އަންނަ އާދީއްތަ ދުވަހު ރާއްޖޭގެ ދިރާސީ އާ އަހަރު ފަށާނެ އެވެ. ހުރިހާ ބެލެނިވެރި ދަރިވަރުންނާއެކު ބޮޑު ޗުއްޓީ ނިންމާލުމަށްފަހު ފޮތް ލިސްޓާއި އެހެން ބައެއް ތަކެތި ހަމަކޮށްލައިގެން އާދީއްތަ ދުވަހު ސްކޫލަށް ދާން ތައްޔާރުވާއިރު އެހެން ބޮޑު މައްސަލައެއް ކުރިމަތިވެފައި އެބައޮތެވެ. ބައެއް ސްކޫލްތަކުގެ އެކްޓިވިޓީ ޔުނިފޯމް ނުލިބިގެން ބެލެނިވެރިންގެ ޝަކުވާ ބޮޑުވީ އެވެ. މިހާރު ހުރިހާ ދިމާއަކަށް ފެތުރިފައި ވަނީ ޔުނިފޯމްގެ ޝަކުވާ އެވެ.
ސްކޫލްތަކުގެ އެކްޓިވިޓީ ޔުނިފޯމުގެ މި ޝަކުވާތަކުގެ ތެރެއަށް ބައެއް ސްކޫލް ތަކުގެ އޮފިޝަލް ޔުނިފޯމު ވެސް ވަނީ ވަދެފަ އެވެ. އޮފިޝަލް ޔުނިފޯމް ނުލިބިގެން ޝަކުވާ ކުރާ މީހުން ވެސް މަދެއް ނޫނެވެ.
ޝަކުވާތައް ފުނިޖައްސަމުން އަންނަ ބެލެނިވެރިންގެ ތެރެއިން ބައެއް ފަރާތްތައް ވަނީ އެ މީހުންގެ ޝަކުވާތައް "އަވަސް"ގެ ނޫސްވެރިންނާ ވެސް ހިއްސާކޮށްފަ އެވެ. އޭގެ ބައެއް ބެލެނިވެރިން ބުނި ގޮތުގައި، ސްކޫލުން ދީފައިވާ ތާރީހުގައި ޔުނިފޯމު ބަލައި ތަންތަނަށް ދިއުމުން ޝިޕްމަންޓް ހުސްވެ "ފަހުން އަންނަން" ބުނެ ފޮނުވާލަނީ އެވެ. ތަންތަނުން "ފަހުން އަންނަން" ބުނާތާ ވެސް ހަފުތާތަކެއް ވެއްޖެ އެވެ.
ބައެއް މީހުން ބުނި ގޮތުގައިު ބައެއް ތަންތަނުން ޔުނިފޯމް ދޫކުރަން ފެށި ފުރަތަމަ ދުވަހުވެސް ބޮޑު ކިޔޫއެއް ހަދައި ހަފްތާއެއް ނުވަނީސް ޝިޕްމަންޓް ހުސްވެފައިވާ އެ ތަންތަނުން ބުނެފައި ވެ އެވެ. ބައެެއް ތަންތަނަށް ޔުނިފޯމު ޝިޕްމަންޓް އަދި ނުވެސް އާދެ އެވެ.
އެކްޓިވިޓީ ޔުނިފޯމެއް ލިބުނަސް، އެ ޔުނިފޯމުގެ ހަރުވާޅެއް ނުލިބެ އެވެ. އަދި ކުދިންނަށް ބޭނުންވާ ސައިޒެއް ވެސް ނުލިބެ އެވެ.
"ޔުނިފޯމު ގަންނަން މިހާރު ތިން ހަތަރު ފަހަރަކު ގޮސްފިން. ކޮންމެ ފަހަރަކުވެސް ބުނަނީ އަދި ޝިޕްމަންޓެއް ނާދެއޭ. ޝިޕްމަންޓު އައިމަ އަންގާނަމޭ. ދެން އެހެން ނާނގާ ދާތީވެ، ދުވަސްކޮޅެއް ކޮށްލާފައި ފަހުން ޗެކް ކުރަން ދިއައީމަ ބުނަނީ ގެނައި ޝިޕްމެންޓަށް ބޮޑު ކިޔޫއެއް ހަދައިގެން އެ ހުސްވެއްޖެޔޭ. ސްކޫލަށް ގުޅީމަ ސްކޫލަކަށް ވެސް އެކަމުގެ ވާނުވާ އެެއް ނޭނގޭ. ފަހުން ބުނަން ފެށީ ޔުނިފޯމުތައް ލިބޭނީ މި މަހުގެ މެދު ތެރޭގައި ކަމަށް. އެކަމަކު [އަންނަ] އާދީއްތަ ދުވަހު ސްކޫލަށް ނުކުންނަން ޖެހޭ،" ހުޅުމާލޭ ޣާޒީ ސްކޫލުގެ ބެލެނިވެރިއަކު އޭނާގެ ޝަކުވާތައް އަވަސްގެ ނޫސްވެރިންނާ ހިއްސާ ކުރި އެވެ.
މިއީ ކޮންމެ އަހަރަކުވެސް ދިރާސީ އާ އަހަރާ ދިމާކޮށް ކޮންމެވެސް މިންވަރެއްގައި ދިމާވާ މައްސަލައެކެވެ. އެކަމަކު މިއަހަރު މި މައްސަލަ ތަންކޮޅެއް ބޮޑުވަރުވީ އެވެ. އެހެންވެ ޝަކުވާ ބޮޑު ބައެއް ބެލެނިވެރިން ގެންދަނީ ޔުނިފޯމް ނުލިބޭ ޝަކުވާތައް ސޯޝަލް މީޑިއާއަށް ވެސް ބަންޑުން ކުރަމުން، އެކަމާ ނުރުހުން ވެސް ފާޅު ކުރަމުންނެވެ.
"ޔުނިފޯމު ހޯދަން ކިތަންމެ ކުރިޔާލާ އުޅުނަސް އުޅެން މިޖެހެނީ ވާނުވާ ނޭނގިގެން މިކަމަށް ހައްލެއް ނުލިބޭ، މި މައްސަލަ އެޑިއުކޭޝަނުން ބަލައި ދިނުމަށް ވެސް ބެލެނިވެރިން އެބައެދޭ،" އެއް ބެލެނިވެރިޔަކު ބުންޏެވެ.
ޔުނިފޯމު ހޯދަން ކުރިޔާލާ އުޅުނަސް އުޅެން މިޖެހެނީ ވާނުވާ ނޭނގިގެން މިކަމަށް ހައްލެއް ނުލިބޭ، މި މައްސަލަ އެޑިއުކޭޝަނުން ބަލައި ދިނުމަށް ވެސް ބެލެނިވެރިން އެބައެދޭ،ބެލެނިވެރިއެއް
އެހެން ބެލެނިވެރިއަކު ބުނި ގޮތުގައި ޔުނިފޯމް ޝިޕްމަންޓް އަޔަސް، މިހާރު ދޫކުރަނީ އެންމެ ޔުނިފޯމެކެވެ. އަދި މި ޔުނިފޯމްތަކުގެ ސައިޒް ހޯދަން ވަރަށް ދައްޗެވެ.
"މީގެ ހަފްތާ އެއްކުރިން ދިޔައިެރު ހުރި ޝިޕްމަންޓެއް އައިސްފަ. އެކަމަކު ޔުނިފޯމު ލިބުނު އިރު އެތަނުން މި ދޫކުރަނީ އެންމެ ޔުނިފޯމެއް. އަދި އެ ޔުނިފޯމު ލިބުނަސް އޭގެ ހަރުވާޅެއް ނުލިބޭ. ހަރުވާޅު ލިބިއްޖެއްޔާ ނަމަ ސައިޒު ދިމައެއް ނުވޭ،" އޭނާ ވެސް ކުރީ ޝަކުވާއެވެ.
އިސްކަންދަރު ސްކޫލުގެ ދަރިވަރެއްގެ ބެލެނިވެރިޔަކު ބުނިގޮތުގައި، އެ ސްކޫލުގެ އޮފިޝަލް ޔުނިފޯމު ފޮތި ދޫކުރާ "އޭޑީޖީ" އާއި "ހުދުމާ" އިންވެސް ފޮތި ނުލިބި ގިނަ ދުވަސްވި އެވެ. އެހެންވެ ސްކޫލު ފެށެން ކައިރިވުމުން ފަހާ ތަންތަނުން ޔުނިފޯމު ފަހައެއް ނުދެ އެވެ.
ޖަމާލުއްދީން ސްކޫލުގެ ބެލެނިވެރިޔަކު ބުނި ގޮތުގައި އެ ސްކޫލްގެ ޔުނިފޯމުތައް ދޫކުރާނީ މިމަހުގެ 19 އިގަ އެވެ. އެކްޓިވިޓީ ޔުނިފޯމުގައި ކުދިން ސްކޫލަށް ފޮނުވަން ފަށާނީ ފެބްރުއަރީ ތިނެއްގަ އެވެ.
ބައެއް ސްކޫލު ކުދިންގެ އެކްޓިވިޓީ ޔުނިފޯމުތައް ނުލިބުމުގެ ސަބަބުން އެ ސްކޫލުތަކުން ވަނީ ދެހަފްތާ ވަންދެން އޮފިޝަލް ޔުނިފޯމުގައި ކުދިން ސްކޫލަށް ފޮނުވުމަށް އަންގާފަ އެވެ.