ސްޓެލްކޯ

ސްޓެލްކޯ ސައިބަ ހަމަލާ: އިންޒާރެއްތަ؟

Apr 4, 2022
2

ރޯދަ މަސް ފެށެން ކައިރިވެފައި ވަނިކޮށް ފުރިހަމަ ހަފުތާތެރޭގައި ސްޓެލްކޯ މުވައްޒަފުން އޮފީހަށް ދިޔައީ އާއްމު އުސޫލުން އާއްމު ދުވަހެކޭ އެއްގޮތަށެވެ. ނަމަވެސް އެ ދުވަހު އޮފީހަށް ދިޔައިރު އޮފީހުގެ މަސައްކަތް ފަށަން ބޭނުންވާ ސިސްޓަމްތައް ހުރީ "ތަޅު" ލެވިފަ އެވެ. ސާވާ އަށް އާއްމު މީހަކަށް އެކްސްސެސް އެއް ނުވެ އެވެ. ހިދުމަތް ހޯދަން ބޭނުންވާ ނެޓްވޯކުގައި ދަތިތަކެއް ހުއްޓެވެ. ބެލިބެލުމުން އެނގުނީ ރާއްޖޭގެ އެންމެ ބޮޑު ކަރަންޓު ކުންފުނީގެ ސިސްޓަމަށް ދުނިޔޭގައި ދޭ އެންމެ ވަރުގަދަ އެއް ސައިބަ ހަމަލާ އިން ހަމަލާއެއް ވަނީ އަރާފަ އެވެ. އެ ކުންފުނީން ބުނާ ގޮތުން ނަމަ "ރެންސަމްވެއާ" ހަމަލާއެއް ދީ މުޅި ސިސްޓަމް ޑައުންކޮށްލީ އެވެ.

މިއީ ކިހާ ސީރިއަސް މައްސަލައެއް ހެއްޔެވެ؟ މިއީ ކިހިނެއްވާ ކަމެއް ކަމެއް ހެއްޔެވެ؟ މި ހަމަލާއަކީ ރާއްޖެއަށް ލިބުނު އިންޒާރެއްގެ ގޮތުގައި ބެލިދާނެ ހެއްޔެވެ؟

"ސްޓެލްކޯ ހަމަލާއަކީ ރެންސަމްވެއާ ހަމަލާއެކޭ ސީދާ ބުނަން ދަތި. އެކަމަކު މިއީ ނުރައްކާތެރި ހަމަލާއެއް. މި ބެލިދާނެ ރާއްޖެ ހޭލަން ޖެހޭ ކަމަކަށް. މިއީ ވަރަށް ސީރިއަސް މައްސަލައެއް،" ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމް ކުންފުނީގެ އައިޓީ ބައިގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނެފައިވާ ގޮތުގައި "ރެންސަމްވެއާ" އެޓޭކުގެ ސަބަބުން އެ ކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަން އަދި މޯބައިލް އައުޓްލެޓްތަކާއި އަދި ކައުންޓަރުތަކުން ދެމުން އައި ހުރިހާ ހިދުމަތް މެދުކެނޑި މުޅި ކުންފުނީގެ އައިޓީ ނެޓްވޯކަށް މައްސަލަ ދިމާވި އެވެ. ރެންސަމްވެއާ ހަމަލާއަކީ ކޮބައި ހެއްޔެވެ؟

"ރެންސަމްވެއާ" ހަމަލާއެއްގައި ނަމަ ހުންނާނެ އެއް ސިފައަކީ ނެޓްވޯކަށް ހަމަދީ އޭގެން ޑޭޓާއަށް ހަމަދޭ މީހުންގެ ބާރުގެ ދަށަށް ގެނެސް ބްލެކްމެއިކޮށްގެން ފައިސާ ހޯދުމެވެ. ނޫނީ ބައެއް ފަހަރު މި ޑޭޓާ ކޮންޓްރޯލްކޮށް ސިސްޓަމް ހަލާކުކޮށް "އެއްލާލަ" އެވެ. ސްޓެކްލޯ އަށް ދިން ހަމަލައާ ގުޅިގެން "ބްލެކް މެއިލް" ކޮށްގެން ފައިސާ ހޯދުން ފަދަ ހިނގިކަން ނުވަތަ ނޫންކަން އެ ކުންފުނިން ނުބުނެ އެވެ. އެ ކުންފުނިން ބުނިހާ ވެސް އެއްޗަކީ މި ހަމަލާ އިތުރަށް ތަހުގީގު ކުރަން މައްސަލަ ފުލުހަށް ވަނީ ހުށަހެޅިވާހަކަ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި މި ހަމަލާގެ ސަބަބުން އެ ކުންފުނީގެ ސާވާތަކާއި ހުރިހާ ކޮމްޕިއުޓަރު ސިސްޓަމްތައް އެއްކޮށް "ފޯމެޓް" ކޮށް އަލުން ޕްރޮގްރާމްތައް އަޅަން ޖެހުނެވެ. އެކަމުގައި ސްޓެލްކޯގެ އައިޓީ ޓީމާއި އެންސީއައިޓީގެ ޓީމެއް ވެސް މަސައްކަތް ކުރި އެވެ.

"ވަރަށް ބޮޑު ދަތިކަމެއް މިއީ. އެކަމަކު މިކަމުން އަރައި ގަނެ ހިދުމަތް ފުރިހަމަ ކުރަން ދަނީ މަސައްކަތް ކުރަމުން،" ހަމަލާގެ އިތުރު ތަފުސީލެއް ހާމަނުކޮށް ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސްޓެލްކޯ ސައިބަ ހަމަލާއަކީ "ރެންސަމްވެއާ" އެޓޭކެއް ކަމަށް ބުނި ނަމަވެސް، ރާއްޖޭގެ އައިޓީ ދާއިރާގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި "ރެންސަމްވެއާ" އެޓޭކެއް ނަމަ ފައިސާގެ މުއާމަލާތް ނުވަތަ ކޮންމެވެސް އެއްޗެއް ހޯދުމުގެ ޑިމާންޑެއް ގިނަ ފަހަރު އުޅޭނެ އެވެ. މީގެ ކަމެއް ނެތްނަމަ "ރެންސަމްވެއާ" އެޓޭކެއްގެ ގޮތުގައި ނުބެލޭނެ ކަމަށް އަވަސްއާ ވާހަކަ ދެއްކި ބައެއް ޑިވޮލޮޕަރުން ވިދާޅުވި އެވެ.

"އާއްމުކޮށް މިފަދަ ހަމަލާ އަކަށް ފަހު އީމެއިލް ކޮމިއުނިކޭޝަނެއް އަންނާނެ. އޭގައި އޮންނާނެ އެ މީހުން ދެ އަމަލު ކުރާނެ ގޮތް. ގިނަ ފަހަރު ޕޭމަންޓަކަށް ޑިމާންޑް ކުރާނެ. ނޫނީ އެ ޑޭޓާއަކީ ބޭނުންމެއް ނެތް އެއްޗެއް ނަމަ ޑޭޓާ އެއްކޮށް ޑިލީޓްކޮށްލާނެ ނޫނީ ފައިލް ކޮރަޕްޓް ކޮށްލާނެ،" ރާއްޖޭގެ ބޮޑެތި އައިޓީ ކުންފުނިތަކުގެ ސިސްޓަމް ބަލަހައްޓަމުން ގެންދާ ތަޖުރިބާކާރު ވިދާޅުވި އެވެ.

"ރެންސަމްވެއާ ހަމަލާ ތަކަކީ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނި ތަކަށް ވެސް އަންނަ ހަމަލާތަކެއް. މިހާރު މިފަދަ ހަމަލާތަކުން އެންމެ ބޮޑެތި ސާވާތައް ވެސް ފުނޑާލާ އެބަ. ސިސްޓަމް ހެކަރުންގެ ބާރު ދަށަށް ގެންގޮސް ޑިމާންޑް ކުރާނެ ފައިސާ އަށް. އާއްމުކޮށް ކްރިޕްޓޯގެ އެކި ގޮތްތައް ފައިސާ ޖަމާ ކުރާ އެދޭނީ."

"ރެމްސަމްވެއާ" ހަމަލާއަކީ ދުނިޔެއަށް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިވާނެ ބޮޑު "ހަނގުރާމަ" އިގެ ގޮތުގައި މި ދާއިރާގެ ތަޖުރިބާކާރުން އެއްބަސްވެ އެވެ. މި އަހަރަށް ބަލާނަމަ ރަޝިއާ އިން ޔޫކްރޭން އަށް ދިން ހަމަލާއާއެކު ރަޝިއާގެ ނެޓްވޯކް ތަކަށް މިފަދަ ގިނަ ހަމަލާ ތަކެއް ދަނީ ދެމުންނެވެ.

ދެހާސް ވިހި ވަނަ އަހަރު އެކަނި ބަލާނަމަ ރެންސަމްވެއާ ހަމަލާދީ އެކި ކުންފުނިތަކުން ކްރިޕްޓޯ ކަރަންސީގެ ގޮތުގައި "ވަގަށް ނެގި" ފައިސާގެ އަގު 350 މިލިއަން ޑޮލަރަށްވުރެ މައްޗެވެ. މި އަދަދަކީ 2019 ވަނަ އަހަރު ދިން މި ބާވަތުގެ ހަމަލާތަކާ އަޅާ ބަލާނަމަ 300 ޕަސެންޓު އިތުރުވުމެކެވެ. ރާއްޖެއަށް ބަލާނަމަ މި އަހަރު ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ސާވާ އަށް ވެސް މި ބާވަތުގެ ހަމަލާ އަރާފައިވެ އެވެ.

ސައިބަ ހަމަލާ ތަކުން ދިފާއުވާން ކުރެވޭނެ ކަމަކީ ކޮބައި ހެއްޔެވެ؟

އައިޓީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި މިފަދަ ހަމަލާއަކުން ދިފާއުވާން ކުރެވޭނެ އެންމެ ބޮޑު ކަމަކީ ހޭލުންތެރިކަން އިތުރު ކުރުމާއި ސިސްޓަމްގެ ސެކިއުރިޓީ ވަރުގަދަ ކުރަން ޕްރޮގްރާމްތައް އަޅާފައި ބެހެެއްޓުމެވެ. ފަޔާވޯލް ފަދަ ސިސްޓަމް ސެކިއުރިޓީ ސޮފްޓްޗެއާތައް ރަނގަޅަށް ބެހެއްޓުމެވެ.

"އާއްމުކޮށް މެއިލްތަކަށް ހުންނާނެ އެކި ފައިލް ފޮނުވާފަ އެ މީހުން [ހެކަރުން] އެ ފައިލް ހުޅުވާލުމާއެކު ނެޓްވޯކުގެ ތެރެއަށް އެ ދޭ. މީގައި އެންމެ މުހިންމު ކަމަކީ ހޭލުންތެރި ކުރުވުން. އޮފީހެއްގައި އެތަށް ބަޔަކު އުޅޭއިރު ކިތަންމެ ވަރުގަދަ ސިސްޓަމަމެއް ވިޔަސް ހަލާކުވެދާނެ އެންމެ މީހަކަށް ހެދޭ ގޯހަކުން. އެންމެ ފައިލެއްގެ އެންމެ ފޯލްޑާއެއް ހުޅުވާލާތަކުން މުޅި ސާވާއެއްކޮށް ހަލާކު ވެގެން ހިންގައިދާނެ،" ރާއްޖޭގެ މަޝްހޫރު ޑިވްލޮޕަރަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ސްޓެލްކޯއަށް ދިން މި ސައިބަ ހަމަލާއަކީ މިފަދަ "ލާގް ސްކޭލް" އެއްގައި ދިން ކަމަށް މިހާތަނަށް އެނގުނު ހަމަލާއެވެ. އެހެންވެ މިކަމަކީ ސީރިއަސްކޮށް ރާއްޖޭން ލޯ ހުޅުވައިގެން ތިބެން ޖެހޭ ކަމެއްގެ ގޮތުގައި މިވަނީ ބަލަން ޖެހިފަ އެވެ. ކޮމްޕިއުޓަށް ދިރިއުޅުން ދޫކޮށްލައިގެން މަސައްކަތް ކުރަމުންދާ މިފަދަ ޒަމާނެއްގައި މިފަދަ ކަންކަމަށް ލޯ ނުހުޅުވައި ތިބެއްޖެނަމަ ކޮންމެ ފަދަ ގެއްލުމަކާވެސް ކުރިމަތިލާން ޖެހިދާނެ އެވެ.