ހަބަރު

މައުމޫންގެ ތާއިދު 12 މެމްބަރުންނަށް، އެމްއާރުއެމްއިން އެދާއިރާތަކަށް ވާދަނުކުރަން ނިންމައިފި

އިލެކްޝަނުން ކުރިން ގޮނޑި ގެއްލުވާލިކަމަށް ބުނި 12 މެމްބަރުންނަށް ތާއިދު ކުރައްވައި، އެ ދާއިރާތަކަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ކުރިމަތި ނުލާން ނިންމައިފި އެވެ.

މައުމޫން ރިފޯމް މޫވްމަންޓުން ވަނީ ރައީސް މައުމޫންގެ ތާއިދާއެކު މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެމްއާރުއެމްގައި އިސްކޮށް އުޅުއްވާ، އަބުދުލް އަލީމް "އަވަސް" އަށް ވިދާޅުވީ، ރައީސް މައުމޫންގެ ތާއިދާއެކު މަޖިލީހުގެ 80 ދާއިރާއަކަށް ކުރިމަތިލާން މިހާތަނަށް 108 ފަރާތަކުން ހުށަހަޅާފައިވާ ކަމަށެވެ.

އަލީމް ވިދާޅުވީ 80 ދާއިރާއަށް ވާދަ ކުރުމަށް އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކޮށްފައިވީނަމަވެސް، 12 މެމްބަރުންގެ ދާއިރާތަކަށް އެމްއާރުއެމްއިން އެހެން ބަޔަކު ކުރިމަތި ނުލާނެ ކަމަށެވެ. އެ 12 މެމްބަރުންގެ ތެރެއިންވެސް ބައެއް މެމްބަރުން އަދިވެސް ރައީސް މައުމޫނާއެކު ތިއްބެވިކަން ފާހަގަ ކުރައްވާ އަލީމް ވިދާޅުވީ، އެ މެމްބަރުންނަށް އެމްއާރުއެމްގެ ތާއިދު ލިބޭނެ ކަމަށާއި، ރައީސް މައުމޫނާއެކު ނެތް މެމްބަރުންނަށްވެސް ތާއިދު ކުރަން ރައީސް މައުމޫން ނިންމަވާފައިވާ ކަަމަށެވެ.

އެމްއާރުއެމްގެ ތާއިދާއެކު މަޖިލީހަށް ވާދަކުރާނެ ފަރާތްތަށް ކަނޑައެޅުމަށް އެ ފަރާތްތަކާއި ބައްދަލުކޮށް ދަނީ އިންޓަވިއުވެސް ކުރަމުންނެވެ. ރައީސް މައުމޫންގެ ތާއިދާއެކު މަޖިލީހަށް ކުރިމަތިލާނެ ފަރާތްތަށް ހޯދަމުން އަންނަ އިރު، އެމްޑީޕީން ދަނީ މަޖިލީހުގެ 86 ދާއިރާގެ ޕްރައިމަރީ ބާއްވަން ތައްޔާރުވަމުންނެވެ. އަދި ޖޭޕީންވެސް ވަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތި ލުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މީގެ އިތުރުން އަދާލަތުޕާޓީން ވަނީ މަޖިލީހުގެ 13 ދާއިރާއަކަށް ކުރިމަތިލުމަށް ނިންމާފަ އެވެ.