ސްޓެލްކޯ

ސްޓެލްކޯގެ "މިނިވަން މަސައްކަތްތެރިޔާ"ގެ ފައުޖު

Mar 4, 2021
9

ސްޓެލްކޯ އިން "މިނިވަން މަސައްކަތްތެރިޔާ" ގެ ނަމުގައި ޕްރޮގްރާމެއް ފެށީ ދިވެހިންނަށް ވަޒީފާ ހޯދައިދޭށެވެ. ހާއްސަަކޮށް ކޮވިޑާްއެކު ހާލުގައި ޖެހިފައި ތިބި ޒުވާނުންނަށް އިތުރު ގޮތެއް ހޯދައި ދޭށެވެ. މި ޕްރޮގްރާމު ފަރުމާކޮށްފައި ވަނީ އާއްމުކޮށް ބިދޭސީން ކުރާ މަސައްކަތްތައް ވެސް އެމީހުންގެ އަތުން "އަތުލައި" ދިވެހިންނަށް ހޯދައި ދިނުމަށެވެ. ސްޓެލްކޯގެ "މިނިވަން މަސައްކަތްތެރިޔާ" ޕްރޮގްރާމްގައި މިހާރު ހެޔޮވަރު ފައުޖެއް މަސައްކަތް ކުރެ އެވެ.

އެ ކުންފުނީގެ ބޭނުމަކީ ނިވަން މަސައްކަތްތެރިންގެ ދަފުތަރެއް އެކުލަވާލައި އެ ކުންފުނިން އާއްމުކޮށް ބިޑަށް ލައިގެން ކުންފުނި ތަކުން ބިދޭސީން ލައްވާ ކުރުވާ މަސައްކަތްތައް ބިދޭސީންނަށް ނުދިނުމެވެ. އެކަމަކު ދިވެހިންނަށް އެ މަސައްކަތްތަކާ ހަވާލު ކުރުމެވެ.

މިނިވަން މަސައްކަތްތެރިޔާގެ ވަޒީފާއަށް ނުކުންނަ މީހަކަށް ކޮއްތު ފައިސާއާއެކު ދުވާލަކު 425ރ. ލިބޭނެ އެވެ. އަދި އިނާޔަތުގެ ފައިސާ ބަހާނީ ހަފުތާ ނިމުމުންނެވެ. މި ވަޒީފާއަކީ ބޭނުން ގަޑިއެއްގައި މަސައްކަތް ކޮށްލާފައި ދެވޭނެ "ފްލެކްސިބަލްކޮށް" އޮންނަ ވަޒީފާ އެކެވެ. މި ވަޒީފާގައި އަށް ގަޑިއިރަށްވުރެ މަދުން މަސައްކަތް ކުރި ނަމަވެސް އެބައި ކެނޑުމަށްފަހު އެ މީހަކަށް ހައްގުވާ އިނާޔަތް ދޭނެ އެވެ. އެހެންވެ، މި ވަޒީފާގައި މިހާރު ގިނަ އަދަދެއްގެ ޒުވާނުން މަސައްކަތް ކުރެ އެވެ.

ދެ ކުދިންގެ ބައްޕަ، ހުސެއިން މަފާޒު

ދެ ކުދިންގެ ބައްޕައެއް ކަމަށްވާ ހުސެއިން މަފާޒުއަކީ މިނިވަން މަސައްކަތްތެރިޔާ ވަޒީފާގައި އުޅޭ ހީވާގި ޒުވާނެކެވެ. އޭނާއަކީ ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން "ހާލުގަ ޖެހުނު" މީހެކެވެ. ކުރިން ކުޑަ ފިހާރައެއް ހުޅުވައިގެން ރަނގަޅު އާމްދަނީއެއް ލިބުނު ނަމަވެސް އޭނާގެ ދިރިއުޅުން އެފުއް މިފުށަށް ޖެހިގެން ދިޔައީ ކޮވިޑްގެ ސަބަބުން އިގްތިސޯދު ހީނަރުވެ ވިޔަފާރި ހުއްޓުމުންނެވެ.

އޭނާގެ އަޒުމަށް ބަދަލެއް ނުގެނެސް އުންމީދު ކުރީ ރަނގަޅަކަށެވެ. ސްޓެލްކޯގެ މިނިވަން މަސައްކަތްތެރިން ނަގަން އިއުލާނު ކުރުމުން އޭނާ ކުރިމަތިލި އެވެ. މިއަދު އޭނާއަކީ ސްޓެލްކޯގެ "މިނިވަން މަސައްކަތްތެރި" އެކެވެ. މި ވަޒީފާއާއެކު އޭނާގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ އާއިލާ އަށް އުފާވެރިކަން އަނބުރާ ލިބިފައި ވެއެވެ.

"މި ބާވަތުގެ މަސައްކަތެއްގެ މި ކުރަނީ މުޅިން އަލަށް. ވަރަށް ތަފާތު ކަމެއް މިއީ. ވަރަށް ހިތްހަމަ ޖެހޭ މިކަހަލަ ވަޒީފާއެއް ލިބުނީމަ،" 31، މަފާޒު ކިޔައިދިނެވެ.

ވަހީދުގެ ނަސޭހަތް - ޒުވާނުން ނުކުމޭ

މިނިވަން މަސައްކަތްތެރިއެއްގެ ގޮތުގައި ސްޓެލްކޯގައި މަސައްކަތް ކުރާ އުމުރުން 32 އަހަރުގެ މުހައްމަދު ވަހީދު ބުނި ގޮތުގައި ކޮވިޑާއެކު ދިރިއުޅުން ހާލުގައި ޖެހިފައި ވަނިކޮށް ސްޓެލްކޯ އިން ދިނީ ބޮޑު އެހީތެރި ކަމެކެވެ. މިއީ ޒުވާނުން ކުޑަކުޑަ ހިތްވަރެއް ލައިގެން ކޮށްލެވޭނެ މަސައްކަތެއްގެ ގޮތުގައި އޭނާ ދެކެ އެވެ.

"ގިނަ ޒުވާނުންގެ ވަޒީފާ ވަނީ ގެއްލިފައި އެއިން އެކަކު އަޅުގަނޑަކީ ވެސް. އެކަމަކު މިއީ ހަމަ ރަނުގެ ފުރުސަތެއް. ބޭނުން ވަނީ ހިތްވަރެއް." ވަހީދު ބުންޏެވެ.

އޭނާ ކުރިން މަސައްކަތް ކުރީ އެމްޕީއެލް ސަރަހައްދުގައި މަޖޫރީއެއްގެ ގޮތުގަ އެވެ.

"ތިން ކުދިންނާއި އަންބެއް ގޮވައިގެން އުޅޭ މީހެއް މިއީ. މި ހާލަތު ލައްވާލައިގެން ދިރިއުޅުން ސުމަކަށް ވެއްޓުނު. އެކަމަކު ސްޓެލްކޯ އިން މި މަސައްކަތް ދިނީމަ މި ކުރިއަށް ދަނީ. މިހާރު މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި އެބަ ލިބޭ 13،000ރ. އާއި 14،000ރ. ވަރު،" ވަހީދު ބުންޏެވެ.

ޒުވާން ޝާހު، ހިތްވަރާއެކު

ސްޓެލްކޯ މިނިވަން މަސައްކަތްތެރިންގެ ޕޫލްގައި ވަރަށް ގިނަ ޒުވާނުން މަސައްކަތް ކުރެ އެވެ. މިފަދަ އެއް ޒުވާނަކީ އުމުރުން 29 އަހަރުގެ ހުސެެއިން ޝާހެވެ. އޭނާ މިބާވަތުގެ ވަޒީފާ އަކަށް ނުކުތީ މުޅިން އަލަަށެވެ. ކުރިން އެއީ ގްރެފިކްސް ޑިޒައިނަރެވެ. ނަމަވެސް ކޮވިޑާއެކު ވަޒީފާ ގެއްލުމުން އޭނާ ވެސް މި ވަޒީފާއަށް ނުކުތީ އެވެ.

"ބައެއް މީހުން ހީކުރަނީ ވަރަށް ދަށް ވަޒީފާއެކޭ. މީގައި ޖެހެނީ ހަމަ ކެރިގެން ނުކުންނަން. ހުރިހާ މީހުން ވެސް ވަރަށް ސަޕޯޓް. މިއީ ޒުވާނުން ނުކުނަން ވަރަށް ރަނގަޅު ވަޒީފާއެއް،" ޝާހު ބުންޏެވެ.

އެއް ޓީމެއް - އެއް އަޒުމެއް

މިނިވަން މަސައްކަތްތެރިންގެ ގޮތުގައި އުޅޭ ޒުވާނުންނަކީ ޕާޓްޓައިމް ސްޓާފުންނެވެ. އެކަމަކު އެ މީހުން ވެސް މަސައްކަތް ކުރަނީ އެހެން މުވައްޒަފުންނެކޭ ތަފާތެއް ނެތި އެވެ. އެއް ޓީމެއްގެ ގޮތުގައި އެއް އަޒުމެއްގަ އެވެ.

މިނިވަން މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހުން ހަރަކާތްތެރިވާނީ ސްޓެލްކޯ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އެކުވެރިކަމާއެކު އެއް ޓީމެއްގެ ގޮތުގަ އެވެ.

"އެއްވެސް މުވައްޒަފެއް މި ވަޒީފާގައި ތަފާތު ކުރުމެއް ނޯވެ. ހަމައެއްކޮށް އުޅެނީ އެހެންވެ މިއީ އެންމެ ހިތްހަމަ ޖެހޭ ކަމަކީ. މިކަމަށްޓަކައި ސްޓެލްކޯގެ އެންމެ އިސް މެނޭޖުމަންޓަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ކުރިން ވާހަކަ ދެއްކި ވަހީދު ބުންޏެވެ.