ހަބަރު

މަގާމާ ހަވާލުވުމަށް ޝަހީމް ރާއްޖެ ދޫކުރައްވައި ފުރާވަޑައިގެންފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފުރާވަޑައިގެންފި އެވެ.

ފުރާވަޑައިގަންނަވަމުން ޑރ. ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ދޫކުރެއްވި ނަމަވެސް، ދޭތެރެ ދޭތެރެއިން ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

"އިސްލާމީ ދައުވަތާއި ދީނީ ހޭލުންތެރިކުރުމާއި އިލްމީ އެކިއެކި ފޯރަމްތަކުގައި ބައިވެރިވުމަށް ދިވެހި ޒުވާނުންނާއި ރައްޔިތުންގެ ފަރާތުން ލިބޭ ދައުވަތަށް އިޖާބަ ދޭނަން،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، ދުރުގައި ހުއްޓަސް ހިތާއި ރޫހު އަބަދުވެސް ވާނީ ލޮބުވެތި ފަހުރުވެރި ދިވެހި ރާއްޖެއާ އެކީގަ އެވެ. އިސްލާމް ދީނާއި ދިވެހި ގައުމަށް ހިދުމަތް ކުރައްވާނެ ކަމަށެވެ.

"އެނބުރި އަންނާނަމެ، އެންމެހާ އެކުވެރިންނަށް ހެޔޮ ދުއާއެ، މާތްﷲ ތިޔަ ބޭފުޅުންނަށް ފާހަގަތި ކަމާއި މަތިވެރި ރަހުމަތާއި ނިއުމަތް މިންވަރު ކުރައްވާށި،" ޑރ. ޝަހީމް ވިދާޅުވި އެވެ.

އޯއައިސީއަކީ 58 މުސްލިމް ގައުމުތައް ޝާމިލްވާ އިސްލާމީ އެންމެ ބޮޑު އޯގަނައިޒޭޝަނެކެވެ. ރާއްޖެއަކީ ވެސް އޭގެ މެންބަރެކެވެ. އޯގަނައިޒޭޝަންގެ ހެޑް އޮފީސް ހުންނަނީ ޖިއްދާގަ އެވެ.

އެތަނުގައި މަސައްކަތް ކުރައްވާ އޯގަނައިޒޭޝަންގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރު ކަމުގެ މަގާމަށް ޝަހީމަށް ހުށަހެޅުމެއް ލިބިވަޑައިގެންފައިވާއިރު އޭނާއަކީ އެ އޯގަނައިޒޭޝަންއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

ޝަހީމް ވިދާޅުވެފައިވާ ގޮތުގައި އޯއައިސީގެ މަތީ މަގާމަކަށް ވަޑައިގަންނަވަނީ ރާއްޖެއަށް އެހީތެރިކަން ހޯދައިދޭން ކަމަށާއި، ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށެވެ. އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ އެޑްވައިޒަރަކަށް ހަމަޖައްސާފައިވާ ޑރ. ޝަހީމް އެތަނުގައި ބޮޑަށް ކުރައްވާނީ އިސްލާމީ ކަންތައްތަކާއި ބެހޭ ކަންކަން ކަމަށާއި، އެގޮތުން ގުޅުން ބަދަހިކުރުމާއި ޓެރަރިޒަމް އާއި ދެކޮޅަށް މަސައްކަތް ކުރުން ފަދަ ކަންކަން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

ޑރ. ޝަހީމް ވަނީ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓްކަން ކުރައްވާފަ އެވެ. ނަމަވެސް މިހާރު ޑރ. ޝަހީމް ވަނީ ޕީޕީއެމްއިން ވެސް ވަކިވެވަޑައިގެންފަ އެވެ. އަދި ސިޔާސީ ހަރަކާތްތަކުން އެއް ފަރާތްވެފަ އެވެ.