަކަށެވެ. ކުދިންގެ ފްރީ ޒޯނެއް ހިމެނޭ އިރު ފުރިހަމަ ޕްލޭ އޭރިއާއެއް އޮވެ އެވެ. ޕްލޭ އޭރިއާ ބާއްވާފައި ވަނީ ރެސްޓޯރެންޓްގެ ތެރެއަށް ރީއްޗަށް ހާމައަށް ފެންނަ ގޮތަށެވެ.
"ޕޭރަންޓް އައިސް ދަރިފުޅު ޕްލޭ ހައުސް އަށް ލާފައި ކޮފީއެއް ބޯލަން އިނަސް ރީއްޗަށް މަންޒަރު ފެންނާނެ، ކޮންމެހެން ދޮރުމަތީގައި ހުއްޓިގެން ހުންނާކަށް ނުޖެހޭނެ،" ޒާހިދު ވިދާޅުވި އެވެ.
މި ފުރިހަމަ ޕްލޭ އޭރިޔާ ވެސް އޮތީ "ފީސަބީލިއްލާހި" އަށް ދޫކޮށްލާފަ އެވެ. އެކަމަކު އެތަނަށް ވަނުމަށް ބޭނުންވާ އިސްޓާކީން އަރައިގެން ނުނީ ހިފައިން ދިއުމުންނެވެ. އިސްޓާކީނަކާ ނުލާ ގޮސްފިނަމަ ޖެހޭނީ ނިއުޕޯޓް ވިއުއިން 20ރ. އަށް އިސްޓާކީނެއް ގަންނާށެވެ. -- ދެތިކި ޕީ
މިބައިގައި ދުންފަތުގެ އިސްތިއުމާލެއް ނުކުރެވެ އެވެ. ގަދަ ބަދަވިކަން ދައްކާފައި އުޅޭ މީހުނަށް ވެސް އެކަމެއް ނުވާނެ އެވެ. މުޅި ކޮންސެޕްޓް ބާރު އަޅާފައި ވަނީވެސް ދުންފަތާ ދެކޮޅު ހެދުމަށެވެ. ނުވިތާކަށް ކެމެރާތަކުގެ ލޯ ކަޅި ޖަހައި ނުލައި ބަލާނެ އެވެ. އެ ދިމާ ތިރިން ބޭރަށް ދޫކޮށްލާފައިވާ ހިތްގައިމު އޭރިއާގައި ގޮނޑި މޭޒް އަތުރައިގެން ސާވް ކުރުމުގެ ބަދަލުގައި އެބައި ދޫކޮށްލީ އާންމުންގެ އުފަލަށެވެ. ކިތަންމެ ބަޔަކު ވަނަސް އެކަން އެގޮތުގައި އޮންނާނެ އެވެ.
"ރެސްޓޯރެންޓްގެ ތެރެއިން ސާވް ކުރާނީ، އެ ފްރީ އޭރިއާ އކީ މި ހިތްގައިމު މާހާލުގެ ތެރެއަށް މީހުން ވަދެލާނެ ޖާގަ ދޭން ބާއްވާފައިވާ ތަނެއް އަދި ކުދިން ކުޅެ ދުވެލަން ހުސްކޮށްލާފައިވާ ބައެއް،"
ތިރިން ދެން އެންމެ ހާއްސަ ބަޔަކީ ޕްރައިވެޓް އޭރިއާ އެވެ. މިއީ ޕްރައިވެޓް މީޓިންތަކަށް ހާއްސަ ބައެކެވެ. މަތީ ފެންވަރުގެ ހިދުމަތްދޭ ގޮތަށް އޮންނަ މި އޭރިއާ ޕްރައިވެޓްކޮށް ދޭއިރު ސައުންޑާއި ލައިޓިން ސާވިސް އާއި ޕްރޮޖެކްޓާ ފަދަ ވަސީލަތްތައް ވެސް ފޮރުކޮށް ދެއެވެ. އެއީ ގަޑިއަކަށް 200 ޑޮލަރަށް ވުރެ މައްޗަށް އަގު އަރައިގެން ނުދާނެ ގޮތަށެވެ.
މުޅި މި ރެސްޓޯރެންޓްގެ އެންމެ ހާއްސަ ބިއުޓީއަކީ ދިރި ދިރި، ދުވެ ދުވެ އިންނަ މަސް އެ މީހާ ބޭނުންވުމުން ކައިލެވޭ ގޮތަށް ފުރިހަމަ ކޮށްފައި ވުމެވެ. އެކަމަށް ހާއްސަ ނިޒާމެއްގެ ފުރިހަމަކޮށް އެއާ ގުޅުވާލާފައިވާ ލައިވް ފިޝްޓޭންކްތަކުން ކަސްޓަމާ ގެންގޮސް އެކްއޭރިއަމެއްގެ ތެރެއަށް ލައިދެ އެވެ. އެ ޓޭންކް ތަކުގެ ސަބަބުން ސަރަހައްދުގެ ވިއު ޕޮއިންޓްގެ ހިތްގައިމު ކަމަށް ދޫ ނުކުރާވަރުގެ ރީތި ކަމެއް ރެސްޓޯރެންޓްގެ ތެރެއަށް ގެނެސްދެ އެވެ. ބޮޑެތި ބޮޑެތި އިހިތަކާއި ބޮޑެތި ބޮޑެތި ކަކުނިތައް ޓޭންކްތަކުގައި ފިރުކޭ މަންޒަރު ބަލާ ފޫހި ނުވެއެވެ.
ބޮޑެތި ޓޭންތައް ހާއްސަށްކޮފައި ވަނީ މަހަށާއި އިއްސާއި ކަކުންޏާއި ޑިނގާއަށެވެ. އެއިން ޓޭންކަކުން ވަކި މަހެއް ނުވަތަ ވަކި އިއްސަކަށް ޖެހޭނީ އިނގިލި ދިއްކޮށްލާށެވެ. އެހިސާބުން އެމީހެއްގެ ކުރިމަތީގައި އެމީހަކު ބޭނުންވާ ގޮތަކަށް ތައްޔާރުކޮށް ދޭނެ އެވެ.
"އެ މީހަކު ބޭނުން ޓޭންކަކުން މަސް ސެލެކްޓް ކުރަންވީ، ފަހަތުގައި އިންނާނެ ބުޗާއެއް އޭނާ އެ މަސް ހިފައި ހަންދާމާލައި އޭނާގެ ކުރިމަތީގައި ޅިޔަ އަޅައި ބަލަން ހުއްޓާ ފިހެދޭނެ. ބޭނުމިއްޔާ ގްރިލް ބޭނުމިއްޔާ ފްރައި ނޫނީ ސްޓީމް،"
މެއިން ރެސްޓޯރެންޓުން ނުކުމެގެން ދާންވީ މައްޗަށެވެ. މިތާނގެ މައްޗަށް އަރާއިރު ވިއުގެ އޭނގަލް މުޅީން ބަދަލުވެ އެވެ. ވައިރޯޅި ބަދަލުވެ އެވެ. ކުލަތައް ބަދަލު ވެއެވެ. މިއުޒިކާ ރާގު ވެސް ބަދަލުވެ އެވެ. މެނޫވެސް ބަދަލުވެ އެވެ. މިދިމާއިން ހުރި ގޮތަށް މައްޗަށް އެރީމާ އެދިމާ ހާއްސަވެފައި ވަނީ ކޮފީއަށާއި "އެކި އެކި ޕާޑުޕާޑު" ގެ ބުއިންތަކަށެވެ.
މި ދިމާ މަތީގެ މެނޫ ތައްޔާރުކޮށްފައި ވަނީ ތަޖުރިބާކާރު ދިވެހި އަންހެންކުއްޖެކެވެ. ރީތިވެސް ކުއްޖެކެވެ. އެއީ މަހާގެ މެނޫ އެވެ. މަހާގެ މެނޫން ރަހަ ބަލަފިއްޔާ އެއަށް ގޮސް މީހާ ހުސްވާނެ އެވެ.
މި ހިތްގައިމު ރެސްޓޯރެންޓްގައި 100 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭ އިރު މިއީ 500 އަށް ވުރެ ގިނަ މީހުންގެ ޖާގަ އޮތް ތަނެކެވެ. މުވައްޒަފުންގެ ބޮޑު ބަޔަކަީ ދިވެހިންނެވެ. ހާއްސަކޮށް ސީނިއާ މަގާމުތައް އޮތީ "އަމޭ މިއޮތީއޭ ކިޔާފައި" ދިވެހި ޒުވާނުންތަކެއްގެ އަތަށް ލައިދީފަ އެވެ. ޒުވާން އެ ކުދީންނަށް ރިސޯޓްތަކާ އެއްވަރުގެ މުސާރައެއް ދެއެވެ.
ސާވިސްޗާޖް ދޭއިރު ހުރިހާ އަޓްލެޓެއް އެއްކޮށްލާފައި ގިނަ އިވެންޓްތައް ހަދާ މަސްމަހު ސާވިސްޗާޖްގެ ގޮތުގައި ސްޓާފަކަށް 2000 ޑޮލަރު ޖައްސައި ދެއެވެ. ސާވިސްޗާޖް ދިނުމުގައި ދޭސީއެއް ބިދޭސީއެއް ތަފާތެއް ނެތެވެ.
ޒާހިދު ކްރިއޭޓާ ވިދާޅުވި ގޮތުގައި ނިއުޕޯޓް ވިއުގެ ޑިޒައިން ކޮންސެޕްޓާއި ހަމައިން ފެށިގެން އުފައްދާފައި ވަނީ ބްރިޖާއި ބްރިޖްވިއު އާއި ހުޅުލެ އާއި އިރުމަތީ ފަރާތުގެ މަންޒަރުތަކާއި ކަނޑާއި ރާޅުގެ ރީތިކަން ހިޔާލުގައި ބާއްވައިގެނެވެ.
"ޖުމްލަ ގޮތަކެއްގައި ގެނެސްދީފައި މި ވަނީ އާ ޒުވާނެއްގެ ޒުވާން މޮޑަން ފީލްއެއް،" އޭނާ ވިދާޅުވި އެވެ.
މި ރެސްޓޯރެންޓުގެ އަގުތަކަށް އަތް ނުފޯރާނެ ކަމަށް ބިރަށް ނުވަދެ ހުންނާނެ ކަމެއް ނެތެވެ. ފައްކާ ބްރެކްފާސްޓެއް 85ރ. އަށް ލިބޭނެ އެވެ. އެންމެ ހާއްސަ އެއް ކަމަކީ ފަތިހު 4:00 ޖަހާއި ހުޅުވަ އެވެ. ފަތިސް ނަމާދުކޮށްލައިގެން ރީތީ މަންޒަރު ބަލަން ކޮފީއެއް ބޯލަން ވަންނަވީ އެވެ.
ފަތިހު 4:00 ހެނދުނު 7:00 ދެމެދު ލިބޭނީ ސްނެކްސް އެވެ. ބްރެކްފާސްޓް ސުފުރާ ދަމާލާމީ 7:00 ޖެހުމުން ބަރާބަރު ގަޑިއަށެވެ. ހައިވަރު ސައި ވެސް ގަޑިއަށް އޮންނާނެ އެވެ.
"ފަތިސް ނަމާދު ކޮށްލައިގެން އަންނަންވީ، އެ ގަޑީގައި ކޮފީ އާއި ކްކީސް އާއި އެއްޗެއްި ލިބޭނެ. އެއަށްވުރެ ބޮޑަށް ހިތްގައިމު ކަމަށްވާނީ ފަތިހުގެ ރީތި މަންޒަރު ލިބޭނެ، އާ ދުވަހެއް ރީތިކޮށް ފެށޭނެ، އެއަކަށް އަގެއް ނުދެއްކޭނެ،" ޒާހިދު ވިދާޅުވި އެވެ.
ޖުމްލަ 4600 އަކަފޫޓްގެ އޭރިއާކަށް ފެތުރިފައިވާ މި ރެސްޓޯރެންޓް އާންމުންނަށް ހުޅުވާލާނީ މާދަމާ އެވެ.
މުޅި މި ރެސްޓޯރެންޓަށް ޒުވާން ރަހައެއް ލައްވާލުމަށް މިތާނގައި މިސްރުގެ ދެ ތަޖުރިބާކާރުން ބޭނުން ކޮށްފައި ވެއެވެ. އެ ދެ މީހުން ޖުއްބާގެ ކަންގަނޑު ދަމަމުން ހިނގާލާ ގޮތުން ވެސް ކޮންމެވެސް ބަޔަކަށް "ފިސާރި އަސަރެއް" ކުރާނެ އެވެ. އެކަމަކު އެ ރަހަ އާއި ވަސް އެނގޭނީ ރެސްޓޯރެންޓްގެ އެހިސާބަށް ވަދެވުނީމަ އެވެ. އަމިއްލައަށް އައިސް ތަޖުރިބާ ކޮށްލާށެވެ.
ނިއުޕޯޓްވިއުގެ މި ވާހަކަތަކަކީ ސަމާސާއެއް ނޫނެވެ. "ޒާހިދު ކްރިއޭޓާ" ދުނިޔެއަށް ނޭވާލުމުގެ ކުރިން ނިއުޕޯޓްގެ ސްޓޯރީ ލިޔަން ފަށައިފި އެވެ. ޒާހިދުގެ ކާފަ އާއި އޭނާގެ ބޭބެ އެވެ. މާލޭގެ މެރިން ޑްރައިވްގައި ހެދި ނިއުޕޯޓާއި މެރިން ބްޓިކާއި މަޖީދީ މަގުގެ ޕޮޕްޖޯއިންނެވެ. އެތަން ތަން 1996 ގައި ބަންދު ކުރީ އެވެ. ތިންތަން އެކުގައި ބަންދުކުރީ ބީއެމްއެލްގެ އެލްސީ ފެސިލިޓީއަކުން ގެނައި މުދާތަކެއް ހުރި ބޯޓް، "ޕްރޮގްރެސް ލައިޓް" ނޮވެމްބަރު ތިނެއްގައި "މިއުޅޭ އިންޑިއާ ސިފައިން" ބަޑި ޖަހައި ފައްތާލުމުން އައި ފައިނޭޝަލް ކްރައިސިސްގަ އެވެ. މިއަދު ޒާހިދު ކްރިއޭޓާގެ ހިޔާލާއެކު މިދައްކާ ނިއުޕޯޓްވިއުގެ ވާހަކަކީ ކުރިން ލިޔަމުން އައި ދިގު ވާހަކައަކުން ފޮނި ފޮނި ތަންކޮޅެކެވެ.
"މިނިވަން ފަންސާހުގެ ބެންކްއެޓް ފަނިވީމަ އެހިސާބުން ފެށިގެން ގޯލަކަށް ވީމާ މިކަން ފެންވަރުގައި ކުރާނަމޭ އެ ޗެލެންޖާ ކުރިމަތިލީ،" ޒާހިދު ވިދާޅުވި އެވެ. ނިއުޕޯޓަށް މިހާރު ފޮނި ކެނޑޭނެ އެވެ. ގިނައިން ފޮނި ކަނޑަންވީ އެވެ.