ބޮލީވުޑް

ސަލްމާންގެ ހާއްސަ ހަދިޔާއެއް ކަރީނާ އަށް

Jun 29, 2015

ސުޕަސްޓާ ސަލްމާން ޚާން އަކީ މޮޅު އެކްޓަރެއްގެ އިތުރުން މޮޅު ކުރެހުންތެރިއެއްވެސް މެ އެވެ.

އެކްޓްކުރުމުގެ އިތުރުން ލިބޭ ހުސްވަގުތު ތަކުގައި ކުރެހުމަށް ލޯބިކުރާ ސަލްމާން ވަނީ އޭނާ އާއިއެކު "ބަޖްރަންގީ ބައިޖާން" ގެ ލީޑްރޯލުން ފެނިގެންދާ ބަތަލާ ކަރީނާ ކަޕޫރަށް ވަނީ ދާދިފަހުން ހާއްސަ ކުރެހުމެއް ހަދިޔާ ކޮށްފަ އެވެ.

މި ފިލްމުގެ މަންޒަރެއްގައި ސަލްމާން އާއި ކަރީނާ ފެނިގެންދާ ގޮތް ދައްކުވާފައިވާ މި ކުރެހުން ސަލްމާން ކަރީނާ އަށް ހަދިޔާކޮށްފައިވާކަން މިފިލްމުގެ އޮފިޝަލް ޓްވިޓާ އެކައުންޓްގައި ވަނީ ހާމަކޮށްފަ އެވެ.

ދެ ލޯބިވެރިން ދައްކުވައިދޭ މި ކުރެހުމުގެ ފޮޓޯއެއް މީގެ ދުވަސްކޮޅެއް ކުރިން ސަލްމާން ވެސް ވަނީ އޭނާގެ ޓްވިޓާގައި ޕޯސްޓްކޮށްފަ އެވެ. އެހެންނަމަވެސް މިކުރެހުމަކީ ސަލްމާން ކަރީނާއަށް ދިން ހަދިޔާއެއްކަން ހާމަކޮށްފައިވަނީ "ބަޖްރަންގީ ބައިޖާން" ގެ ޓްވިޓާ އަށް ލި ފޮޓޯއަކުންނެވެ.

ދެ ހާސް އެގާރަ ވަނަ އަހަރު ނިކުތް ފިލްމު "ބޮޑީގާޑް" އަށްފަހު، ހަތަރު އަހަރު ފަހުން ސަލްމާން އާއި ކަރީނާ އެކުގައި ފެނިގެންދާ "ބަޖްރަންގީ ބައިޖާން" ިރިލިޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ.

"ބަޖްރަންގީ ބައިޖާން" އަކީ ޕާކިސްތާން މަންމަން ކުޑައަންހެންކުއްޖަކަށް އޮޅިގެން އިންޑިއާ-ޕާކިސްތާން ބޯޑަރު ހުރަސްކުރެވި، އިންޑިއާ ފަޅިއަށް އާދެވިގެން އެނބުރި ގައުމަށް ގެންގޮސްދޭން ސަލްމާން ކުރާ ދަތުރުގައި ދިމާވާ ކަންތައްތަކާއި ހާދިސާތައް ދައްކުވައިދޭ ފިލްމެކެވެ.

ކަބީރް ޚާން ޑައިރެކްޓްކޮށް ސަލްމާން ޚާން ޕްރޮޑިއުސްކުރާ މި ފިލްމުގައި ސަލްމާން އާއި ކަރީނާގެ އިތުރުން ހާއްސަ ރޯލުން ހަރްޝާލީ މަލްހޯތުރާ އާއި ނަވާޒުއްދީން ސިއްދީގީ ފެނިގެންދެ އެވެ.

ފިލްމުގެ ޓްރެއިލާ މިހާރު ރިލީޒްކޮށްފައިވާއިރު، ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުންގެ އިތުރުން ގިނަ ބަޔަކު އަންނަނީ ރިލިޒްކުރުމުގެ ކުރިން މިފިލްމަކީ "ބްލޮކްބާސްޓާ" އަށް ވާނެ ފިލްމެއް ކަމަށް ބުނެފަ އެވެ.