ސްޓެލްކޯ

ސްޓެލްކޯ: މާލެ އޭރިއާ ގުޅާލައި އާބެކަޕަކަށް!

ދިމާވާ ހަމަ އެންމެ ކަމަކުން ވެސް މާލޭގެ ޒަރޫރީ ހިދުމަތްތައް މުޅިން ކެނޑި ހާލުގައި ޖެހިދާނެ އެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އޭގެ އެއް ހާދިސާ ތަޖުރިބާ ވެސް ކުރެވިއްޖެ އެވެ. ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މައި އިންޖީނު ގޭގައި އަލިފާން ހިފައި އަޅިއަށްވެ، މުޅި މާލެ ހަފްތާއަކަށް ފެނަށް ޖެހުނެވެ. އެ ކާރިސާއިން ލިބުނު ތަޖުރިބާއަކީ ކުއްލި ހާލަތުގައި ތައްޔާރަށް ތިބެން ބެކަޕަކަށް މި މާލެ ބޭނުންވެފައި އޮތް ވަރެވެ. އެ ހުރިހާ ކަމަކުން ފިލާވަޅު ލިބިގަނެ، ގައުމީ ކަރަންޓް ކުންފުނި، ސްޓެލްކޯގެ އާ އެމްޑީ، ހަސަން މުޣުނީގެ އެންމެ ބޮޑު އަމާޒެއް އޮތީ، ގްރޭޓާ މާލޭ ސަރަހައްދު ކަރަންޓް ވިއުގައަކުން ގުޅާލުމަށެވެ. ދިމާވާ ކުއްލި އިމަޖެންސީއެއްގައި ވެސް މުޅި މާލެ އަނދިރި ނުވެ އަލިކަން ބޭއްވޭ ވަރަށް ވަސީލަތްތައް ތަރައްގީ ކުރުމަކީ އޭނާ ސިކުޑީގައި ކުރަހާފައި އޮތް ބޮޑު ތަސައްވަރެވެ.

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި އެ ތަސައްވަރު ނިއުޅާލައްވަމުން މުޣުނީ ވިދާޅުވީ، ހުޅުމާލޭގައި ގާއިމް ކުރާ 50 މެގަ ވޯޓްގެ އިންޖީނުގެ އާއި މާލޭގައި އިންޖީނުގެ ބްރިޖް ހުރަސްކޮށް ގުޅާލުމުމުގެ މަޝްރޫއު ވެސް ފަށައިގެން ކުރިޔަށްދާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ލިބެން އޮތް އެންމެ ބޮޑު ލުޔަކީ، މާލެއަށް ނުވަތަ ހުޅުމާލޭގެ ކަރަންޓްގެ ވިއުގައަކަށް މައްސަލައެއް ދިމާވެއްޖެ ހާލަތުގައި، މުޅި މާލޭގެ އަނދިރީގެ ތެރެއަށް ނުގޮސް ހިފަހައްޓާލުމެވެ. އެ މަޝްރޫއާ އެކުއެކީގައި ސްޓެލްކޯއިން ކުރަން ރާވާފައިވާ އަނެއް މަޝްރޫއަކީ އިންޑަސްޓްރިއަލް ވިލެޖްގައި އާ އިންޖީނުގެއެއް އެޅުމެވެ. އަދި އެ އިންޖީނުގޭގެ ޕަވާ ގްރިޑާ ވިލިމާލެ، ތިލަފުށި ގުޅީފަޅުގެ ޕަވާ ހައުސްވެސް ގުޅާލުމެވެ.

"އަޅުގަނޑުގެ އަމާޒަކީ ދިމާވާ ކުއްލި ކަމަކުން ވެސް މުޅިން ބްލެކް އައުޓަކަށް ނުގޮސް ސަލާމަތް ކުރުން. ކޮންމެވެސް ވަރަކަށް ޒަރޫރީ ބޭނުންތަކަށް ވާ ވަރަށް ގްރޭޓާ މާލެއަށް ކަރަންޓް ދެވޭނެ ފަދަ ނިޒާމަކަށް ދިޔުން. އަޅުގަނޑު މިތަނާ ހަވާލުވީ އިރު މިކޮޅަށް އެބަ އޮތް، އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ވެސް ލިބިފައި. އެތަނުގައި ވެސް އަޅުގަނޑުމެންގެ ވިސްނުން މި ހުރީ ޕަވާ ހައުސް ހަދައިގެން އެ އިންޖީނުގެއަށް ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ކަރަންޓް ގުޅާލުން،" މުޣުނީ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް އެފޯޑެއް ނުކުރެވޭނެ ބެކަޕެއް ނެތިގެން ކަރަންޓް ކެނޑިގެން ދާކަށް. އެހެން ވީމާ އެކަމަށް އެބަޖެހޭ ތައްޔާރީތަކެއްވާން. އެ ތައްޔާރީތައް ނެތި އަޅުގަނޑުމެންނަކަށް ތިބެވޭކަށް ނެތް،"

ޗެލެންޖްތައް އަލެއް ނޫން މިކަންވާނެ!

މުޣުނީ ދެކެވަޑައިގަންނަވާ ގޮތުގައި އެ ހުރިހާ ކަމަކަށް ވެސް ހިޔަނި އެޅެނީ، މާލޭގެ ކަރަންޓްގެ ހިދުމަތަށް ބޮޑުވަމުން އަންނަ ޑިމާންޑެވެ. ދުވަހެއް ދުވަހަކަށް މާލޭގެ ބޮޑުވަމުން އަންނަ ޑިމާންޑާ އެއް ވަރަށް ކަރަންޓް ދޭން ޖެހެ އެވެ. އެކަމުގައި އެކަމަކު އޭނާ ހުންނެވީ އެކަން ބަހަނާއަކަށް ހަދާ ގޮތަކަށް ނޫނެވެ. މުޣުނީ ވިދާޅުވީ ގްރޭޓާ މާލޭގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލުމުގެ މަޝްރޫއު ވެސް ރޭވުންތެރިކަމާ އެކު ކުރިއަށް ގެންދެވޭނެ އެވެ. ކަންކަން އިންތިޒާމްތަކެއްގެ ތެރެއިން ކުރުމަކީ މުޣުނީ ދެކެވަޑައިގަންނަވާ ގޮތުގައި ކާމިޔާބު ކަމާ އެކު މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ސިއްރަކަށް ވާނެ އެވެ. އެ ކޮންފިޑެންސް އޭނާއަށް ލިބެނީ ވެސް ސްޓެލްކޯއަކީ އޭނާއަށް އާ ތަނަކަށް ނުވާތީ އެވެ. ސްޓެލްކޯގެ ހިންގުމުގައި އޭނާ މީގެ ކުރިން ވެސް ހުރެ ތަޖުރިބާ ވެސް ވަނީ ކޮށްފަ އެވެ.

"މީގެ ކުރިން އެބަ ހުރި ބައެއް މަޝްރޫއުތައް މާ ބޮޑެތި އަގުތަކުގައި ވެސް ކުރެވިފައި. ނޫނީ މަޝްރޫއުތައް ފަށާފައި ކުރިއަށް ނުގެންގޮސް ވެސް. އެކަމަކު އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރޭވުންތެރި ކަމާ އެކު މަޝްރޫއުތައް ކުރިއަށް ގެންދިޔައިމާ ހަމަ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންދެވޭނެ. އެގޮތަށް އަޅުގަނޑުމެން މި އަލަށް ފަށަން ވިސްނާ ޕަވާ ހައުސްގެ ކަންކަން ވެސްކުރާނީ. ފުރަތަމަ އަޅުގަނޑުމެން ރަނގަޅަށް ޕްލޭންކޮށްފައި މަޝްރޫއު ފަށާނީ. އެންމެ ކޮސްޓް އެފެކްޓިވް އަދި ފެންވަރު ރަނގަޅު ގޮތަށް އަޅުގަނޑުމެންނަށް އޭރުން މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ،" މުޣުނީ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައެއް ކުރިމަތިވިވުމުގެ ކުރިން އެކަމަށް ހުންނަން ޖެހެނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅިފަ އެވެ. އެގޮތުން މާލޭގައި ބޮޑުވަމުން އަންނަ ކަރަންޓްގެ ޑިމާންޑާ އެއްވަރަށް ހުއްޓުމެއް ނެތި ސްޓެލްކޯގެ ކެޕޭސިޓީ ބޮޑު ކުރަން އިންވެސްޓް ކުރަން ޖެހެ އެވެ. އަދި ރޫޓިން މެއިންޓަނެންސް ތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. މުޣުނީ ވިދާޅުވީ، އޭނާގެ ބެލުމުގެ ދަށުގައި ސްޓެލްކޯ ހުންނަހާ ހިނދަކު ކަރަންޓް ދިނުމަށް އެ ކުންފުނީގައި ހުރި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރާނެ ކަމަށެވެ.

"އިންޖީނުތައް އަޕްގްރޭޓް ކުރުމާ މެއިންޓަނެންސްގެ ކަންތައްތަކީ ހުއްޓާނުލާ ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެން ވަރަށް ބޮޑު ލޯޑަކަށް މި ޖެހެނީ ކޭޓާ ކުރަން. އެހެން ވީމާ އަޅުގަނޑު ދަންނަވާނީ އިންޖީނު އިތުރުކޮށްގެން ވިޔަސް ކެޕޭސިޓީ އިތުރުކުރުމާއި މެއިންޓަނެންސް ކަންކަމަށް އަޅުގަނޑުމެން އިންވެސްޓް ކުރަން އެބަ ޖެހޭ. އެކަމަށް އިންވެސްޓް ކުރުމަށް އަޅުގަނޑު ސަމާލުކަން ދޭނަން،" މުޣުނީ ވިދާޅުވި އެވެ.

ކަރަންޓް ދަނީ ކީއްވެ؟

މިއީ ސްޓެލްކޯއަށް އެންމެ ބޮޑަށް މިހާރު އަމާޒުވާ އެއް ސުވާލެވެ. ދޭތެރެ ދޭތެރެއިން މާލެއިން ކަރަންޓް ކެނޑެނީ އެވެ. މުޣުނީ މަގާމާ ހަވާލުވެ ވަޑައިގަތް ތަނާހެން އިރުއިރުކޮޅާ ކަރަންޓް ކަނޑައިގެން ދަނީ އެވެ. އެކަމަކު އޭނާ ހުންނެވީ އެ ސުވާލަށް ޖަވާބު ނުދީ ފިއްލަވާ ގޮތަކަށް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދުވަސްވަރު ކަރަންޓް ދިޔުމުގެ ކަންތައް ކުރިމަތިވަނީ މައި އިންޖީނުގެ ރޫޓިން މެއިންޓަނެންސްތަކެއް ކުރާތީ އެވެ. މިހާރު ސްޓެލްކޯގެ ކެޕޭސިޓީ ހުރި ގޮތުން އިންޖީނު މެއިންޓެއިން ކުރުމަށް އިންޖީނު ނިންވާލަން ޖެހެ އެވެ. އޭނާ ވިދާޅުވީ ސްޓެލްކޯއިން ރޫޓިން މެއިންޓަނެންސް ކުރަން ޓީމުން ރޭވީ ވެސް ކަރަންޓް އެންމެ މަދުން ބޭނުން ކުރާނެ ދުވަސްވަރަކަށް ބަލައިފަ އެވެ. އޭނާ ވިދާޅުވީ، މެއިންޓަނެންސް ދުވަސްވަރު ވެސް ކަރަންޓް ދާން މެދުވެރިވީ، 2017 އަދި 2018 ގައި މާލެއަށް ކަރަންޓް ދިނުމުގެ ކެޕޭސިޓީ އިތުރު ކުރަން އިންވެސްޓްމަންޓްތަކެއް ނުކުރެވި ހުރީމަ އެވެ. ކަރަންޓް ކެނޑުމުގެ މައްސަލަ މުޅިން ހައްލުވާން އޮތީވެސް މުގުނީ ދެކެވަޑައިގަންނަވާ ގޮތުގައި ކަރަންޓް ވިއުގައިގެން ގްރޭޓާ މާލެ ގުޅާލެވިގެން އެވެ.

"ދެއަހަރުން އެއް އަހަރުން އެބަ ޖެހޭ ކެޕޭސިޓީ ބޮޑު ކުރަން. އެކަމަކު މާލޭގެ ކެޕޭސިޓީއަށް ނެތް މިދިޔަ ދެ އަހަރުވެސް އިންވެސްޓް ކުރެވިފައެއް. އަނެއްކާ ބޮޑެތި އިންޖީނުގެތަކުގައި އެބަހުރި ކުރަން ޖެހޭ އޯވަހޯލް މަސައްކަތްތައް. އަޅުގަނޑުމެން މި ބަލަނީ ޕްރިކޯޝަން މެޝާތައް ނަގައިގެން އާންމުންނަށް މީގެ އުނދަގޫ ނާންނާނެ ގޮތަށް މިކަން ކުރަން. ވިއުގައަކުން ގުޅާލީމާ އަޅުގަނޑުމެންނަށް މި މެއިންޓަނެސް ކަންކަމަށް ވެސް ފަސޭހަވެގެން ދާނެ،" މުޣުނީ ވިދާޅުވި އެވެ.

އިއާދަކުރަނިވި ހަކަތައާ ދިމާލަށް!

ކަރަންޓްގެ އަގު ހެޔޮ ކުރަން ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ، ތެލުގެ އަގު އިންތިހާއަށް ބޮޑުވުމެވެ. އާ އެމްޑީ މުޣުނީގެ ވިސްނުމުގައި ތެލަށް ބަރޯސާވުން ކުޑަކުރެވިދާނެ އެވެ. އެއީ ރާއްޖެއަށް މާކަބޮޑު އުނދަގުލަކާ ނުލާ ކުރެވިދާނެ ކަމެކެވެ. މުޣުނީ ދެކެވަޑައިގަންނަވާ ގޮތުގައި، އިއާދަކުރަނުވި ހަކަތައަށް ސްޓެލްކޯއިން އުފައްދާ ކަރަންޓް ބަދަލު ކުރެވިދާނެ އެވެ. ހާއްސަކޮށް އަވިން ކަރަންޓް އުފައްދާ ނިޒާމުގެ ތެރެއަށް ސްޓެލްކޯ މިހާރަށް ވުރެ ބޮޑަށް ވަންނަން ޖެހެ އެވެ. ރަށްރަށުގައި މިހާރުވެސް ސްޓެލްކޯއިން ޕައިލެޓް ޕްރޮގްރާމްތައް ހިންގާއިރު އެ ކަންކަން ކާމިޔާބު ކަމަށް މުޣުނީ ވިދާޅުވި އެވެ. އެހެން ވީމާ އެކަމަށް އިންވެސްޓް ކުރަން ނުޖެހޭ ސަބަބެއް ނެތް ކަމަށް މުޣުނީ ވިދާޅުވި އެވެ. އޭނާ ވަނީ، އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަޑިއެއް ސްޓެލްކޯގައި ކަޑައަޅައިފަ އެވެ.

"ސްޓެލްކޯއިން އުފައްދާ ކަރަންޓްގެ 30 ޕަސެންޓް އިއާދަކުރަނިވި ހަކައިތައިން އުފައްދާ އެއްޗަކަށް އަޅުގަނޑުމެންނަށް ހެދޭނެ. އެއީ ނުކުރެވޭނެ ކަމެއް ނޫން. އެ އިންވެސްޓްމަންޓް އަޅުގަނޑުމެން މިއަދު ކޮށްފިއްޔާ މާދަމާ އޭގެ ފައިދާ އަޅުގަނޑުމެންނަށް ފެންނާނެ. ދުނިޔެ ވެސް މިސްރާބު މިޖަހަނީ ސޯލާ އެނާޖީއަށް. އެހެން ވީމާ އެއީ ނުވާނެ ކަމެކޭ ބުނެ އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތް،" މުޣުނީ ވިދާޅުވި އެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލިރަންސް

މުޣުނީ ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ އަމަލުތަކަށް އޭނާގެ ހިންގުމުގެ ތެރެެއިން އެއްވެސް ފުރުސަތެއް ނުދޭނެ އެވެ. އަދި އެފަދަ ގޮތަކަށް ސްޓެލްކޯގެ ޕްރޮޖެކްޓެއް ދެން ކުރިއަށް ދިޔަ ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮރަޕްޝަނާ ދެކޮޅަށް ސްޓެލްކޯގެ މުވައްޒަފުން އަހުދު ނާމާއެއްގައި ސޮއިކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައި މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތާއި އުސޫލުތައް އެފަދަ ކަމެއް ނުކުރެވޭ ގޮތަށް ބަދަލު ކުރާނެ ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.

"ރައީސް ސޯލިހުގެ ވައުދާ އެއްގޮތަށް ސްޓެލްކޯގައި ވެސް އޮންނާނީ ކޮރަޕްޝަނަށް ޒީރޯ ޓޮލިރަންސް. މިތަނުގެ މެކޭނިޒަމްތައް ހަރުދަނާ ކުރާނަން އެފަދަ ކަމަކަށް ޖާގަ ނޯންނާނެ ގޮތަށް. މިތަނުގައި އެއްވެސް ވަރަކަށް ކޮރަޕްޝަނަކަށް ޖާގައެއް ނޯންނާނެ. އެފަދަ ކަމެއް ހިނގާ ކަމުގެ މައުލޫމާތެއް އޮތަސް އަޅުގަނޑުމެން އެ މައްސަލަ ސީރިއަސްކޮށް ބާލާނަން،" މުޣުނީ ވިދާޅުވި އެވެ.

މީގެ އިތުރުން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މީގެ ކުރިން ކޮށްފައި ހުރި ކަންކަން ބަލައި، އެކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވެސް ފަސް ނުޖެހޭނެ ކަމަށް މުޣުނީ ވިދާޅުވި އެވެ. އަދި ކޮރަޕްޝަންގެ ހާޔަކަށް ސްޓެލްކޯ ވުމަށް އެގޮތަކަށް ވެސް ދޫނުކޮށްލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮރަޕްޝަންގެ ކަންކަމަކީ އަޅާ ނުލާ ދޫކޮށްލާނެ ކަންކަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރާނެ!

މުވައްޒަފުންނަކީ ސްޓެލްކޯގެ މުހިންމު ރައުސްމާލެއްގެ ގޮތުގައި މުޣުނީ ހުންނެވީ ގަބޫލު ކުރައްވައިގެން އެވެ. އޭނާ ވިދާޅުވީ، ސްޓެލްކޯގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަކީ ހަގީގަތުގައި ސްޓެލްކޯ މި ހިސާބަށް އައުމުގެ އަސްލެވެ. މުޣުނީ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަށް ހަދާ ހިޔާ ފްލެޓްތަކުގެ މަސައްކަތް ވެސް އަވަސް ކުރަން މިހާރު އިރުޝާދު ދީފައިވާ ކަމަށެވެ. އަދި އެތަން ނިންމަން މިހާރަށް ވުރެ ގިނައިރު، ކޮންޓްރެކްޓަރު މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މުވައްޒަފުންނަށް އިތުރު ތަމްރީނާއި ތަރައްގީގެ ފުރުސަތުތައް ފަހިކޮށް ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ. އަދި ރިނިއުބަލް އެނާޖީއަށް އިންވެސްޓްމަންޓްތަކަށް ބޭނުންވާ މުވައްޒަފުން ވެސް ތަމްރީން ކުރުމަށް ޕްރޮގްރާމެއް ހިންގަވާނެ ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.

"މި ކުންފުނީގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން. އަޅުގަނޑުމެން މި ކުންފުނިން މުވައްޒަފުންގެ ވެލްފެއާއަށް ވެސް އިންވެސްޓް ކުރާނެ، ތަމްރީންގެ ފުރުސަތުތައް ވެސް ފަހިކޮށް ދިނުމަކީ މި ކުންފުނިން ކުރާނެ ކަމެއް. އަދި މުވައްޒަފުންނަށް ބޯހިޔާވަހިކަން އަވަހަށް ލިބޭނެ ގޮތް ހެދުމަށް ވެސް އަޅުގަނޑުމެން މި ތިބީ އަޒުމް ކަނޑައަޅައިގެން،"