އާޒި - މާ ވަރަށް ރީތި!

ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް އައިޝަތު އާޒިމާ ޝަކޫރަކީ މީހުން ޖެހިލުންވާ އާދަޔާހިލާފު ބޭފުޅެކެވެ. އެކަމަކު ރައީސް މައުމޫނުގެ ސަރުކާރާއި ރައީސް ވަހީދުގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ މަތީ ލެވެލްގައި މަސައްކަތް ކުރެއްވި އާޒިމާއަކީ ވަރަށް ސަމާވެސް ބޭފުޅެކެވެ. ވަރަށް ހުނަރުވެރި ވެސް ބޭފުޅެކެވެ.

އާޒިމާއަކީ މިހާރުވެސް ރައީސް ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅާ އެވެ. އަދި ޕީޕީއެމްގެ އެއް ނައިބު ލީޑަރަކީ ވެސް އެއީ އެވެ. ރައީސް ޔާމީނާއެކު އެންމެ އުނދަގޫ އެންމެ ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެންނެވީ ވެސް އެކަމަނާއަށެވެ. ސިޔާސީ މައިދާނުގައި އަބަދުވެސް އެކަމަނާއަކީ ނުހުއްޓި ފާޑު ކިޔުން އަމާޒުވާ ބޭފުޅެކެވެ. އެކަމަނާގެ ޒާތަށަށާއި އަބުރަށް އަރައިގަނެ ކިޔާފައި ހުންނަ ފާޑުވެސް މަދެއް ނޫނެވެ. އެ ހުރިހާ ކަމަކާއެކު ވެސް މަދު ފަހަރަކު އެފްބީ ސްޓެޓަސްއެއް ޖަހާލުން ފިޔަވައި އަޅައެއް ނުލައްވަ އެވެ. އާޒިމާ އުޅުއްވަނީ އޭނާގެ އަމިއްލަ ދުނިޔޭގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންނަ އިންތިހާބުގައި ހޮޅުދޫ ދާއިރާއަށް އާޒިމާ ވާދަ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ މަސައްކަތުގައި އެކަމަނާ އުޅުއްވާތީއެއް ނުފެނެ އެވެ. އެ އާހިލާފަށް ފެންނަނީ ގޭގައި އިންނަވައިގެން އަތްތެރި މަސައްކަތެއްގެ ގޮތުގައި ކަރުދާހު މާ ހައްދަވާތީ އެވެ. ކޮންމެ ދުވަހަކު ވެސް އެކަމަނާގެ މަސައްކަތުގެ ބައެއް ހިފައިގެން ގޮސް ފޭސްބުކްގެ ތެރެއަށް ލައިދެ އެވެ. އޭނާގެ މާ ޓުކުރީގައި މުޅީން ވެސް ޖައްސަވާފައި ހުންނަވަނީ އެކި ކުލަ ކުލައިގެ ރީތި ހާ މާމެލާމެއްޔެވެ. އެކަމަނާގެ ތައްޔާރު ކުރައްވާ ކަރުދާހު މަލުގައި ދުވަނީ މީރުގެ ކޮން ވަހެއް ކަމެއް ނޭނގެ އެވެ. އެކަމަކު އެއް ކަމެއް ޔަގީނެވެ. އާޒި - މާ ވަރަށް ރީއްޗެވެ.

އާޒިމާގެ މާތައް ފެންނަނީ ކުލަކުލައިގެ ފޯމް ކަރުދާހުން މަލުގެ ފިޔަތައް ކޮށައި އެކި ގޮތްގޮތަށް ދަމާ، އަނބުރާ ތެރަސްލައި ތަތްކޮށް އެކަމަނާ އަތްޕުޅުން ތައްޔާރުކޮށް ފަރިވެ ފޮޅިގެން ކޮންމެ ދުވަހަކު ފޭސްބުކުގެ ތެރެއަށް "ވެއްޓުމުން" ނެވެ.

މަލެއް ފޮޅުވާން އާޒިމާ ހައްދަވާ ގޮތަކީ ޑިސްކޯ ކަރުދާސްގަނޑެއް މަލެއްގެ ފިޔަތަކެއްގެ ބައްޓަމަށް ކަފައި އެ ފިޔަތައް ތަނޑިއެއްގައި ހަރުކޮށްލަނީ އެވެ. ދެން މަލުގައި ކަނރުގަނޑެއް ހިމަނައި "ދިރުމެއް" ގެނުވަނީ އެވެ. އޭރަށް އާ - ޒިމާ އޭނީ އާޒިމާގެ އަތް މަތީން ފަރިވެ ފޮޅިފަ އެވެ.

މީގެ ކުރިން ނަމްބަރު އައިނެއް އަޅުއްވައިގެން އާޒިމާ އަބަދުވެސް ބައްލަވަން އިންވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށެވެ. އެކަމަކު މިހާރު ބަލައިބަލާށެވެ. އެކަމަނާގެ އެ މަޝްހޫރު އައިނު އަޅުއްވައިގެން މިހާރު އިންވަނީ މި ކަވި މަސައްކަތް ކުރައްވާށެވެ. އެކަމަނާގެ އެފްބީ ޕޭޖްގައި ވެސް މުޅިން މަލާއި ފަތާއި ފިޔަތަކާއި ކަރުގަނޑެވެ. -- ދެތިކި ޑީ

މުޅި ރާއްޖެއަށް މަޝްހޫރު ލަވައެއް ކަމަށްވާ "ކަވައިނީގެ އަމާޒު" އެ ލަވަ ވެސް މި ފަހުން ވިދާޅުވެ، އާންމުން ހައިރާން ކޮށްލި އާޒިމާ މި ތައްުޔާރު ކުރައްވާ ކަރުދާހު މާތަކަކީ ބޮޑު ކައިވެންޏަކަށް ތައްޔާރު ކުރާ މާތަކެއް ހެނެއް ހީއެއް ނުވެ އެވެ. ޝައުގުވެރި ކަމާއެކު އެކަމަނާ މި މަސައްކަތް ކުރައްވާއިރު އޭގައި ހިމަނާފައިވާ ކުލަތަކާއި އެކަން ހިއްސާ ކުރައްވާ ގޮތުން ބޮޑަށް ހީވަނީ މިއީ ކުރިންސުރެ އެކަމަނާގެ "ބަކެޓް ލިސްޓް" ގައި އޮތް ކަމަކާ ހަވާލުވެގެން އެކަން ކުރައްވަނީހެނެވެ.

ސިޔާސީ މަސައްކަތުން އަވައްޖެއް ވެގެން މި މާތައް ހާއްސަ އެ މުނާސަބަތަކާ ދިމާވާ ގޮތަށް ފަރިކޮށް ފޮޅުވައިލަނީ ހެނެވެ. ކޮންމެ ގޮތެއް ވިޔަސް އާޒިމާގެ އާޒި - މާ ގެ ކުލަ ރީތިވެފައި ފަރި އެވެ. ކަރުދާހު މަލުގައި ވެސް ވަހެއް ހުންނާނެ ދޯއެވެ.