މީހުން

ހެދިކާގެ ރަހަ މިލިއަނަކަށް

ބޭރުގެ މަޝްހޫރު މީހަކަށް ދިވެހި ހެދިކާ މީރުވެ އެ ވާހަކަ ހިއްސާކުރުމަކީ ހެދިކާގެ ވިޔަފާރިކުރާ މީހުންނަށް އުފާވެރި ހަބަރަކަށް ވާނެ އެވެ. ދިވެހި ހެދިކާ މީރުވެ އެ ވާހަކަ މިފަހަރު ދެއްކީ ސޯޝަލް މީޑިއާގައި އެތައް ބަޔަކު އެމީހެއްގެ ހަރަކާތްތައް ބަލަމުންދާ ޓިކްޓޮކްގެ މަޝްހޫރު ތަރި އެކެވެ. އެއް ބިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް މީޑިއާގެ މަންސައެއް ކަމުގައިވާ ޓިކްޓޮކްގައި "ކަރިސާއީޓްސް"ގެ ނަމުގައި މަޝްހޫރުކަން ހޯދާފައިވާ އެމެރިކާގެ ކަރިސާ ޑަމްބެޗާއަށް ދިވެހި ހެދިކާ މީރުވުމަކީ ދިވެހިންގެ ފަރާތުން ފަތުރުވެރިންނަށް ދެވޭ ރަނގަޅު މެސެޖެކެވެ.

ކަރިސާ މި މަހުގެ 4 ވަނަ ދުވަހު މާލެ އައީ "ސެވެން ސީސް އެކްސްޕްލޯރާ" ނަމަކަށް ކިޔާ ކްރޫޒްލައިނާގައި ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ. މިދަތުރުގައި ކަރިސާ ވަނީ ދިވެހި ހެދިކާ ރަހަ ބެލުމަށްފަހު ހެދިކާގެ ރަހައަށް ތައުރީފުކޮށް އޭނާގެ ޓިކްޓޮކް އެކައުންޓުގައި ރިވިއު ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.

ޓިކްޓޮކްގައި 1.4 މިލިއަނަށް ވުރެ ގިނަ މީހުން ފޮލޯ ކުރާ ކަރިސާގެ މި ވީޑިއޯ މިހާތަނަށް ގާތްގަނޑަކަށް ފަސްލައްކަ މީހުން ބަލާފައިވެ އެވެ.

މި ވީޑިއޯގައި ކަރިސާ ވަނީ ގުޅަ، ކުޅި ބޯކިބާ، މަސްރޮށި، ބިސްކީމިޔާ އަދި ފްޑް ކޯޓުން ޕުޑިންއާއި ޗޮކްލެޓް ފަޖް ކާ މަންޒަރު ހިއްސާކޮށް ދިވެހި އުފެއްދުންތަކާ މެދު އޭނާ ދެކޭ ގޮތް ހިއްސާކޮށްފަ އެވެ.

މިގޮތުން ހުރިހާ ހެދިކާއެއް ވެސް އޭނާ ސިފަ ކުރީ ކުޅި އަދި "ފްލޭވާފުލް" އެއްޗެހީގެ ގޮތުގަ އެވެ. އަދި ދިވެހި ހެދިކާގެ ރަހަތައް ކަރިސާ ވަނީ ތަފްސީލުކޮށް އިނގެރޭސި ބަހުން އޭނާ ފޮލޯކުރާ މީހުންނަށް ބުނެދީފަ އެވެ.

ސެވެން ސީސް އެކްސްޕްލޯރާގައި މަސައްކަތް ކުރަން ފެށީއްސުރެ ކަރިސާ އަންނަނީ އޭނާ ޒިޔާރަތްކުރާ ގައުމުތަކުގައި އޭނާއަށް އެންމެ ކަމުދާ ކާ އެއްޗެހި ރިވިއުކޮށް ޓިކްޓޮކް އަދި އިންސްޓަގްރާމުގައި ވީޑިއޯތައް ހިއްސާކުރަމުންނެވެ. އަދި ކްރޫޒް ލައިނާގައި މަސައްކަތް ކުރަން ފެށުމުގެ ކުރިން ކަރިސާ ވަނީ ތަފާތު ރެސްޓޯރެންޓުތަކުގެ ކާނާ ވެސް ރިވިއުކޮށްފަ އެވެ.

ޔުނިވާސިޓީ އޮފް ސެންޓްރަލް ފްލޮރިޑާގައި ތައުލީމު ހާސިލް ކުރި ކަރިސާ ވަނީ އެ ޔުނިވާސިޓިގެ ގިނަ ޑްރާމާތަކަކާއި މިއުޒިކަލްތަކަކުން ވެސް ކުރިން ފެނިފަ އެވެ. އަދި ކަރިސާ ކުޅުނު ބައެއް ރޯލުތަކުން އައިރީން ރަޔަން އެކްޓިން އެވޯޑަކަށް ވެސް އޭނާ ވަނީ ނޮމިނޭޓް ވެފަ އެވެ.

ސެވެން ސީސް އެކްސްފްލޯރާ އިން 600 ޓޫރިސްޓުން މާލެ އަށް ފޭބި އެވެ. ކަރިސާ ވެސް ހިމެނެނީ އެ ކްރޫޒްލައިނުން ފޭބި މީހުންގެ ތެރޭގައެވެ. ކަރިސާގެ ވީޑިއޯތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ބަލާއިރު މި ވީޑިއޯގެ ޒަރިއްޔާއިން ދިވެހި ހެދިކާ މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދާނެކަން ޔަގީނެވެ.