އެންސިސް ފިޝަރީޒް

އެންސިސްގެ ދުވެލި މަހަށްވުރެ ހަލުއި!

މަހުގެ ވިޔަފާރީގައި ކުރި އަރައި އޮބަމުންދާ ދިވެހި އަމިއްލަ ކުންފުނި "އެންސިސް ފިޝަރީޒު" ން ހުޅުމާލޭގައި އިމާރާތް ކުރާ ދަޅު މަސް ބަންދު ކުރާ ކާރުހާނާގެ ބޮޑުބައި ނިންމާލައި ފިނި ކޮށާރު (ކޯލްޑް ސްޓޯރޭޖް) ޓެސްޓް ކުރަން ޖައްސައިފި އެވެ.

ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން އެންސިސް ފިޝަރީޒުން ހުޅުމާލޭގައި ހަދާ މަސް ފެކްޓްރީގެ މަސައްކަތް ކުރިއަށްދާއިރު އެ މަސައްކަތް ވަނީ "އަވަސް"ގެ ނޫސްވެރިންނަށް ދައްކާލާފަ އެވެ. މުޅި ކާރުހާނާ ދައްކާލުމަށް ބޭއްވި ޓްއާގައި އެ ކުންފުނީގެ ދެ ޑިރެކްޓަރުން ކަމަށްވާ އަބްދުﷲ ސައީދާއި މުހައްމަދު ވަސީމް ބައިވެރިވައިގެންނެވި އެވެ.

ދަޅު މަސް ބަންދު ކުރާ ގޮތަށް ރާއްޖޭގައި ހަދާ ތިންވަނަ ފެކްޓްރީގެ މަސައްކަތް ކުރިއަށްދާ ގޮތާބެހޭ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވަސީމް ވިދާޅުވި ފެކްޓްރީގެ މަސައްކަތް އަންނަ މާޗު މަހު ނިންމާލާއިރު އަހަރު މެދުން ޖުލައި މަހުގެ ތެރޭގައި ދަޅު މަސް އެކްސްޕޯޓް ކުރަން ފަށާނެ ކަމަށެވެ.

"ފެކްޓްރީގައި ހިމެނޭ 1500 ޓަނުގެ މަސް ފިނިކޮށްފައި ބެހެއްޓޭ ކޯލްޓް ސްޓޯރޭޖް [ފިނި ކޮށާރެ] އް ގެ އިތުރުން 25 ޓަނުގެ ކޭނަރީއެއް. މި ކޭނަރީގެ ވަރަށް ބޮޑު ބައެއް މިހާރު ހިންގާ ފެކްޓްރީގެ ބައި ޕްރޮޑަކްޓްތައް [މަސް މަހުން ބާކީވާ ބާވަތްތަކުގެ އުފެއްދުން] ތައް އުފެއްދުން. މީގެ އިތުރުން ކަނޑުމަހުގެ އުފެއްދުންތައް،" ވަސީމް ވިދާޅުވި އެވެ.

ކޯލްޑް ސްޓޯރޭޖް ޓެސްޓް ކުރަން ފެށުން

ޔޫރަޕާއި ދުނިޔޭގެ އެކި ބާޒާރުތަކަށް މަސް ބޭރު ކުރާ ގޮތަށް ހަދާ މި ފެކްޓްރީ ތަރައްގީ ކުރަމުން ގެންދަނީ މަސް ފިނި ކުރަން ހާއްސަ 1،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްއަކާއެކުގަ އެވެ. މިތަން ފަރުމާ ކޮށްފައިވަނީ ފިނި ކޮށާރުގެ ފަސް ކޮށާރު ހުންނާނެ ގޮތަށެވެ. މިތަން އިއްޔެ ވަނީ ޓެސްޓް ކުރަން ފަށާފަ އެވެ.

ވަސީމް ވިދާޅުވި ގޮތުގައި މިތަން ފަސް ބަޔަކަށް ހެދުމުގެ މައިގަނޑު ބޭނުމަކީ މުޅިތަން އެއް ފަހަރާ ޖެއްސުމުގެ ބަދަލުގައި މަސް ލިބޭ ވަރަކަށް ބައިތައް ވަކިން އޮޕަރޭޝަންގައި ބާއްވާށެވެ.

"ފަސް ބަޔަކަށް ބަހާލީ މަސް މަދުން ލިބޭ ދުވަސްވަރު މަދުން ޖައްސާފަ އަނެއް ބައި ލިބޭ ދުވަސްވަރު ޖައްސަން،" ވަސީމް ވިދާޅުވި އެވެ.

މަސް ފެކްޓްރީގެ ފަހުގެ ސާމާނު

ތައިލެންޑުގެ ކުންފުންޏަކުން މެޝިނަރީ ރާވަމުން އަންނަ މި ފެކްޓްރީ ހަދަމުން ދަނީ ހުޅުމާލެއިން ލިބޭ އެންމެ ބޮޑު ބިމުގެ ސަރަހައްދުގަ އެވެ. އެންސިސްގެ މުވައްޒަފުން ހަދާފައިވާ މި އިމާރާތުގައި ދެ ބައެއް ހިމެނެ އެވެ. އެގޮތުން އެއް އިމާރާތް ފަރުމާ ކޮށްފައިވަނީ ފަސް ބުރިއަށެވެ. އަނެއް އިމާރާތުގައި ހުރީ ތިން ބުރި އެވެ. މިތަންވެސް ފަރުމާ ކޮށްފައިވަނީ ފަހުން ފަސް ބުރިއަށް ނެގޭ ގޮތަށެވެ. "ޕްރީފެބް" ކޮށް ހަދާފައިވާ މި އިމާރާތް ތަކުގައި ދަޅު މަސް އުފައްދާނެ އެންމެ ފަހުގެ އާލާތްތައްވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން ކަރަންޓުން މަސް ކައްކާނެ ވަސީލަތްތަކާއި ދަޅުގައި ބަންދު ކުރުމަށްފަހު އަލުން އެ ދަޅުތައް ކައްކާނެ މެޝިނަރީތައް ހިމެނެ އެވެ. އަދި މިތަނުން ގިނަ މެޝިނަރީ ތަކަކީ އޮޓަމެޓިކުން މަސައްކަތް ކުރާ އާލާތް ތަކެވެ.

މި ފެކްޓްރީއަށް ކަރަންޓު ދެނީ ވެސް އެންސިސްގެ ޖަނަރޭޓަރު ތަކުން އުފައްދާ ކަރަންޓުން އެވެ. ދަޅު މަހަށް އަޅާ ތެޔޮ ވެސް އުފައްދާނީ މިތަނުގަ އެވެ.

މަސްވެރިންނަށް އުފާވެރި ހަބަރެއް!

ރާއްޖޭގައި ކަނޑު މަސް ކިރުވޭނެ ގޮތް މި އޮތީ ހުވަދު އަތޮޅާއި ލ. އަތޮޅު އަދި އެ އަތޮޅުތަކާއި ކައިރި ހިސާބުތަކުގަ އެވެ. ހާއްސަކޮށް މާލެ އަތޮޅުގައި މިފަދަ ވަސީލަތްކެއް ނެތެވެ. ނަމަވެސް އެންސިސްއިން މި ފެކްޓްރީ ގާއިމް ކުރުމާއެކު އަމާޒަކީ މިތަން ފައްކާ ކުރުމެވެ. އަދި މި ސަރަހައްދުގެ މަސްވެރިންނަށް މަސް ގަނެވޭނެ ވަސީލްތައް ގާއިމް ކުރުމެވެ.

ވަސީމް ވިދާޅުވި ގޮތުގައި ފެކްޓްރީ އަށް މަސް ގަންނަން ފެށުމުން މި ސަރަހައްދުގެ މަސްވެރިންނަށް ހަމަ އަގު ލިބިގެންދާނެ އެވެ. އަދި އެކަމަށް ހާއްސަކޮށް ހުޅުމާލޭގައި ހަދާފައިވާ ބަނދަރަށް އެއް ފަހަރާ 20 ދޯނި ކައިރި ކުރެވޭނެ އެވެ.

"މިހާރު އެބަ ވިއްކާ ކަނޑު މަސް ނުއަގުގައި ވެސް މި ސަރަހައްދުގައި. ނަމަވެސް އަޅުގަނޑުމެން ޔަގީންކަން ދޭނަން ކިރުވާ މަސްކޮޅަށް ވަގުތުން ފައިސާ ލިބޭނެ. މިހާރުވެސް އަޅުގަނޑުމެން މީގެ އެއްވެސް މައްސަލައެއް ނުޖެހޭނެ. އެއީ ދޭނީ އިތުރު ޔަގީން ކަމެއް،" ވަސީމް ވިދާޅުވި އެވެ.

އިތުރު 500 ވަޒީފާ، ދިވެހިންނަށް

މިހާރު ވެސް އެންސިސްގައި 500 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރެ އެވެ. އަލަށް ހުޅުވާ ފެކްޓްރީގައި އިތުރު 500 ވަޒީފާ އުފެދޭނެ އެވެ. އެ ކުންފުނީގެ އަމާޒަކީ މި ވަޒީފާތަކަށް ދިވެހިން ހޯދުމެވެ. އެންސިސްއަކީ މުވައްޒަފުންނަށް އަބަދު ވެސް ރަނގަޅު ކުންފުންޏެވެ. ހާއްސަކޮށް އެ މީހުންނަށް ދޭ ހިދުމަތްތަކާއި ވަސީލްތަތަކުގެ ގޮތުންނެވެ.

ކުންފުނި އޮތީ މި ވަޒީފާ ތަކަށް ދިވެހިން ލިބޭ ކަމަށް އުންމީދުކޮށްގެނެވެ.

"ހުޅުމާލެ އާއި މާލެ ބްރިޖުން މި އޮތީ ގުޅިފައި. އެހެންވެ އުންމީދު ކުރަނީ ގިނަ ބަޔަކު ވަޒީފާއަށްއަންނާނެ ކަމަށް. މިހާރު ވަރަށް ފަސޭހަ އެކަމަށް. އެހެންވެ، ވަަރަށް ބޮޑު އުންމީދެއް އެބައޮތް ދިވެހިން މި ވަޒީފާތަކަށް ލިބޭނެ ކަމަށް. އަޅުގަނޑުމެންގެ އުންމީދަކީ މިއީ. ދިވެހިންނަށް ފުރުސަތު ދިނުން."