މީހުން

މެންދަމެއްގެ މަޖަލަށް ކިޔުނު ތިން ފަރިހި!

Jan 14, 2019
10

ކުޑަކަތީބު ކަމާއި ކަތީބު ކަމާއި ބޮޑުކަތީބު ކަމުގައި 30 އަހަރު ދުވަހު ހިދުމަތް ކުރެއްވެވި ނަމަވެސް ގާސިމް މުހައްމަދާއި އޭނާގެ ހިދުމަތުގެ މަތީން ހަނދާން ހުންނާނީ މަދު ބައެކެވެ. ނޫނީ އެވާހަކަ އޮންނާނީ ދައުލަތުގެ ޔައުމިއްުޔާގަ އާއި ތާރީހު ފޮތުގަ އެވެ. އެހެން ނަމަވެސް ގާސިމް ވިދާޅުވެފައިވާ ތިން ފަރިހި ފަނޑުވުމެއް ނެތި، އޭގެ މަޝްހޫރު ކަމަށް ބަދަލެއް ނައިސް ހިނގަ ހިނގާ އެބައޮވެ އެވެ. ގާސިމްގެ "ކީ ފަހު މަށަށަށް ރަނާ"އި "ޖެހި މިތާރާ"ގެ އިތުރުން "ދާ ފަދަ ކުޅުން ތިން..." އަކީ ދިވެހިންގެ "އޯލްޓައިމް ފޭވަރިޓް" ގެ ގޮތުގައި އޮންނަ ތިން ފަރިއްސެވެ.

މިހާރު އުމުރުން ހަތްދިހައިގެ އަހަރުތައް ގުނަމުން ގެންދަވާ ގާސިމް އެ ތިން ފަރިހި ވިދާޅުވި ގޮތާއި ވިދާޅުވާން ޖެހުނު ސަބަބާއި އެ ފަރިހިތައް މަޝްހޫރުވެގެން ދިޔަ ގޮތް އެއީ ހައެއް ބޭފުޅުން ނޫނީ ދެނެހުރި ކަމެއް ނޫނެވެ. އަދި އެއީ އާދަޔާހިލާފު ވާހަކައެއް ވެސް މެއެވެ.

ގާސިމް ވިދާޅުވި ގޮތުގައި އޭނާއަކީ ސްޓޭޖް މަތީގައި ލަވަ ވިދާޅުވާން އުޅުއްވި އަދި އެ ފުރުސަތު ލިބި ވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. ލަވައިގެ ސްޓޭޖަށް އަރާ ވަޑައިއިގަންނަވަން އެއްވެސް އިރެއްގައި ޝައުގުވެރިވެ ވަޑައިގަންނަވާ ބޭފުޅެއް ވެސް ނޫނެވެ. ނަމަވެސް ކިޔަވާ ވިދާޅުވާން އުޅުއްވެވި އިރު މަދުރަސާގެ ލަވަތައް ވިދާޅުވުމުގައި ބައިވެރިވެ ވަޑައިގެން އުޅުއްވެވި އެވެ.

"އެކަމަކު ލަވަ ކިޔުމުގެ ޝައުގުވެރި ކަމެއް އަޅުގަނޑުގެ އޮވޭ، ގުދުރަތީ ގޮތުން އަޑު މަހުރަޖުގެ ކޮންމެވެސް ނަސީބެއް އަޅުގަނޑަށް ލިބިފައި ވުމާއެކު އެ ޝައުގުވެރިކަން އޮތީ، އެކަމަކު ލަވަ ކިޔާ މީހުން އެ މީހުންގެ ފަންނުގައި އެ ދިޔަ ގޮތަށް ދާކަށް އަޅުގަނޑަކަށް ފުރުސަތެއް ނުލިބޭ، އެ ފުރުސަތު ހޯދާނެ ޝައުގުވެރި ކަމެއް ވެސް އަޅުގަނޑުގެ ނެތް،" ގާސިމް ވިދާޅުވި އެވެ. "އެގޮތަށް ކަންކަން ނުދިޔަ ނަމަވެސް އަޅުގަނޑަށް ކިޔުނު ދެތިން ފަރިހި މިވީ ދިވެހި ރާއްޖެއަށާއި ދިވެހިންނަށް ވަރަށް ކަމުދިޔަ ދެތިން ފަރިއްސަށް، އެކަމާ އަޅުގަނޑު ވަރަށް ހައިރާންވޭ އަދިވެސް،"

ގާސިމް މަޝްހޫރުވެފައި އޮންނަނީ ރަށުގެ ނަމާ ގުޅުވައި "ފިއްލަދޫ ގާސިމް" ގެ ނަމުގަ އެވެ. ފިއްލަދޫއަކީ ފޯމާލި ލަވަ އާއި ފަރިއްސާއި ފޯމާލި ފަރިހި ކިޔުމުގައި މަޝްހޫރު ރަށެކެވެ. އަދި އެކަމަށް ފޯރި ހުންނަ ބަޔަކު އުޅުނު ރަށެކެވެ.

ފިއްލަދޫގެ ފަރިހި/ ލަވަތަކުގެ ތެރެއިން ގާސިމް ވިދާޅުވީ ތިން ފަރިއްސެކެވެ. އެ ތިން ފަރިއްސަކީ ފިއްލަދޫގައި ފަރިހި ކިޔައި އުޅޭ މީހުންގެ ފަރާތުން ގާސިމަށް އިވި ވަޑައިގެންފައިވާ ފަރިހިތަކެކެވެ. ރަށު ތެރޭގައި އެނބުރި އެނބުރި އޮތް އެ ތިން ފަރިހި، ގާސިމް ވިދާޅުވުމުން މުޅި ރާއްޖެއަށް މަޝްހޫރުވެގެން ހިނގައިދާނެ ކަމަށް އަދި އެއީ ދިވެހިން "އޯލްޓައިމް ފޭވަރިޓެ" އްގެ ގޮތުގައި އޮންނާނެ ކަމަށް ގާސިމަށް ހީފުޅު ކުރެއްވިފައި ވެސް ނެތެވެ.

"ކީފަހު މަށަށްރަނާ" އި "ޖެހި މިތާރާ" އަދި "ދާ ފަދަ ކުޅު ތިން" މި ފަރިހިތައް ގާސިމްގެ އަޑުން ވިދާޅުވެވުނީ ކުއްލި ގޮތަކަށް ރޭވިގެން އައި މަޖާގަނޑެއްގެ ތެރެއިން ރެއެއްގެ މެންދަމުން ފެށިގެން ފަތިހާ ހަމައަށް އެކަމުގައި ހޭދަ ކުރައްވައިގެނެވެ. އޭގެ ފަހުން އެ ތިން ފަރިހި ދިވެހި ރާއްޖޭގެ އަޑުން ފޮނުވުމާއި މަންޒަރު ހިމަނައިގެން ޓީވީ މޯލްޑިވްސް އިން ދެއްކުމުން މުޅި ރާއްޖެއަށް އެ ތިން ފަރިހި މަޝްހޫރު ވެގެން ދިޔައީ އެވެ. އެ ތިން ފަރިއްސާއެކު "ފިއްލަދޫ ގާސިމް" އެ ނަން ވެސް ބްރޭންޑަކަށް ވެގެން ދިޔައީ އެވެ.

"މި ފަރިހިތައް މި ގޮތަށް އައީ ސަބަބަކާ ލައިގެން! އެއީ ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދު ފިއްލަދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރުގެ ރަސްމީ ޕްރޮގްރާމްތައް ނިމުމުން، ދަތުރުގެ އިސް ބޭފުޅުން ބޭނުންފުޅުވީ ރޭގަނޑު ހޭލާ ތިއްބަވަން. އެ ތިއްބަވާއިރު މަޖަލަކަށް ލަވަ ވިދާޅުވެ ސަކަރާތް ގަތުމުގެ ތެރެއިން މި ލަވަތައް އައީ." ގާސިމް ވިދާޅުވި އެވެ.

މިނިސްޓަރު ހަމީދުގެ އެ ދަތުރުފުޅުގައި އޭރު ދިވެހި ރާއްޖޭގެ އަޑު ހިންގަވަން ހުންނެވި ސަމަރްބުލޫ އިބްރާހިމް މަނިކާއި ބަދުރުއް ނަސީރާއި އަލީ އަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ހަމަ އެރޭ އެ ޕާޓީގެ ތެރޭގައި މަޝްހޫރު ޅެންވެރިޔާ އުތީމު އާދަމް އަބްދުއް ރަހުމާން ވެސް ހުންނެވި އެވެ. ފިއްލަދޫގައި ރޭގަނޑުގެ ރަސްމީ ޕްރޮގްރާމް ނިމުމުން ވަރަށް އިރާކޮޅު ހަމީދު އަވަހާރަފުޅު ލައްޕަވައިފި އެވެ. އެހިސާބުން އެރޭގެ ފަހުބައި ބަދަލުވީ ހީނ ސަމާސާކޮށް ސަކަރާތް ގަތުމަށެވެ. ވަރަށް ގާތް އެކުވެރި އަދި މުޅީން ވެސް ލާނެތް، ސަމާސާގެ ބޭފުޅުންނަށް ވުމުން އެ ބޭފުޅަކަށް ޖެހުނު ސަކަރާތެއް ޖެއްސެވީ އެވެ.

"އެއް ގޮތަކަށް ވެސް ދިވެހި ރާއްޖޭގެ އަޑުން ލަވައެއް ފޮނުވަން، ނުނީ ފަހުން ޓީވީ ލަވަޔަކަށް ވެސް ބަދަލުވާނެ އަދި މުޅި ރާއްޖޭއަށް މަޝްހޫރުވާނެ ލަވަތަކެއް އަޅުގަނޑު ކިޔާކަށް އެރޭގެ ޕްރޮގްރާމްގައި ރޭވިފައެއް ނެއް. އެއީ އަޅުގަނޑު ހިޔާލު ކުރި ކަމެއް ވެސް ނޫން. ސަކަރާތާއި ސަމާސާގައި ލަވައެއް ކިޔައިލިއަސް މިހާ ހިސާބަށް މި ލަވަތައް ދަތުރުކޮށްފާނެ ކަމަކަށް އަދި މިއަދާ ހަމައަށް މަޝްހޫރު ކަންމަތީ އޮވެދަނެއޭ ހިތަށް ވެސް ނާރާ،"

ގާސިމް ވިދާޅުވި ގޮތުގައި އެރޭގެ ފަހުބައި "ސަމަސާ މަޖާ" ގަނޑަކަށް ބަދަލުވެ އެކަން އެއްގޯސް ވުމުން "ކޮންމެވެސް ތަފާތު އަނގައެއް ތަޅައިލަން އުޅެމާހޭ" ވިދާޅުވީ ބަދުރުއް ނަސީރެވެ. ލަވަ ވިދާޅުވުމުގެ ހިޔާލު އައި ހިސާބަކީ ވެސް އެއީ އެވެ. އެ ގޮތުން ރަށުގައި މީހުން ނޫޅޭ ފަޅު ގެއެއްގެ ތެރެއަށް ވަދެ ފުޅިބައްތީގެ އަލީގައި ތިއްބަވައިގެން ތިން ފަރިހި ވިދާޅުވީ އެވެ. އެކަމެއް ފެށުނީ ރޭގެ މެންދަމުން ބައެއް ކެނޑުނު ފަހުންނެވެ.

"އެއީ މި ލަވަތައް އަޅުގަނޑަށް ކިޔުނު ގޮތަކީ، އަޅުގަނޑު ދަންނަވާނީ އެއީ ރޭ ކުރު ކުރުމު ގޮތުން މަޖަލަކަށް ކުރެވުނު ކަމެކޭ!"

ތިން ފަރިހި ރިކޯޑް ކޮށްފައި ވަނީ އެ ދަތުރުގައި ފިއްލަދޫއަށް ވަޑައިގެންނެވިއިރު ބަދުރު ގެންދެވި މުސްކުޅި ސިސްޓަމެއްގެ އެހީގަ އެވެ. ފަޅުގޭ ތެރޭގައި ތިއްބަވައިގެން ގާސިމް ލައްވާ ފަރި ވިދާޅުވި އިރު ރިކޯޑް ކުރައްވާކަން ކުރިން އެނގިވަޑައިގެންފައެއް ނެތެވެ.

ތިން ފަރިހި ވިދާޅުވުމުގެ ކުރިން އެ ދަންވަރުގައި އެކަމަށް ކުޑަ މަސައްކަތެއް ކުރައްވަން ޖެހި ވަޑައިގަތެވެ. އެއީ ފިއްލަދޫގައި ފަރިހި ކިޔާ އުޅޭ މީހުންގެ ގާތަށް ގޮސް ފަރިހި ބުރި ބުރި ހޯދައި އެއް ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ފުރިހަމަ ކޮށްލެވުމާއެކު ސްޓޯރީއެއްގެ ގޮތުގައި ހަމަޖައްސައި ފަރި ބުރި ބުރިތައް ގުޅުވާލައި ދެއްވީ އުތީމު އާދަމް އަބްދުއް ރަހުމާނެވެ.

"ހަމަ އެރޭ ރަށުގެ ބައެއް މީހުން ގާތަށް ގޮސް ފަރިހި ބުރިތައް ހޯދައި އެއްކުރީ، އެއިން ކޮންމެ ފަރިއްސަކީ ވެސް ފިއްލަދޫގައި ކިޔާ އުޅޭ ފަރިހި އެކަމަކު އޭރަކު އަޅުގަނޑަކަށް މާ ބޮޑަކަށް ކިޔާކަށް ނޭނގޭ. އެކަމަކު އެރޭ ކޮންމެވެސް އެއްޗެއް ކިޔަން ޖެހުުމުން އަޅުގަނޑަށް ވެސް މަޖުބޫރުވީ،" ގާސިމް ވިދާޅުވި އެވެ. "އާދަމްބެގެ ވަރަށް ބޮޑު އެހީތެރި ކަމާއެކު ސްޓޯރީއަކަށްވާނެ ގޮތަށް ގުޅުވައި ރާވާލައިގެން ކިއީ. އަސްލުގައި ފިއްލަދޫގައި ފަރިހި ކިޔާ އުޅުނު މީހުނަކަށް ވެސް އެމީހުނަށް ކިޔެނީ ކޯންޗެއް ކަމެއް ނޭނގޭ. އޭގެ ތަރުތީބުގެ އިސް ފަހަކީ ކޮބައި ކަމެއް ނޭނގޭ އެހެންވީމާ އެ ފަރިހި ބުރި ތަކުގައި ސޫރައެއް ޖައްސަން އާދަމްބެގެ އެހީތެރިކަން ލިބުނު... ހަމައެކަނި އާދަމްބެއޭ ދަންނަވަން ދަތި އެރޭގެ ސަކަރާތުގެ ތެރޭގައި އުޅުއްވި ވަރަށް ގިނަ ބޭފުޅުން އެކަމުގައި ބައިވެރިވި."

ގާސިމް ވިދާޅުވި ގޮތުގައި ތިން ފަރިހި ވެސް ރިކޯޑް ކޮށްފައި ވަނީ ފިއްލަދޫގައި މީހުން ކިޔައި އުޅުނު ރާގަކަށެވެ. ކޮންތާކުން ކިހިނެއް އައި ރާގެއްކަން އެނގިވަޑައެއް ނުގަންނަވަ އެވެ. އޭގެ ތެރެއިން އެރޭ ފުރަތަމަ ވިދާޅުވެވުނީ ކޮން ފަރިއްސެއްކަން މިހާރު ގާސިމްގެ ހަނދުމަފުޅަކު ނެތެވެ. އެ ތިން ފަރިހި ވިދާޅުވި އިރު މިއުޒިކެއްގެ ގޮތުގައި ބެރެއް ޖެހުމާއެކު ފުޅިއެއްގައި ބޮއްޔަކުން ޖަހައި މިއުޒިކެއް ވެސް ހިމެނި އެވެ. އެކަން ކުރީ ފިއްލަދޫގެ ދެ ޒުވާނެކެވެ.

"ލަވަތައް ނިންމާލި އިރު ފަތިސްވެ ގާތްގަނޑަކަށް އިރުއަރަން ދަނީ އެރެއަށް ވަކި ގޮތަކަށް ސެޓްކޮށްގެން ކިއީއަކީ ވެސް ނޫން. ކިޔުނު ވަރަކަށް ކީ، އެހެން އެވީ ރޭ ކުރުކުރުމުގެ މަޖަލަކަށް ކުރި ކަމެއްވީމަ، އެކަމަކު އެ މަޖާގަނޑު ރިކޯޑްވެފައި އެ އޮތީ. ރިކޯޑް ކުރީއަކީ އަޑުން ފޮނުވާކަށް ނޫން ... ގައިމުވެސް އެއިން އެއްވެސް ބޭފުޅަކު ވެސް ވިދާޅެއް ނުވޭ މި އުޅުއްވަނީ މިކަހަލަ ކަމަކުއޭ އެހެންވީމާ އެނގޭ އެއީ އެބޭފުޅުންގެ ހިޔާލުގައި ވެސް އޮތް ކަމެއް ނޫންކަން. ލަފާވަނީ އެ ސަކާރުގެ ތެރޭގައި ހިންގައި ދިޔަ ކަމެއް ފަހުން އަޑުގެ ޕްރޮގްރާމެއްގެ ތެރެއަށް ވައްދާލުމުން މަޝްހޫރުވެގެން ދިޔައީ ކަމަށް،"

ގާސިމް ގަބޫލުފުޅު ކުރައްވާ ގޮތުގައި އެ ތިން ފަރިއްސަށް ބޮޑު މަޝްހޫރު ކަމެއް ލިބިގެން ދިޔައީ މާމޮޅަށް ވިދާޅުވެވިފައި އޮވެގެނެއް ނޫނެވެ. އެކަމަކު އެއީ އޭރު ރާއްޖޭގެ އެހެން ދިމަމާއިން ނީވޭ، އަދި ރާއްޖެގޭ ދިރިއުޅުމާއި ކަންކަމާ ވަރަށް ގުޅޭ ބަސްތަކެއް ހިމެނޭ ފަރިހިތަކަކަށް ވެފައި އެ ބަސްތައް ކިއިފައި ހުރި ރާގަކުން މަޝްހޫރުވެގެން ދިޔައީ އެވެ.

"އަޅުގަނޑަށް ތިން ލަވައެއް ވެސް ހަމަ ރަނގަޅު، ވަކި ލަވައެއް ރީއްޗޭ ދަންނަވާކަށް ނުކެރޭނެ، ގައިމުވެސް މިހާރަކު އަޅުގަނޑަކަށް އެ ގޮތަކަށް ނުކިޔޭނެ އެއީ އުމުރުން ދުވަސްވުމާއި ނޭވާ ކުރުވުމުން ... އަޅުގަނޑު ހިތްހަމަޖެހޭ ވަރަށް ކުރިން ކިއިފައި މިހާރު އެ ފެންވަރުގައި ނުކިޔޭނެތީ ކިޔާ ހިތެއްވެސް ނުވޭ. ކުރީގެ އެ އެހަނދާތައް ތާޒާކޮށް ހުރެފައި މިހާރު އެ ފެންވަރަށް ނުކިޔެންޏާ ދެން ކުރާނެ އަސަރެއް ހިތަށް ކުރާނެ ދެއްތޯ، އެއީ ހަމަ އެހެން ބޭފުޅުންނަށް ވެސް ވެދާނެ ގޮތެއް،"

ގާސިމްގެ ތިން ފަރިހި މިހާރަށް ބަދަލު ކޮށްލައިގެން ވަރަށް ގިނަ ލަވަކިޔުންތެރިން ކިޔަ އެވެ. ގާސިމް ވެސް އެ އަޑު އައްސަވަ އެވެ.

ގާސިމް ވިދާޅުވި ތިން ފަރިހި

"ވަރަށް ގޮތްގޮތް ހަދާލައިގެން ކިޔާ އަޑު އިވޭ. މިހާރު މިކިޔާ މޮޑިފައިގެ ތެރެއިން ވަރަށް ބަދަލުވެފައި ހުންނަނީ! އެކަމަކު އަޅުގަނޑަކަށް އެހާ ރީއްޗޭ ބުނާކަށް ފަސޭހައެއް ނޫން! އެކަމަކު އަޑު އިވޭ، އަޅުގަނޑުގެ ފޯނުގައި ވެސް ހުންނާނެ،"

ހަޔާތުގެ ބޮޑު ބައި ދިވެހި ރާއްޖޭގެ ގައުމީ ހިދުމަތަށް ދޫކޮށްލެވެވި ގާސިމް އޭނާގެ އަނބިކަނބަލުންނާއި އަށް ބޭފުޅުންގެ ބޮޑު އާއިލާއާއެކު އެބަ ދިރިއުޅުއްވަ އެވެ. މިދިއަ ދުވަސްތަކުގައި އޭނާ އެންމެ ބޮޑަށް ޝައުގުވެރިވެ ވަޑައިގެން ކުރެއްވި މަސައްކަތްޕުޅަކީ "ފިއްލަދޫ ފޯމާލި" އެ ނަމުގައި ފޮތެއް ލިޔުއްވުމުގެ މަސައްކަތެވެ. އޭނާ ވިދާޅުވި ތިން ފަރިހި ފަނޑުވުމެއް ނެތި ހިނގަ ހިނގާ އޮތް ނަމަވެސް އޭގެ މަތިން އޭނާ ހަނދާން ކުރައްވަނީ "މަޖަލަށް ކުރާ ކަންކަން އަޖަލާ ޖެހެންދެން ދެމި އޮވެޔޭ" ބުނާ ފަދައިންނެވެ.