ހަބަރު

އިއާދަކުރަނިވި ހަކަތައާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖެ-ޔޫއޭއީ ސޮއިކޮށްފި

Jan 16, 2019
1

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން، ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އަބޫދާބީ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން އެވެ. އަދި ޔޫއޭއީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ޡާނީ އަލް ޒަޔޫދީ އެވެ.

މި ސޮއިކުރި އެމްއޯޔޫގެ ދަށުން ދެ ގައުމު ދެމެދުގައި އިއާދަކުރުނިވި ހަކަތައިގެ ދާއިރާއިން ސިޔާސަތު އެކުލަވާލުމުގައި ތަޖުރިބާ އާއި ސައިންޓިފިކް އަދި ޓެކްނޮލޮޖިކަލް މައުލޫމާތު ހިއްސާކުރާނެ އެވެ. މި އެމްއޯޔޫއާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީ އިން ބުނީ، މިއީ ދެ ގައުމު ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރުގެ އެއް އަމާޒުކަމުގައިވާ ދެމެހެއްޓެނިވި ކުރިމަގަކަށް ކުރެވޭ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

މި އެއްބސްވުމުގައި ސޮއިކޮށްފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގަ އެވެ.