ރިޕޯޓް

ދޮންހިޔަލަ އާއި އަލިފުޅު ލެކިއުޓް ތެރޭގައި!

"ދޮންހިޔަލަ އާއި އަލިފުޅު" ގެ ދެގޮތެއް ނުވާ ގަދަ ލޯތްބަކީ އަސަރުހުރި ލޯތްބެކެވެ. ވޭނާއި ރިހުން އެކުލެވޭ ލޯތްބެކެވެ. ލޯބީގެ މި ވާހަކައަކީ ދިވެހި ރާއްޖެ ފެންމަތީގައި އޮތްހާ ދުވަހަކު ދިވެހިންގެ ތެރޭގައި ޝައުގުވެރި "ފުރާނައެއް" އެޅިފައި އޮންނާނެ ވެސް ލޯތްބެކެވެ. އެކަކު އަނެކަކަށްޓަކައި ޖާނާއި ފުރާނައިން ގުރުބާންވި ބުރުނީ ކަމަނާ، ނުވަ ދޮންހިޔަލަ އާއި ހުޅުދެލީ އަލިފުޅުގެ ލާމަސީލު ލޯތްބަށް ދިވެހިން ގަދަރު ކުރެ އެވެ. އިޝްގުގެ އެންމެ މަތީ ފެންވަރުގައި އެ ލޯބި އުފުލައިފި އެވެ. އެ ލޯތްބަކީ ހަގީގީ ލޯބީގެ މިސާލު ކަމަށް ބަލަމު އެވެ. އެއީ ދިވެހިންގެ "ރޯމިއޯ އެންޑް ޖޫލިއަޓެ" ވެ. މާވަރެއްގެ މައްޗަށް ފުންމާލައިގެން ލޯތްބަށްޓަކައިވީ ގުރުބާނީގެ އަގު ވަޒަންކޮށް، އެތައް ލަވައަކާއި ވާހަކައެއް ހަދައިފީމު އެވެ. ފިލްމެއް ވެސް ހަދައިފި އެވެ. ދިވެހިންނަށް ލޯބި އެންމެ ލޯބީ ކަރުނައިގެ ތެރޭގައި ކަމަށް ބުނެވެނީ ވެސް ހިޔަލަ އާއި އަލިފުޅުގެ ލޯބީގައި އޮހޮރާލި އުފުލައި ހިތާމައިގެ ކަރުނައިންނެވެ. ލޯތްބަކީ ޖެއްސިއަސް ވެސް ރޯނުވާ، ރޯ ވެއްޖެ ނަމައީ ނުމެނިވޭ އެއްޗަކަށް ދިވެހިންނަށް ވީވެސް ވެސް އަލިފުޅާއި ހިޔަލައިގެ ވާހަކައިގެ ހާދިސާތަކުގެ ތެރެއިންނެވެ. މިއަށް "ލޭފަ - އަ މޯލްޑިވިއަން ލަވް ސްޓޯރީ" އޭ ކިޔަމާ ހިނގާށެވެ.

މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީއާއި މަޝްހޫރު ސެންޓް ފިހާރަ "ލެކިއުޓް" ގުޅިގެން، ބާއްވަމުން އަންނަ "ސޯލޯ އާޓް އެގްޒިބިޝަންގައި" ކުރެހުންތެރިޔާ އަބްދުﷲ ތައުފީގް (ތައު) އޭނާގެ ކުލަ ފިހި، މީރު ވަސް ދުވާ ލެކިއުޓްގެ ތެރެއަށް ފޮޅައިލުމުން ބުރައިގެން ދިޔަ ކުލަތިކިތައް ކުރަހައި ދިނީ ދޮންހިޔަލަ އާއި އަލިފުޅުގެ ސާފު ހުދުހާ ހުދު، އަދި ފުން ކަނޑުހާ ފުން ލޯތްބެވެ. "ލޭފަ - އަ މޯލްޑިވިއަން ލަވް ސްޓޯރީ" ގެ މީރު ވަހެވެ.

ތައުގެ ކުލަފިހިން ބުރުނީ ކަމަނާ އާއި ހުޅުދެލީ އަލިފުޅުގެ ލޯބި ދައްކުވައި ދޭން ހަތް ކުރެހުމަކަށް ވަނީ ރޮނގު ދަމައި ކުލަ އުކާފަ އެވެ. މިއީ ތައުގެ ފުރަތަމަ އަމިއްލަ އެގްޒިބިޝަނެވެ. އޭނާގެ 16 އަހަރުގެ ތަޖުރިބާއަށް ފަހު ދިވެހި ގަދީމީ ފޯކްލޯރު ލެކިއުޓުގެ ތެރެއަށް ވެއްދީ ބަލައި އާޝޯހު ވާވަރުވާނެ އަދި ލޯތްބެއްގެ ތެރެއަށް ގެނބިލެވޭނެ ރީތި އަދި ފުރިހަމަ ކުރެހުންތަކަކުންނެވެ.

"ވަރަށް ވަގުތު ކުޑަވެފައި އޮއްވާ މި ޗާންސް ލިބުނީ. ދެހަފުތާ ވެސް ނުވާނެ މި ހުރިހާ ކުރެހުމެއް ނިންމަން. ފުރަތަމަ ޗާންސް ލިބުމުންވެސް ހިތަށް އެރީ މިކަހަލަ އެއްޗެކޭ ހަދާނީ. މިއީ ރާއްޖޭގެ ކްލެސިކަލް ރޮމޭންޓިކް ފްލޯކް ވާހަކަ އެއްވީމަ ހިތަށް އެރީ މިވާހަކަ އަށް 'ޓްރިބިއުޓް' އެއް ދޭނީ އޭ،" އޭނާ ބުންޏެވެ.

ހިޔަލަ އާއި އަލިފުޅުގެ ލޯބި ދައްކުވައިދޭ ކުރެހުންތައް ތައުގުގެ އަމިއްލަ ގޮތް ވެއްދީ ވާހަކަ ލިޔުންތެރިޔާ އަބްދުﷲ ސޯދިގުގެ ވާހަކައިގެ އަސްލު ނުގެއްލޭނެ ގޮތަށް ވާހަކައިގެ ފުނަށް ވަދެފައި ނުކުމެ އެވެ. ތާރީހީ ވާހަކައަކަށް "ޓްރިބިއުޓް" އެއް ދޭއިރު މާނަ އޮޅިގެން ނުދާނެ ގޮތަކަށް އޭނާގެ ކުލަފިހި ގެންގުޅެފައި ވެއެވެ.

"ކުރަހަން ފެށުމުގެ ކުރިން އެންމެ ފުރަތަމަ ވެސް ސޯދުބެ ލިޔުއްވާފައިވާ ވާހަކަ ކީ. އެއީ އެހާ ކުރު ވާހަކައެއް ވެސް ނޫން. އެކަމަކު ފުދޭ ވަރަކަށް ސިފަކުރުންތަކާ އެކީ ލިޔެފައި ހުރީމަ ފަސޭހަވި ވިސްނާލަން އަސްލު ހުންނާނެ ގޮތް. އޭގެ ދިވެހި ވާހަކައަށްފަހު، އިނގިރޭސި ތަރުޖަމާވެސް ކިއިން، ތަރުޖަމާ ކިޔާލުމުން ފަސޭހަވި. އަދި ބައެއް ވީޑިއޯ ތަކާ އެކީ ރިސާޗެއް ހަދާލައި ޔަގީން ކޮށްގެން ކުރަހަން ފެށީ،"

ހަތް ކުރެހުމަކުން މުޅި ވާހަކަ ހުށަހަޅައި ދިން އިރު އެންމެ ފާހަގަ ކޮށްލެވުނީ ތައުގެ ކުރެހުމުގައި ގެންގުޅެފައިވާ ހާއްސަ "ސިގްނޭޗާ" އެވެ. ދިވެހި ގަލުވަޑާމުގެ ޑިޒައިންތައް ކޮންމެ ކުރެހުމަކަށް ވެސް އޭނާ ކޮއްޕާލާފައި ވެއެވެ. ފަތްމިނި ދޮންހިޔަލަގެ ލިބާހުގެ ކަސަބުގަނޑާ ހަމައިން އަލިފުޅުގެ މުލައްދަނޑީގައި އަޅާފައިވާ ބަޑީގައި ވެސް ތައުގެ ފާޑުވެރިކަމާއި ވަންތަކަން ހިމަނާފައި ވެއެވެ. އެއިން ކޮންމެ ކުރެހުމެއްގައި ތައު ހިމަނާފައިވާ އޭނާގެ ސިގްނޭޗާ އަށް ބަލައިލުމުން 2019 ގައި ދޮންހިޔަލަ އާއި އަލިފުޅުގެ ލޯބީގައި ފުރާނަ އެޅި، ތެދުވެ އުޅޭ އިހުސާސެއް ކުރެވެ އެވެ.

ތ. ބުރުނީ މަލިން މޫސަ އާއި ދޮން އައިސަ ފޮރުވާ ސިއްރު ކޮށްފައިވާ ފަތްމިނި ކަމަނާގެ ރީތިކަން ތައު ސިފަކޮށް ދީފައި ވަނީ އެއް ނަމްބަރު ކުރެހުމުގަ އެވެ. ޖެހިގެން ލައްގާލާފައި ހުރި ދެ ނަމްބަރު ކުރެހުމުގައި ހުޅުދެލީ ހައްވާފުޅު ހިތާމައިގައި އޮތް އަލިފުޅަށް ހުވަފެނުން ފެނުނު ރީތި ކުއްޖާ ކައިރިއަށް ދިޔުމަށް ދޯންޏެއް ބަންނަ ހިސާބަށް ގެންގޮސް ލައިދެ އެވެ. އެވެ. އަލިފުޅުގެ ހުށަހެޅުން ގަބޫލު ނުކުރެވުނީތީ ހިތާމަކޮށް އޭނާ ފުރައިގެން ދާތީ ރުޅި އައިސް ހައްވާފުޅު ހެދި ނުބައި ފަންޑިތައިގެ ފަންވަރާއި ކުލަވަރު ދައްކާލީ ތިންވަނަ ކުރެހުމުގަ އެވެ.

ހަތަރުވަނަ ކުރެހުމުގައި އަލިފުޅު ބުރުންޏަށް ކުރި ދިގު ދަތުރު ގެނެސްދެނީ ވާހަކައިގައި އުޅޭ ހުދު ދޫނި ވެސް ހިމަނައިގެނެވެ. އަލިފުޅަށް ދޮންހިޔަލަ ފެނި، ކައިވެނިކޮށް އެ ލޯބި ދައްކައިދެނީ ފަސްވަނަ ކުރެހުމުގަ އެވެ. އަދި ހިޔަލައަށް އެދި އެދި ހުރި ރަސްގެފާނަށް ފިލަން ދުއްވައިގަތް ދެ ލޯބިވެރިން ހަ ވަނަ ކުރެހުމުން ފެންނާނެ އެވެ.

މި ކުރެހުންތައް ނިންމާލަނީ ދޮންހިޔަލައަށް އަލިފުޅު ނޫން ލޯތްބެއް ބޭނުން ނޫން ކަމަށް ބުނެ އަމިއްލަ ފުރާނަ ދޫކޮށްލާ ހިސާބުންނެވެ. އަލިފުޅުގެ އަތްދަނޑިމަތީ ދޮންހިޔަލަގެ ފުރާނަ ނެތް މަސްގަނޑު އޮންނަ ހިސާބުން "ހަގީގީ ލޯބި މަރެއް ނުވާނޭ" ބުނެ ހަތްވަނަ ކުރެހުމުން ތައު އޭނާގެ "ލޭފަ - އަ މޯލްޑިވިއަން ލަވް ސްޓޯރީ" އޮންނަނީ މާވަރު މަތީގައި އަލިފުޅުގެ ހަށިގަނޑުވެސް ދެބުރިވެގެން ދިޔަ ގޮތަށް ޝައުގުވެރި ކުރުވައި ބުރިކޮށްލާފަ އެވެ.